Advertisement

ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބަށް ވުރެ ގައުމީ ކޯޗު މޮރިއޭރޯގެ ފޯކަސް މުޅި މުބާރާތަށް

20 ޖޫން 2023 - 12:34 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޮރިއޭރޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބަށް ވުރެ ގައުމީ ކޯޗު މޮރިއޭރޯގެ ފޯކަސް މުޅި މުބާރާތަށް

20 ޖޫން 2023 - 12:34 0

ބެންގަލޫރު، އިންޑިއާ

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކުން ވެސް މުބާރާތް ކާމިޔާބު ކުރަން ބޭނުންވާނެ ކަމަށާއި އެ ގޮތުގެ މަތިން މިއީ ވަރަށް އުނދަގޫވާނެ މުބާރާތެއް ކަމަށް ރާއްޖޭގެ ކޯޗު އިޓަލީގެ ފްރެެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

އިންޑިއާގެ ބެންގަލޫރުގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ރާއްޖެ ހިމެނެނީ ބަންގްލަދޭޝް އާއި ލެބަނަން އަދި ބޫޓާނާ އެކުގަ އެވެ.

ގްރޫޕް ބީގެ ހަތަރު ގައުމުގެ ކޯޗުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ ސާފް ޗެމްޕިއަންޝިޕަށް އަމާޒުކޮށް، މަހެއްހާ ދުވަހުގެ ޕްރެކްޓިހެއް ކުރެވުނުއިރު، 10 ދުވަހުގެ ޖަޕާން ޓްރެއިނިން ކޭމްޕާ އެކު މުބާރާތަށް ތައްޔާރުވެފައިވާ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުން ޕްރެކްޓިސް މެޗެއް ނުކުޅެ މުބާރާތަށް އައި ކަމުގައި ވިޔަސް މޮރިއޭރޯ ބުނީ އެންމެ ފަހުން ރާއްޖެ ކުޅުނު ބައިނަލްއަގުވާމީ ފަސް ވަރަކަށް މެޗަށް ބަލާއިރު، ރަނގަޅަށް ކުޅެ ކާމިޔާބު ހޯދާފައިވާތީ އެކަމާ ހިތްހަމަޖެހޭ ކަމަށެވެ.

ރާއްޖެ އަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް މުބާރާތުގެ ފައިނަލަށް ދެވިދާނެތޯ ސުވާލުކުރުމުން މޮރިއޭރޯ ބުނީ ވިސްނުން ބަހައްޓަނީ މެޗަކަށް ފަހު މެޗެއް ކުރިއެރުމާއި ތަޖުރިބާ ހޯދައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.

"އަހަރެން އަދިވެސް މި ބުނަނީ އެ ވާހަކަ، މިއީ ވަރަށް ވަރުގަދަ މުބާރާތެއް، ކޮންމެ ޓީމެއް ވެސް މި މުބާރާތް ކާމިޔާބުކުރަން ބޭނުންވާނެ. އަހަރެމެންނެކޭ އެއްގޮތަށް، އެކަމަކު، އެންމެ ޓީމަކަށް އެކަން ކުރެވޭނީ، އެހެންވީމަ އަހަރެމެން މި ވިސްނަނީ މެޗަކަށް ފަހު މެޗެއް ކުރިއަށްދާން، އެ މެންޓަލިޓީ ރަނގަޅުވާނެ،" 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި މޮރިއޭރޯ ބުންޏެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މޮރިއޭރޯ ބުނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ކުޅުނުއިރު، އޭނާ އަށް ގައުމީ ޓީމާ އެކު ތައްޔާރުވާން ލިބުނީ 10 ދުވަސް ކަމަށާއި އެ މުބާރާތުގައި ބޭނުންވި ކަންތައްތަކެއް ހާސިލެއްނުވި ކަމަށެވެ.

އެކަމަކު، އެ ފަހުން ރާއްޖޭގެ ގައުމީ ޓީމާ އެކު މަސައްކަތް ކުރިއިރު، މިވީ މުއްދަތުގައި، ކުޅުންތެރިންގެ މެންޓަލިޓީ ބަދަލުކުރެވޭ ވަރަށް ރަނގަޅު މަސައްކަތް ކުރެވިފައިވާ ކަމަށް، މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"އަހަރެން މި ވަގުތު މި ކުރާ އެއް މަސައްކަތަކީ ޒުވާން ކުޅުންތެރިންތަކެއް ލައިގެން ޓީމެއް ކުރިއެރުވުމުގެ މަސައްކަތް، އަހަރެންގެ މެންޓަލިޓީ އަކީ އިޓަލީގެ ވިސްނުން. އެއާ ރާއްޖޭގެ މެންޓަލިޓީ ތަފާތުވާނެ. އެކަމަކު، އަހަރެމެން މި ދަނީ ކުޅުންތެރިންނާ އެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަމުން،" މޮރިއޭރޯ ބުންޏެވެ.

ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ އިރުއޮއްސި ހަތެއް ޖަހާއިރު، ބައްދަލުކުރާނީ ބޫޓާންއާ އެވެ. އެ އަށް ފަހު މި މަހު 25 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅޭނެ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މި މަހު 28 ވަނަ ދުވަހު ލެބަނަންއާ ބައްދަލުކުރާނެ އެވެ.

"މި ގްރޫޕްގެ ކޮންމެ ޓީމެއް ވެސް ވަރަށް ވަރުގަދަކޮށް މި ފެންނަނީ ކޮންމެ މެޗެއް ވެސް އަހަރެމެން ރަނގަޅަށް ކުޅެން ޖެހޭނެ،" މޮރިއޭރޯ ބުންޏެވެ.

ގައުމީ ޓީމުގެ އެންމެ ފަހުގެ ދެ ކެޕްޓަނުން، އަލީ އަޝްފާގު (ދަގަނޑޭ) އާއި އަކުރަމް އަބްދުލް ގަނީ (އަކޫ) އަނިޔާގެ ސަބަބުން ސްކޮޑުގައި ނެތި މި ފަހަރުގެ މުބާރާތަށް ނުކުންނައިރު، މޮރިއޭރޯ ބުނީ ޓީމު ލީޑުކުރާނެ ކުޅުންތެރިން ތަޖުރިބާ ހޯދައިގެން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރާނީ ސަމޫހު އަލީ (ސަމުއްޓެ) އެވެ.