15 ޖޫން 2023 - 09:08 0
ރޭގެ މެޗުގެ ތެރެއިން ޒިލާ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
15 ޖޫން 2023 - 09:08 0
އިއްޔެ މާލޭގައި ފެށި ފައިވް ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ބަލިވިއިރު، އެ މެޗުގައި ފެނުނު ކަންތައްތަކަށް ބަލާއިރު، އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުމުގެ ޕްރެޝަރަށް ހޭނި ކުޅުން ރަނގަޅުކޮށްގެން ދެން ހުރި މެޗުތަކުން މޮޅުވެވޭނެ ކަމަށް ރާއްޖޭގެ ކޯޗިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޒިލާލް (ޒިލާލް) ބުނެފި އެވެ.
ލީގު ބުރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރޭ ވަނީ ބަންގްލަދޭޝް އަތުން 42-52 އިން ބަލިވެފަ އެވެ.
ސާބިއާގެ ކޯޗު/ޓެކްނިކަލް އެޑްވައިޒަރު، ނިމާންޏާ ޖެޑޯވްއާ އެކު ގައުމީ ބާސްކެޓްބޯޅަ ޓީމުން މަސައްކަތް ކުރަމުން އަންނައިރު، ދިވެހި ކޯޗުންގެ ގޮތުގައި ގައުމީ ޓީމުގައި މަސައްކަތްކުރަމުން އަންނަނީ ޒިލާ އާއި އަލީ ފަޒްލީ (އޮލިމްޕިކް) އެވެ. ރޭގެ މެޗުގައި ވެސް ކޯޗު ނިމާންޏާ އަށް އެކި ގޮތްގޮތުން އެހީވުމުގައި ޒިލާ އާއި އޮލިމްޕިކް ހަރަކާތްތެރިވި އެވެ.
"ގޭމްޕްލޭން ދިޔައީ އޮން އޮފް ކޮށް، ބޭރުން އަޅުގަނޑުމެން 34 ވަރަކަށް ޕޮއިންޓް ޖަހައިގެން، 3 ޕޮއިންޓްގެ ހަތަރެތި ވެއްޓިގެން މިދިޔައީ، ދެން މިއީ އަޅުގަނޑުމެންގެ ރޭ ކަމަށް ނުބެލެވޭ، ޗާންސްތައް ކްރިއޭޓް ކުރުމުގައި ވެސް ކުޅުންތެރިން ކޮންފިޑެންސް ދަށްކޮށް ފެނުނީ، ވަރަށް ބައިވަރު ކުޅުންތެރިންގެ ފުރަތަމަ މެޗަށް ވެފައި ދެން މި ކަހަލަ ކަންތައްތަކެއް ފާހަގަކުރެވޭ، ދެން މި ބަލަނީ ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ރަނގަޅުކުރެވޭނެ ކަމަށް،" ޒިލާ ބުންޏެވެ.
ރޭގެ މެޗުގެ ތެރެއިން ޒިލާ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ: މިއީ ޒިލާ ކޯޗިން ސްޓާފެއްގެ ގޮތުގައި އަމިއްލަ ގައުމުގައި ގައުމީ ޓީމާ އެކު ފެނިލި ފުރަތަމަ ފަހަރު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މިއީ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު، 2017 ވަނަ އަހަރުގެ ފަހުން އަމިއްލަ ފަސްގަނޑުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޒިލާ ބުނީ ގިނަ އަހަރުތަކަކަށް ފަހު އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅޭތީ އެ ޕްރެޝަރު އެބައިން ކަމަށެވެ.
"(ޕްރެޝަރު އިންކަން) ފާހަގަކުރެވޭ، މި ބަލަނީ އޭތި އޯވަކަމް ކުރާނެ ކަަމަށް، ސަޕޯޓަރުންނަކީ އަހަރެމެންގެ ސްޓްރެންތެއް ކަމަށް އިރާދަކުރެއްވިއްޔާ ދެން އަންނަ މެޗުތަކުގައި އަނބުރާލާނަން. އެ މެންޓަލިޓީގައި އަޅުގަނޑުމެން ދެން އަންނަ މެޗުތަކަށް ކުރިމަތިލާނީ، ދެން އެއާ އެކުގައި ރަނގަޅު ނަތީޖާތަކެއް އަހަރުން ކޮޅަށް ފޭވާގައި އަނބުރާލެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" 20 އަށް ވުރެ ގިނަ އަހަރު މަތީ ފެންވަރުގައި ބާސްކެޓްބޯޅަ ކުޅުނު ޒިލާ ބުންޏެވެ.
ޒިލާ ބުނީ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޓީމަކީ ބަންގްލަދޭޝް ކަމަށާއި އެހެންވެ، އެ ޓީމާ ދެކޮޅަށް ދެއްކުނު ކުޅުމުން ރަނގަޅު ކުރަން ހުރި ކަންކަމަށް ފޯކަސް ކުރާނެ ކަމަށެވެ.
"ވަރަށް ބޮޑު އުންމީދެއް އެބައޮތް، އެހެން ޓީމުތަކުގެ ކުޅުން މިހާރު އޯލް ރެޑީ ފެނިފައި ހުރީ، އެހެންވީމަ ސްކައުޓިންއާ އެއްކޮށް އެ މީހުންނާ އެކު އަޅުގަނޑުމެންގެ ގޭމްޕްލޭން އެޖަސްޓްމަންޓްތަކެއް ހަދައިގެން ނަތީޖާ ނެރެވޭނެ، ދެން ބަންގްލަދޭޝާ ކުޅޭ މެޗުގައި މިހާރު މި މެޗުގައި ދަސްވި ކަންތައްތަކާ އެކު ރަނގަޅު މެޗެއް ކުޅެވޭނެ، ދެން މޮޅުވެގެން ފައިބާނީ،" ޒިލާ ބުންޏެވެ.
ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ބޫޓާންއާ އެވެ. ބޫޓާން ވަނީ އިއްޔެ ހަވީރު ކުޅުނު މެޗުން ނޭޕާލް ބަލިކޮށްފަ އެވެ. ބޫޓާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ 20:30 ގަ އެވެ.
Comment