20 ޖޫން 2023 - 10:32 0
އައްޒާމް އަލިފުޅު
20 ޖޫން 2023 - 10:32 0
ކްލަބް އީގަލްސްގެ ހެޑް ކޯޗުގެ މަގާމުގައި ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ބަލިހާލަތު މި ވަގުތު ހުރި ގޮތުން ޓީމުގެ ޓްރެއިނިން އާއި އެ ފަދަ އެހެން ކަންކަމުގައި ބައިވެރިވުމަށް ދަތިވާތީވެ، ވަގުތީގޮތުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވާން، ކުރިން އީގަލްސް އަށް އިރުޝާދު ދިން ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެއްބަސްވެއްޖެ އެވެ.
ހައެއްކަ އަހަރު ފަހުން، މި ސީޒަނުގައި އީގަލްސްގެ ކޯޗުކަމަށް އެނބުރި އައި ސާންތީ އެ ޓީމާ އެކު ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ ގޮތުން، މި ސީޒަން ފަށައިގެން ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލްގައި ސާންތީގެ އިރުޝާދުގެ ދަށުން އީގަލްސް އިން ވާދަކޮށް ބަލިވީ އެވެ. އެ ފަހުން، ލީގުގައި އީގަލްސްގެ މެޗުތައް ފަށައި، ސާންތީގެ ބަލި ހާލަތު ގޯސްވެ، އެންމެ ފަހުން އީގަލްސް ކުޅުނު މެޗުތަކުގައި އެ ޓީމުގެ ބެންޗުން ޓީމަށް އިރުޝާދު ދިނުމުގައި ހަރަކާތްތެރިވީ އެސިސްޓަންޓް ކޯޗު މުއާވިޔަތު އިލްހާމް (އިއްލެ) އެވެ.
ސާންތީގެ ކަންކަން ބެލުމަށް ފަހު، އީގަލްސް އިން ވަނީ މޯހަންއާ މަޝްވަރާތަކެއް ވަނީ ބާއްވައިފަ އެވެ. އެނގިފައިވާ ގޮތުގައި އީގަލްސްގެ ޕްރެކްޓިހުގައި ރަސްމީކޮށް މޯހަން މިއަދު ބައިވެރިވާނެ އެވެ.
މޯހަން ވަނީ އެކަން "އަދަދު" އަށް ވެސް ކަށަވަރުކޮށްދީފަ އެވެ.
ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު، މޯހަން، "އަދަދު" އަށް ބުނީ ކުޑަ ދުވަސްކޮޅަކަށް އީގަލްސްއާ ހަވާލުވާން ނިންމާފައިވާ ކަމަށެވެ.
ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި އދ. މަހިބަދޫ ފުޓްބޯޅަ ޓީމަށް ވެސް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދިން މޯހަން އީގަލްސްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެ ޓީމުގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. އަދި އެ މުއްދަތުގައި އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ލީގުގެ ދެ ވަަނަ ހޯދައިދީ އޭއެފްސީ ކަޕް ކޮލިފައިންއާ ހަމައަށް ގެންގޮސްދިނެވެ.
އީގަލްސް އިން ވަކިވުމަށް ފަހު މޯހަން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި އުނގޫފާރު ފުޓްބޯޅަ ޓީމުގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ.
Comment