Advertisement


ގުޅަން ނުގުޅަން ހުރެ ދޮންބެގެ ނަންބަރަށް ގުޅައިލީމެވެ. ހީކޮށްގެން ހުރީ ފޯނު ނަގާގޮތަށް ހަޅޭއްލަވާނެ ކަމަށެވެ. ދުލަށް އައިހާ އެއްޗެއް ކިޔާނެ ކަމަށެވެ. ދޮންތަ ސުރުޚީ އެޅިޔަސް މި މައުޟޫއުގައި އަދި އަހަރެންނާ ދޮންބެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް، ކަންތައްވީ އެހެންނެއް ނޫނެވެ. މަޑުމައިތިރިކަމާއެކު، ނިޔަނެތި ރާގެއްގައި ދޮންބެ ވާހަކަދެއްކިއެވެ. އަހަރެން ހައިރާންވިއެވެ. ބުނަން އުޅުނު ވާހަކަ ވެސް ހަނދާނުން ފޮހެވުނެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ މި ހުރިހާ ދުވަހު އަހަރެން ކުރި ތަޖުރިބާއަކީ އެއީ ނޫން ހެއްޔެވެ؟ ދޮންބެގެ ނުފޫޒު ގަދަކަމާއި އޭނާގެ ގޮތް ދޫނުކުރުމުގެ ކުރިމަތީގައި އަހަންނަކީ ކުޑަކުޑަ ބޯޅައެކެވެ. ބޯޅައެއް ނޫނެވެ. ވެލި ފުކެކެވެ. އެއީ އޭރު އަހަންނަށް ވިސްނުނު ގޮތެވެ. އެކަމަކު ދޮންބެއަކީ އެކަހަލަ މީހެއް ނޫނެވެ. އެއަށްވުރެ މާ ރަނގަޅު އިޚްލާސްތެރި މީހެކެވެ. އެކަން މިއަދު އަހަންނަށް ވިސްނިއްޖެއެވެ. ވަޒަންކުރެވެއެވެ.

އަހަރެން އަތްފައި ނުޖެހެނީސް ބައްޕަ ނިޔާވެއްޖެއެވެ. ހޭބުއްދި ނުފިލަނީސް މަންމަ ވެސް ލޯ މަރައިލައިފިއެވެ. އެންމެ ދޮށީ ދޮންބެއެވެ. ދެން ހުރީ ދޮންތައެވެ. ދޮންތައާއި ދޮންބެގެ ދެމެދުގައި ހުންނާނީ އަހަރެއްގެ ފަރަގެވެ. އާއިލާގެ ތިންވަނަ ކުއްޖަކީ އަހަރެންނެވެ. އެންމެ ހަގީ ވެސް އަހަރެންނެވެ. އަހަންނަކީ ދޮންތަގެ ފޫބުޑުގައި އުޅޭނެ މީހެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެން އަންހެން ކުދީންނާ އަހަރެން ތަފާތުކަން ދޮންބެއަށް ވެސް އެނގޭނެއެވެ.

"މަލްހާގެ މައްސަލައަކީ ތިއީއޭ!"

ބަދަލު ނުވާ، ދޮންބެގެ އެ ޖުމުލަ އަހަރެންގެ ސިކުނޑީގައި ވަނީ ހަރުވެ މަލަރުވެފައެވެ.

"ދޮންތަ ދައްކަބަލަ ދެން ރަނގަޅު ގޮތް. ބަލަ މިއީ އެ ޒަމާނެއް ނޫނޭ. އަންހެން ކުއްޖެކޭ ކިޔައިފަ ގޭގެ ފާރުބުޑުގައި އުޅޭކަށް. އަހަންނަށް ވެސް މިނިވަންކަން އޮންނަންވާނެ. އަންހެނަކަށްވީތީއޭ ކިޔައިފަ އަހަރެން ނުޖެހޭނެ އެއްވެސް މީހެއްގެ އަޅަކަށް ވެގެން، ބުނާހާ ބަހަކަށް އާނހޫން ކިޔައިގެން އިންނާކަށް."

އަހަރެންގެ އެ ޖުމުލަތައް އަޑުއަހަން ދޮންތައަށް ފަސޭހަ ނޫންކަން އޭނާ އެތައް ފަހަރަކު ބުނެދެއެވެ. ކިޔައިދިނެވެ. އަހަންނަށް ވިސްނައިދިނުމަށް ދޮންތަ ލައްކަ ހިތްވަރު ކުރެއެވެ.

"ދޮންތަމެން މި ހުރިހާ ވާހަކައެއް މި ދައްކަނީ ސަބަބެއް އޮތީމަ. އަންހެނުން ދަށްކޮށްލާކަށް ނޫން. ނިކަމެތި ކޮށްލާކަށް ވެސް ނޫން. އަންހެނުންނާއި ފިރިހެންނުންގެ ތަފާތު ކިޔާކަށް ވެސް ނޫން،" ދޮންތަގެ ރަސްމީ ރާގުގައި މަޑުމައިތިރިކަމާއެކު އަހަންނަށް ވިސްނައިދެވޭތޯ ބެލިއެވެ. "އަންހެނުންނަކީ ނިޔަނެތި މައުސޫމު ބައެއް. އަބަދުވެސް އަންހެނެއްގެ ބަލަދުވެރިއެއް ބެލެނިވެރިއެއް ހުންނާނެ. މީހަކާ އިނުމުގެ ކުރިން، ބައްޕަ ނޫނީ ވަލީވެރިޔާ، މީހަކާ އިނުމަށްފަހު ފިރިމީހާ. ވަރިވެއްޖެނަމަ އަނެއްކާ ވެސް އެއްކަލަ ވަލީވެރިޔާ. ނުވަތަ ބަލަދުވެރިޔާ. ދޮންތަ ވަރަށް އާދޭހާއެކު މި އެދެނީ ކޮއްކޮ އަލުން އިސްލާހުވުން."

އަހަރެން އަނގަޔަކުން ނުބުނަމެވެ. އަނގައިން ބުންޏަސް ދޮންތަ ރައްދު ނުދޭނެކަން އެނގޭތީއެވެ. ދޮންތަގެ ގޮތަކީ އެއީއެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަތައް ދައްކާ ނިމުމުން ބޭކާރު ވާހަކައެއް ނުދައްކާނެއެވެ. އަނގައެއް ނުތަޅާނެއެވެ. ދޮންތަ ދައްކާނީ މާނަހުރި ވާހަކައެވެ.

"ދޮންތަ މި ދައްކަނީ ކަން އޮތް ގޮތުގެ ވާހަކަ. މިއީ އިލާހީ ހަޟުރަތުން ދަސްކޮށްދިން ފިލާވަޅުތައް. ރަސޫލު ބޭކަލުން މެދުވެރިކޮށް އުނގަނައިދެއްވި ކަންކަން. ޒަމާން ބަދަލުވިޔަސް، ދުނިޔެ ބަދަލުވިޔަސް މި ހަގީގަތެއް ބަދަލެއް ނުވާނެ،" ދޮންތަ ފުން ނޭވާއެއް ދޫކޮށްލިއެވެ. "ދުނިޔަވީ ލަދުގައި ފީނަން ޖެހޭ މީހަކީ ވެސް އަންހެނުން. ފިރިހެނުން ނޫނެކޭ ބުނީމަ އެ ނިމުނީ. ސާބިތުކުރެވޭނެ ގޮތެއް، ހައްގު ހޯދަން ޓަކި ޖަހާނެ ދޮރެއް ނުހުންނާނެ. ހުރިހާ ލަދެއްގައި ބެދޭނީ ހަމަ ނިކަމެތި އަންހެން މީހާ."

އަހަރެން ފުންކޮށް ވިސްނައިލީމެވެ. ދޮންތަ އެ ދެއްކި ވާހަކައެވެ. އެއީ ކިހައި ހެޔޮ ނަސޭހަތެއް ހެއްޔެވެ؟ ކިހައި ތެދު ވާހަކައެއް ހެއްޔެވެ؟ އަހަންނަށް އެކަން ކިތައް ފަހަރު ތަޖުރިބާ ކުރެވިއްޖެ ހެއްޔެވެ؟ ދުނިޔޭގެ ކުލައަށް ހެއްލިގެން އާވާރާއެއްހެން ފިރިހެނުން ފަހަތުން ދުވެދުވެ ހުއްޓާ މީހާ ހުލިވެއްޖެއެވެ. އެތައް ފަހަރަކު ބައްތި ނިވި އަނދިރިކަމުގައި ފީނައިފީމެވެ. ދުނިޔޭގެ ކުލަތަކުގެ މޯހިރަށް ވެއްޓިއްޖެއެވެ. މިކަމާ ހެދި އަހަރެންގެ އަސްލު ސޫރަ ގެއްލިއްޖެއެވެ.

"ކޮއްކޯ! އަންހެނެއްގެ ރީތިކަމަކީ، އޭނާގެ ފުރިހަމަ ކަމަކީ ކިޔަމަންތެރިކަމާއި ނިޔަނެތިކަން. އަންހެނެއްގެ އެންމެ އަގުބޮޑު ހަދިޔާއަކީ އިއްފަތްތެރިކަން. ފިރިމީހާއަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ވެސް އެއީ." ދޮންތަ ވިކައިލީ ސީދާ އަހަރެންގެ ހިތުގައެވެ.

މިއަދު އަހަރެންގެ އެއިން އެއްވެސް ސިފައެއް އެބަހުރި ހެއްޔެވެ؟ އަހަންނަކީ ބިކުރުވެރި އިއްފަތްތެރިއެއް ހެއްޔެވެ؟ ނިޔަނެތި ވަފާތެރިއެއް ހެއްޔެވެ؟ ކިޔަމަންތެރި އޯގާތެރިއެއް ހެއްޔެވެ؟

ނޫނެކެވެ. އަހަރެންގެ އުމުރު އަދި މިވީ އެންމެ ނަވާރަ އަހަރެވެ. މިއަދު އަހަރެން ރަހަ ނުބަލާ ކޮފީއެއް ނުހުންނާނެއެވެ. ވަސް ނުބަލާ ސޫޕެއް ނުހުންނާނެއެވެ. ރެސްޓޯރެންޓުތަކުން ގެސްޓުހައުސްތަކުން ސަފާރީތަކުން ރޭދުވާ ގުނުމަކީ އަހަރެންގެ އުފަލެވެ. އަހަރެންގެ ހިތްހަމަ ޖެހުމެވެ. ދޫނިފަތު ބާލީސްތަކާއި ފިނިފިނި މަހުމަހުލުގެ ދާންތަކުން އަހަންނާ ބައްދަލުވަނީ މުއްސަނދިންނެވެ. މަހުޖަނުންނެވެ. ދޭސީނެއް ނޫނެވެ. ބިދޭސީންނެވެ. އަހަރުމެންގެ ވިޔަފާރިއަކީ އެއީއެވެ. ޚިދުމަތުގައި ދެމިތިބުމެވެ. ފަތުރުވެރިންގެ ހިތްހަމަ ޖައްސުވައިދީ ހިތް އުފާކޮށްދިނުމެވެ. ދިވެހި ރަހަތަކަށް ލޯބިކުރާ ފަތުރުވެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ.

ޖޯންއަކީ ވެސް އަހަރެންގެ މެހުމާނެކެވެ. ގެސްޓުހައުހަށް އައި ފަތުރުވެރިއެކެވެ. އެއީ އަހަރެންގެ ހިތުގެ އަމީރެއް ނޫނެވެ. އޭނާގެ ކިބައިގައި އަޅައިގަންނަ ކަހަލަ އެތައް ސިފައެއް ހުރެއެވެ. ބަލައިލާ ގޮތެވެ. ލޮލަށް އެ ހަދައިލާ އަރާމު ގޮތެވެ. އޭނާގެ ބުރުސޫރަ ރީތިވެފައި ބައިމަތި ފުޅަލެވެ. އިސްކޮޅުން ދިގުވެފައި ދޮންކަން ގަދައެވެ. ވިލުކުލައަދާ އަޅިކުލައަށް ނުވާ ކަޅީގެ އިތުރުން ރަން އިސްތަށިތަކުން ފުރިފައިވާ ތުނބުޅިއާއި ތުނި މަތިމަސް ފެނުމުން ހިތްތެޅިލައެވެ. އަހަންނާ ދިމާއަށް އޭނާ ބަލަނީ އަމަށަކު ގޮތަކަށް ނޫނެވެ. ބައެއް ފަހަރު އެތައް ފަހަރަކު ބައްދަލުވެ ފެނިދެނިވެފައިވާ މީހެއް ހެން ހީވެއެވެ. އޭނާ ހިނިތުންވެލާ ގޮތުން ކޮންމެވެސް ބޮޑު ވާހަކައެއްގެ ތަސްވީރު މޫނުގައި ކުރެހެމުންދެއެވެ.

އޭނާގެ ޚިދުމަތަށް އަހަރެން ނުކުތީ އެހެން ރޭރެޔެކޭ ވެސް އެއްގޮތަށެވެ. ފެންތަށްޓާއެކު ދިރުވާލެވުނު ދެ ގުޅަ ބޭހުން އަހަންނަށް ދުނިޔޭގެ ކުލަ ބަދަލުކޮށްލަދިނެވެ. ކޮޓަރިއަށް އަހަރެން ވަނީ އެހެންޏާ ވެސް ވަންނަ ގޮތަށެވެ. މަޑުމަޑުން ސިއްރު ސިއްރުންނެވެ. ޗެކިން ވުމާއެކު ޖޯންގެ ދައުވަތު އަހަންނަށް ނުލިބެނީސް އަހަރެންގެ ދައުވަތު ޖޯންއަށް ދިނީމެވެ. ޖޯންގެ ވަނަވަރާއި އޭނާގެ މައުލޫމާތު އެއްކުރީމެވެ. ރަޝިޔާގެ މަހުޖަނެއްގެ ހުރި ހަމައެކަނި ދަރިއެވެ. ހުސްހަށިބަޔަށް ހުރި ނޫކަށި ޒުވާނެކެވެ. ފައިސާއަކީ އޭނާގެ މިލްކެކެވެ. ނަމަވެސް އޭނާ ބަލައިލުމުން އެކަން ނުފެނެއެވެ.

އަހަރެން ހީކުރީ ޖޯން ހުންނާނީ ކެތްމަދުވެފައިކަމެވެ. ދިވެހި ރަހަތަކަށް ފެންބޮވައިގެންފައި ކަމެވެ. ނަމަވެސް، ވީ އެހެންނެއް ނޫނެވެ. ޖޯން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ރަޖާގަނޑުން މޭމަތި ނިވާކޮށްގެންނެވެ. ލޯ މަރައިގެންނެވެ. އެއީ ވެސް ބައެއް މީހުންގެ އާދައެއްތާއެވެ. ނޫންކަމަށް ހެދުމަކީ ވެސް އުކުޅެކެވެ. އަހަރެން އެ ފިލާވަޅު ދަސްކުރީމެވެ. ތައްޔާރުވެލައިގެން އެނދަށް އެރީމެވެ. މަޑުމަޑުން ޖޯންގެ ގާތުގައި އޮށޯވެލީމެވެ. ނޭނގޭ ކަމަށް ހަދައިފަ ޖޯންގެ މޭމައްޗަށް އެއް އަތް އެއްލީމެވެ.

އަތް ޖެހުނުހެން ހީނުވެ އޭނާ ސިއްސައިގެން ގޮސް ތެދުވިއެވެ. ފުންމައިގެން ދުރަށް ޖެހުނެވެ. އަހަންނާ ދިމާއަށް ބަލައިލެވުނީތީ ލަދުން އިސްޖަހައިލިއެވެ. އަހަރެން ހިނިތުންވެލީމެވެ. މަޑުމަޑުން ކުރިއަށް ޖެހިލީމެވެ. ނަމަވެސް ޖޯން ދެކޮޅު ހެދިއެވެ. އިސް ޖަހައިގެން ހުރެ އޭނާ ދިއްކޮށްލީ އެނދުމަތީގައި އޮތް ރަޖާގަނޑެވެ. މިއީ އާ ތަޖުރިބާއެކެވެ.

ޖޯންގެ ވޮލެޓުން އޭނާ ނެގީ ޑޮލަރެވެ. އަހަރެންގެ އަތް ފުރެންދެން ޑޮލަރު ލައިދިނެވެ. ލައްކަ ވާހަކަ ދެއްކުމަށްފަހު ބޭރަށް ދިޔުމަށް އެދުނެވެ. ހިތުގައި ފެވެމުން ދިޔަ މަންޒަރާއި އޭނާގެ އުޅުމާއި ޢަމަލު އެއްކީލި ނުވާތީ އެތައް ސުވާލެއް އުފެދުނެވެ. އަހަރެން ބޭރަށް ނުދާން ހުރީމެވެ. ނަމަވެސް ޖޯންގެ އެދުމަށް އާނއެކޭ ބުނީމެވެ. މެންދުރު އައުމަށް ދައުވަތު ދިނީމައެވެ. އަހަންނަށް ވިސްނުނުނެވެ. ޖޯންއަކީ ވެސް "ސަނީ ސައިޑް އޮފް ލައިފެއް" ތާއޭ ހިތްބުނެލިއެވެ. ފާޑަކަށް ހިނިތުންވެލައިގެން ހުރި ބޭރަށް ނުކުތީމެވެ. ދޮރު ލައްޕާލުމުގެ ކުރިން ޖޯންއަށް ބަލައިލީމެވެ. އޭނާގެ މޫނަށް އަރައިފައި ހުރި ޖަންބުކުލަ ފެނިފައި ހިނި ވެސް އައެވެ.

ބަރާބަރު ގަޑިން ބާރަ ޖެހިއިރަށް ޖޯންގެ ކޮޓަރީގައި ޓަކި ޖެހީމެވެ. އަހަރެން ހީކުރީ ޖޯން ހުންނާނީ ކެތްމަދުވެފައި ކަމަށެވެ. ކަރުހިއްކައިގެންފައި ކަމަށެވެ. ނަމަވެސް ދެތިން ފަހަރަކު ޓަކި ޖެހުމުން ވެސް ޚަބަރެއް ނުވިއެވެ. މަޑުމަޑުން ތަޅުގައި ހިފައިލީމެވެ. ތަޅެއް ނުލައެވެ. އެތެރެއަށް ބޯދިއްކޮށްލީމެވެ. ލޮލުގައި އަޅައިގަތީ އެނދުމަތީގައި ހެޑު ސެޓު ޖަހައިގެން އޮތް ޖޯނެވެ. އަހަރެން ހީކުރީ އޭނާ ގަސްތުގައި ދޮރު ނުހުޅުވީ ކަމަށެވެ. ނަމަވެސް އޭނާއަށް އޮތީ ނިދިފައިކަން އެނގުނީ އެތެރެއަށް ވަނުމުންނެވެ. ދޮރު ލައްޕާ ތަންޑު އެޅުވީމެވެ.

ޖޯންގެ މޫނުގައި އަހަރެން ބޮސްދިނީމެވެ. އަނެއްކާ ވެސް ސިއްސައިގެން ގޮސް އޭނާ ދުރަށް ޖެހުނެވެ. ހެޑު ސެޓު ވިއްސައިގެން ގޮސް އަހަރެންގެ އުނގަށް ޖެހުނެވެ. އަހަންނަށް ޖޯންއާ ދިމާއަށް ބަލައިލެވުނެވެ. ހެޑު ސެޓުން އަޑެއް އިވޭތީއެވެ. ނަގައި ކަންފަތަށް ހެޔޮކޮށްލީމެވެ. ހީވީ ހަމަ ރަނގަޅަށެވެ. އޭނާ އޮތީ އަޑުއަހާށެވެ. މިޔުޒިކެއް ނޫނެވެ. ލަވައެއް ނޫނެވެ. ޤުރުއާނެވެ.

އަހަންނަށް ބަލައިލެވުނީ ޖޯންގެ މޫނަށެވެ. ޖޯން ބޯ ޖަހައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ. އާއެކެވެ. ޖޯން ރާއްޖެއައީ ޗުއްޓީއަށެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި އަހަރެން ފެވި ދީނަށް ޚާއްޞަ ޤަދަރެއް ދެވުނީއެވެ. އެއީ މީގެ އެތައް އަހަރެއް ކުރިންނެވެ. ނަމަވެސް މިފަހަރު އޭނާއައީ އެންމެ ބޭނުމެއްގައެވެ. އިސްލާމްދީނުގެ މޫރިތި ގޮތްތައް ދަސްކުރާށެވެ. އިސްލާމީ ހިދާޔަތުގެ ނޫރުން އޭނާގެ މުޅި ހަޔާތް ދިއްލައިލަން ބޭނުންވާތީއެވެ. އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށް ވުމަށެވެ. ރާއްޖެ އައިސް އޭނާ ކުރާ ކަމަކީ އެއީއެވެ. ދީން އުނގެނުމެވެ. ދީން ދަސްކުރުމެވެ. މީހުންގެ ހޭލަމޭލަވުންތަކުން ކަންކަން ދަސްކުރުމެވެ. އިސްލާމްވުމަށް ފުރިހަމަ ކުރާން ޖެހޭ ހުރިހާ ރަސްމުތަކެއް އޭނާ އެ ދަނީ ފުރިހަމަ ކުރަމުންނެވެ.

"ދެން އަހަރެން؟"

"މަލްހާ އަހަންނަށް ފެނުނީ މީގެ ދެ އަހަރު ކުރިން ރާއްޖެއާއިރަށް. އެއީ މަންމައާއި ބައްޕަގެ ޗުއްޓީގައި ބައިވެރިވާން އަހަރެން އައި ދަތުރެއް. މަލްހާ އޭރު އުޅެނީ އެ ރިސޯޓުގަ. އަހަރެންގެ ހިތްލެނބި މަލްހާ ހާސިލުކުރުމުގެ ރޫހު އުފެދުނީ ކީއްވެ ކިހިނެއް ކަމެއް ނޭނގެ. އަހަރެން ވެސް ވަރަށް އަޖައިބުވޭ މިކަމާ." އިނގިރޭސިބަހުން ޖޯން ވާހަކަ ދެއްކިއެވެ.

"ދޮންބެ ވަރަށް ވަރަށް އުފާވެއްޖެ. ކޮއްކޮއަށް ޓަކައި އެހެން މީހަކަށް ހެޔޮމަގު ދެއްކެވީތީ. އަދި އެ އޭނާގެ ސަބަބުން ކޮއްކޮގެ މުޅި ދިރިއުޅުން ބަދަލުވީތީ. ކާވެންޏަކީ އަދި މާ މާތް ގުޅުމެއް،" ދޮންބެ ފޯނުން ވާހަކަދެއްކިއެވެ. "ތިޔަ ކާވެންޏަށް ދޮންބެ ގަބޫލުވަނީ ޖޯން މުއްސަނދިވީމައެއް ނޫން. އަދި އިސްލާމްވާތީއެއް ވެސް ނޫން. އޭނާގެ ސަބަބުން ކޮއްކޮގެ އެހެން ދުނިޔެއަކަށް ގެންގޮސްދިނީތީ. ދޮންބެގެ އެންމެ ބޮޑު ބޮލުގެ ރިހުމަށް ލުޔެއް ލިބުނީތީ. ދޮންބެ ހަމަ ހިތުން ރުހުމުން ގަބޫލު."

"ދޮންބެގެ މައްސަލައަކީ ތިއޭ." ދޮންބެގެ ޑައިލޮގު އަހަރެން އަމިއްލަ ކޮށްލީމެވެ.

"ދޮންބެގެ ދުޢާ އިޖާބަކުރެއްވީތީ ކޮޅުނެތްކޮޅަށް ޝުކުރު. އިރާދަކުރެއްވިއްޔާ ޖޯން ޝަހާދަތް ކިޔާއިރު ދޮންބެ ހުންނާނެ. ދެން އެހައި ހާސް ނުވޭ. އެކެއް ޖަހާއިރު ދޯ އޮތީ. އަދި ދިހައެއް ނުޖަހާ. އެ ގަޑިއަށް ދޮންބެ މާލެ އަރާނަން."

އަހަރެނ ފުން ނޭވާއެއް ބޭރުކޮށްލީމެވެ. މިއަދަކީ އަހަރެންގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހެވެ. އަހަންނަށް ޓަކައި މީހެއްގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ ދުވަހެވެ. އަހަރެން ދެކެ ވީ ލޯބީގެ ހައްގުގައި އޭނާގެ އަމިއްލަ ނަމާއި ދީން ދޫކޮށްލާ ދުވަހެވެ. އެ މަތިވެރި ޤުރުބާނީގެ ބަދަލެއްގެ ގޮތުން އަހަރެން ވެސް އެހެން މަރުހަލާއަކަށް ބަދަލުވާ ދުވަހެވެ. ހިޖާބު އަޅައި ނިވާވެގެން މުޅީން އެހެން މީހެއްގެ ސޫރައިގައި ބޭރަށް ނުކުންނަށް މި ދަނީ ތައްޔާރުވަމުންނެވެ.

"ލޯތްބަކީ ހާދަބާރުގަދަ ހަތިޔާރެކޭ ދޯ." އަހަރެންގެ ބުރުގާއަށް ޕިންޖައިދެމުން ދޮންތަ ހިނިތުންވެލިއެވެ.

"އާން ދޯ."

"ދޮންތަ އަކަށް ނުވިސްނުނު ކަންކަން ބަދަލުވެގެން ދިޔަ ގޮތެއް ވެސް." ދޮންތަ ހައިރާންކަމާއެކު ލޯގަނޑުން އަހަރެންގެ މޫނަށް ބަލައިލިއެވެ.

"މިއީ އަހަންނަށް ޓަކައި ދޮންބެއާއި ދޮންތަކުރި ހުރިހާ ދުޢާއެއް. ދެކިބަލަ، މާދުރުގައި ހުރި މީހަކު އުފުރިގެން އެ އައީ ކިހިނެއް؟ ދުޢާއަކީ ހާދަ ބާރުގަދަ ހަތިޔާރެކޭ ދޯ." އަހަރެން ވެސް ހައިރާންވިއެވެ.

އާއެކެވެ. ހެޔޮ އެދޭ މީހެއް ނަމަ ތިމާގެ ދުޢާގައި އަނެއްކާ ވެސް ހިމަނާށެވެ. މައިންބަފައިންނެވެ. އާއިލީ މެންބަރުންނެވެ. ތަކުލީފު ޖެހިފައިވާ މީހުންނެވެ. ދުޢާއަކީ އެހައި ބާރުގަދަ ވަރުގަދަ ހަތިޔާރެކެވެ. ހެޔޮ ނިޔަތުގައި ދަންނަވާ ދެންނެވުން އެކަލާނގެ ރައްދެއް ނުކުރައްވާނެއެވެ. މާޔޫސްނުވެ ދަންނަވާށެވެ. ދޮންތައާއި ދޮންބެ ވެސް އަހަންނަށް ޓަކައި ކިހާ ދުޢާއެއް ކުރި ހެއްޔެވެ؟ ތަކުރާރުކޮށް ކިތައް ދުވަހު ދެންނެވި ހެއްޔެވެ؟ އާޚިރު ނަތީޖާ ދެކިބަލާށެވެ. އަހަރެންގެ ވާހަކަ ނިންމާލުމަށްފަހު މުޙައްމަދު މަލީޙްގެ އަނބިމީހާގެ ވާހަކައިން މި ވާހަކަ ފެށޭ ހިސާބަށް ހުރިހާ ކަމެއް ބަދަލުކޮށްދިން ހަތިޔާރަށްވީ ދެންވުމެވެ. ދުޢާއެވެ. އިޚްލާސްތެރި ދުޢާއެވެ.