Advertisement

ހަތަރު ގޭމްސް އަށް ޗެފް ޑި މިޝަނުން ހަމަޖައްސައިފި

15 ޖޫން 2023 - 12:11 0


ހަތަރު ގޭމްސް އަށް ޗެފް ޑި މިޝަނުން ހަމަޖައްސައިފި

15 ޖޫން 2023 - 12:11 0

ރާއްޖޭގެ ގައުމީ ޓީމުތަކުން މި އަހަރު ވާދަކުރަން ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ގޭމްސްތަކުގެ ޗެފް ޑި މިޝަނުންނާ މަގާމުގެ ޒިިންމާ ހަވާލުކޮށް، ރަސްމީކޮށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިއުލާނުކޮށްފި އެވެ.

އެ ގޮތުން، މި އަހަރު، އޮގަސްޓް، 4-11 އިން ކެރީބިއަން ސަރަަހައްދުގެ، ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަންގެ ގޮތުގައި މަސައްކަތްކުރާނީ ޔޫތު މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމުގެ އިތުރުން، ބެޑްމިންޓަން އަމްޕަޔަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އައިމިނަތު އަލީ (އައިންތު) އެވެ.

ރާއްޖޭން އިންޑޮނީޝިއާގެ ބާލީގައި ބާއްވާ އެނޮކް ބީޗް ގޭމްސްގައި ވެސް މި ފަހަރު ވާދަކުރާނެ އެވެ. އެ ގޮތުން، އޮގަސްޓް 5-12 އަށް ކުރިއަށްދާ މި ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަންގެ ޒިންމާ އަދާކުރާނީ ސްޕޯޓްސް އާބިޓްރޭޝަނާ ގުޅޭ ކަންކަމުގައި ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކާ ގާތުން މަސައްކަތް ކުރަމުން އަންނަ، މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. ޖައު އަކީ ސަރަހައްދީ ކުޅިވަރު ފެޑެރޭޝަންތަކާ އެކު ވެސް އެކި ކަންކަމުގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

ރާއްޖޭން މި އަހަރު އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ އެއް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޗެފް ޑި މިޝަން އަކަށް ހަމަޖައްސާފައިވަނީ ކުރީގެ ބާސްކެޓްބޯޅަ ތަރި، އަދި ކުޅިވަރު އެޑްމިިނިސްޓްރޭޝަންގައި މަސައްކަތް ކުރަމުން އަންނަ، އަބްދުލް ނާފިއު ތައުފީގު އެވެ. އައިއޯއައިޖީ އޮތީ އޮގަސްޓް 25 އިން ސެޕްޓެމްބަރު ތިނަކަށް މަޑަގަަސްކަރާގެ އެންޓަނަނަރީވޯގަ އެވެ.

މި އަހަރު ރާއްޖޭން ވާދަކުރާ، ހަންޒޫ އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ހަމަޖެއްސީ ފުޓްބޯޅައިގެ މަޝްހޫރު މެޗު ކޮމިޝަނަރު، އަބްދުލް ގަފޫރު އަބްދުލް ހަމީދު (އައްޑޯ) އެވެ. އޭޝިއަން ގޭމްސް ރޭވިފައި އޮތީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބާއްވާ ގޮތަށެވެ. އެކަމަކު، ކޮވިޑް-19ގެ ހާލަތާ ގުޅިގެން ޗައިނާގައި އޭރު މުބާރާތް ބޭއްވެން ނެތެވެ. މިދިޔަ އަަހަރު ގޭމްސް އަށް ހަމަޖެއްސި ޗެފް ޑި މިޝަން އަކީ ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން އަދި ވޮލީބޯލް އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން މުހައްމަދު (ހުސެން) އެވެ. އެކަމަކު، ގޭމްސް ފަސް ވުމާ އެކު، އޮލިމްޕިކް ކޮމިޓީން މި އަހަރަށް ޗެފް ޑި މިޝަންގެ ޒިންމާ ހަވާލުކޮށްފައި މިވަނީ އައްޑޯ އަށެވެ.