Advertisement

ބުރުނު ޝިކާރު ޗެލެންޖު: ކުޑަ އައްޔަ ބަލިކޮށް އަޝްރަފް ޗެމްޕިއަންކަން ހޯދައިފި

21 ޖޫން 2023 - 00:39 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ބުރުނު ޝީކާރު ބޮޑީބޯޑިން ޗެލެންޖުގެ އޯޕަން ބައި ޗެމްޕިއަންކަން ހޯދި އަޝްރަފް ހަސަން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބުރުނު ޝިކާރު ޗެލެންޖު: ކުޑަ އައްޔަ ބަލިކޮށް އަޝްރަފް ޗެމްޕިއަންކަން ހޯދައިފި

21 ޖޫން 2023 - 00:39 0

މިދިޔަ އަހަރުގެ ޗެމްޕިއަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ފަހަތަށް ޖައްސާލައި، ގައުމީ ބޮޑީބޯޑީން ލީގުގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޗެމްޕިއަންކަން އަޝްރަފް ހަސަން ހޯދައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށި ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އަޝްރަފް ހޯދީ ފައިނަލް ހީޓު ކުޑަ 0.66ގެ ކުޑަ ތަފާތަކުން ކާމިޔާބުކޮށްގެންނެވެ. ފައިނަލް ހީޓުގައި ވާދަކުރީ އަޝްރަފް އާއި ކުޑަ އައްޔަގެ އިތުރުން އަލީ ޝާމް ރާފިއު އަދި އާމިން އުމަރު މޫސާ އެވެ.

ފޯރިގަދަ އަދި ވާދަވެރި ފައިނަލް ހީޓު ފަށައިގެން އާމިން ހީޓު ލީޑު ކުރި އެވެ. އޭގެ ފަހުން އަޝްރަފް، ޝާމް އަދި ކުޑަ އައްޔަވެސް ހީޓުގެ އެކި ހިސާބުތަކުގައި ހީޓު ލީޑު ކުރި އެވެ. އަޝްރަފް ލީޑު ނެގީ ހީޓުގެ ފަހު ތިން މިނެޓުގެ ތެރޭގަ އެވެ. އޭގެ ފަހުން އެންމެ ފަހު މިނެޓުގައި ކުޑަ އައްޔަ ރަނގަޅު ރާޅެއްގައި އަޅައި އެއް ރާޅުން ހީޓުގެ އެންމެ މަތީ ސްކޯވެސް ހޯދި އެވެ. ނަމަވެސް 0.66ގެ ސްކޯއަކުން ކުރި ލިބުނީ އަޝްރަފް އަށެވެ.

ބުރުނު ޝީކާރު ބޮޑީބޯޑިން ޗެލެންޖުގެ އޯޕަން ބައިގެ ފައިނަލް ހީޓުގައި އަޝްރަފް ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އަޝްރަފް ކުރި ހޯދީ ދެ ރާޅުން 14.16ގެ ސްކޯއެއް ހޯދައިގެންނެވެ. ކުޑަ އައްޔަ އަށް ދެ ރާޅުން ލިބުނީ 13.50ގެ ސްކޯއެކެވެ. ހީޓުން ތިންވަނަ ހޯދި އާމިން އަށް ހޯދުނީ 13.20ގެ ސްކޯއެކެވެ. ހީޓުގެ ހަތަރުވަނަ ލިބުނު ޝާމް އަށް ލިބުނީ 12.60ގެ ސްކޯއެކެވެ.

މިފަހަރު އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ފުވައްމުލަކުގެ އަޝްރަފްއަކީ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ރާޅާ އެޅުންތެރިއެކެވެ. މިދިޔަ އަހަރު އޮތް ގައުމީ ބޮޑީބޯޑިން މުބާރާތްކަމަށްވާ ބަނޑުފިލާ ޗެލެންޖުގައިވެސް އަޝްރަފް ރަނގަޅު ޕާފޯމަންސްތަކެއް ދެއްކި އެވެ. ގައުމީ މުބާރާތުގައި މިދިޔަ އަހަރު އަޝްރަފް ކެޓީ ސެމީ ފައިނަލުންނެވެ. އޭނާ އަށް ގައުމީ ޓީމުގެ ޖާގަ ނުލިބުނީ ކުޑަ ތަފާތަކުންނެވެ.

މިފަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު ފާހަގަކުރެވުނީ ފަހަކަށްއައިސް ބޭއްވުނު އެންމެ ވާދަވެރި ލޯކަލް މުބާރާތުގެ ގޮތުގަ އެވެ. މިގޮތުން އޯޕަން ބައިގައި ކޮންމެ ހީޓެއްގައިވެސް ވާދަވެރި ހުނަރުތަކެއް ފެނުނެވެ. ސްކޯތަކަށް ބަލާއިރު ކުއާޓާ ފައިނަލާ ހިސާބުން ފެށިގެން އެއްވެސް ހީޓެއް ތަފާތު ބޮޑުކޮށް ނިމިފައެއް ނުވެ އެވެ. ހުރިހާ ހީޓެއްވެސް ނިމިފައިވަނީ ކުޑަ ތަފާތުތަކަކުންނެވެ.

ބުރުނު ޝީކާރު ބޮޑީބޯޑިން ޗެލެންޖުގެ ޑްރޮޕް ނީ ބައިގެ ފައިނަލް ހީޓުގައި ކުޑަ އައްޔަ ރާޅާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިއަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ކުޑަ އައްޔައަސް ނުލިބުނު ނަމަވެސް އޭނާ ވަނީ ޑްރޮޕް ނީ ބައިގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ޑްރޮޕް ނީ ބައިގެ ފައިނަލް އައްޔަ ކާމިޔާބުކުރީ ދާއޫދު ފަޒީހު، ޝާމް އަދި މުހައްމަދު އަޒާން އަހުމަދު އާ ވާދަކޮށެވެ. ފައިނަލް ހީޓުގައި ކުޑަ އައްޔަ 7.40ގެ ސްކޯއެއް ހޯދިއިރު، ދެވަނައަށް ދިޔަ ދާއޫދު ފަޒީހު އަށް ހޯދުނީ 4.47ގެ ސްކޯއެކެވެ. ތިންވަނަ އަށް ދިޔަ ޝާމް 4.34ގެ ސްކޯއެއް ހޯދި އެވެ.

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަށް ފަހު ގައުމީ ބޮޑީބޯޑިން ލީގުގައި ދެން ކުރިއަށް އޮންނާނީ ފުވައްމުލަކު ޗެލެންޖެވެ. މި މުބާރާތް އޮންނާނީ 21-29 ސެޕްޓެމްބަރުގަ އެވެ. ގައުމީ ލީގުގެ ތިން ވަނަ މުބާރާތް ކ. ތުލުސްދޫގައި ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު 13-21 އަށެވެ. ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖު ބާއްވަން ނިންމާފައިވާ އާ ތާރީހަކީ ނޮވެމްބަރު 12 އިން ޑިސެމްބަރު އެކަކަށެވެ.