Advertisement

ބުރުނުޝިކާރު ޗެލެންޖާ އެކު ގައުމީ ބޮޑީބޯޑިން ލީގު ފަށައިފި

18 ޖޫން 2023 - 22:56 0

ބުރުނު ޝީކާރު ބޮޑީބޯޑިން ޗެލެންޖުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހީޓެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބުރުނުޝިކާރު ޗެލެންޖާ އެކު ގައުމީ ބޮޑީބޯޑިން ލީގު ފަށައިފި

18 ޖޫން 2023 - 22:56 0

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު މިއަދު ފަށައިފި އެވެ.

ވަރުނުލާ ރާޅުގަނޑުގައި މިއަދު ފެށި ބުރުނުޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ތިން އިވެންޓެއްގައި 25 ބޮޑީބޯޑަރުން ވާދަކުރެ އެވެ. މިގޮތުން އޯޕަން ބައިގައި 25 ބޮޑީބޯޑަރުން، ޑްރޮޕް ނީ ބައިގައި 12 ބޮޑީބޯޑަރުން އަދި ޖޫނިއާ ބައިގައި އަށް ބޯޑީބޯޑަރުން ވާދަކުރެ އެވެ.

މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި މިއަދު ހެނދުނު ކުރިއަށްދިޔައީ އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކެވެ. މީގެ އިތުރުން ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކާއި އޯޕަން ބައިގެ ރެޕޯ ހީޓުވެސް މިއަދު ކުރިއަށްދާނެ އެވެ.

މިދިޔަ އަހަރުގެ ބުރުނު ޝިކާރު ޗެލެންޖުގެ އޯޕަން ބައި ކާމިޔާބުކުރީ އަލީ ޚުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ. ޖޫނިއާ ބައި ކާމިޔާބުކުރީ ޝިމާލް ޝަމީމް އެވެ.

ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް ކަމަށްވާ ފުވައްމުލަކު ޗެލެންޖު ނިންމާފައިވަނީ 21-29 ސެޕްޓެމްބަރުގަ އެވެ. ގައުމީ ލީގުގެ ތިން ވަނަ މުބާރާތް ކ. ތުލުސްދޫގައި ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު 13-21 އަށެވެ. ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖު ބާއްވަން ނިންމާފައިވާ އާ ތާރީހަކީ ނޮވެމްބަރު 12 އިން ޑިސެމްބަރު އެކަކަށެވެ.

ގައުމީ ލީގުގެ ބައެއް މުބާރާތްތައް ކުރިން ކަނޑައެޅި ދުވަސްތަކަށް ބަދަލުގެނެސް އަލުން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ރަޝް ބުނީ ބޮޑީބޯޑިން ލީގުގެ ބައެއް މުބާރާތައް ރިޝެޑިއުލް ކުރަން ޖެހުނު އެއް ސަބަބަކީ ފައިނޭންސް މައްސަލަ ކަމަށާއި ދެން މި އަހަރަކީ އަނެއްކާ ވެސް ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތް ބޭއްވޭ އަހަރެއް ކަމަށްވާތީ އޭގެއާ ގުޅޭ އެކި ކަންކަމަށް ވެސް ބެލުމަށް ފަހު ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ މިއަހަރުވެސް ރާއްޖޭގައި އޮންނާނެ އެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާ މޯލްޑިވްސް ޕްރޯ މުބާރާތް އޮންނާނީ އޮގަސްޓް 3-12 އަށެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ކޯ ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ، ގައުމީ މުބާރާތުގެ ކޯ ސްޕޮންސަރަކަށް އެޓޯލް އެޑްވެންޗާސް ހަމަޖައްސާފައިވާއިރު، ލީގުގެ އެހެން ޕާޓްނަރުންނަކީ ޑިޖިޓަލް ޕާޓްނަރު، ދިރާގާއި އޮންލައިން މީޑިއާ ޕާޓްނަރު އަދަދު، މާޗަންޑައިސް ޕާޓްނަރު މުޖާސް އާޓް ބޮކްސް، އިވެންޓް ޕާޓްނަރު، އިފެކްޓްސް އެންޓަޓައިމަންޓް އަދި 10 އަހަރު އެމްބީބީއޭއާ އެކު ޕާޓްނަރަކަށް މަސައްކަތްކުރި ޕްރިންޓް ލެބްގެ އިތުރުން ސަޕޯޓިން ޕާޓްނަރު ރެޑްބުލް އެވެ.