Advertisement

ސާފް ޗެމްޕިއަންޝިޕް 2023: ނޭޕާލް ޓީމް ފައިނަލްކޮށްފި، މި ފަހަރު ބިމަލް ޓީމުގައި ހިމެނޭ

14 ޖޫން 2023 - 17:07 0


ސާފް ޗެމްޕިއަންޝިޕް 2023: ނޭޕާލް ޓީމް ފައިނަލްކޮށްފި، މި ފަހަރު ބިމަލް ޓީމުގައި ހިމެނޭ

14 ޖޫން 2023 - 17:07 0

މި މަހުގެ 21 ގައި އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމު ފައިނަލްކޮށްފި އެވެ.

އިންޑިއާގެ ބެންގަލޫރުގައި ޖޫން 21 އިން ޖުލައި 4 އަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ލައްވާލީ އިންޑިއާ، ކުވެއިތު އަދި ޕާކިސްތާނާ އެކު ގްރޫޕް އޭގަ އެވެ. ނޭޕާލް ކުޅޭ ފުރަތަމަ މެޗުގައި ނިކުންނަން ޖެހޭނީ ކުވެއިތާ ދެކޮޅަށެވެ.

ސާފަށް ނޭޕާލުން ގައުމީ ޓީމް ދާދި ފަހުން ފައިނަލްކުރިއިރު، އެ ޓީމުގައި މި ފަހަރު ނޭޕާލް ތަރި ބިމަލް ގަރްތި މަގަރް ވަނީ ހިމަނާފަ އެވެ.

އެ ގޮތުން، 2013 ވަނަ އަހަރު އުމުރުން އެންމެ 15 އަހަރުގައި ސާފް ޗެމްޕިއަންޝިޕްގައި ކުޅެ ނޭޕާލްގެ ގައުމީ ޓީމަށް ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ހެދި ބިމާލް އަށް 2021 ގެ ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. އޭނާ ވަނީ 2013، 2015 އަދި 2018 ގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ.

ނެޕާލުން ފައިނަލް ކުރި ޓީމުގައި މިފަހަރު ނުހިމެނުނު އެންމެ މުހިންމު އަނިޔާގެ ސަބަބުން ޓީމުން ބާކީވި ސުމަން އާރްޔާލް އެވެ. އޭނާ އަކީ 2021 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ޓީމް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ.

ނޭޕާލްގެ ކެޕްޓަނަކީ މިދިޔަ މުބާރާތުގައިވެސް ޓީމްގެ ކެޕްޓަނަކަށް ހުރި ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ އެވެ. އިންޑިއާ ލީގުގައި ކުޅެމުން އަންނަ ކީޕަރު ކިރަންގެ އިތުރުން އިންޑޮނޭޝިއާ ލީގުގެ ޕާސިކް ކެޑްރީއަށް ކުޅެމުން އަންނަ ޑިފެންޑަރު ރޯހިތު ޗާންދްވެސް މިފަހަރު ޓީމްގައި ވަނީ ހިމަނާފަ އެވެ.

ނޭޕާލްގެ އެޓޭކަށް ބަލާއިރު 2021 ވަނަ އަހަރުގެ މުބާރާތުން ވިދާލި އުއްމީދީ ތަރި އަޔޫޝް ގަލާން، މަނީޝް ޑަންގީ އާއި އަޝިޝް ޗޯދަރީ އަށް ޓީމުން މިފަހަރު ވަނީ ފުރުސަތުދީފަ އެވެ. މީގެ އިތުރުން ދާދި ފަހުން ނިމުނު ނޭޕާލް ލީގުގެ އެެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނުނު އަންޖަން ބިސްތާ އާއި ދީޕަކް ރާޖް ޓަކޫރީވެސް މިފަހަރު ޓީމްގައި ހިމެނެ އެވެ. ދެން ހިމެނެނީ ތަޖުރިބާކާރު ފޯވާޑް ނަވަޔުގް ސްރެސްތާ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ނޭޕާލް ޓީމް މިވަގުތު ތަމްރީން ހަދަމުން އަންނަނީ ފިލިޕީންސްގަ އެވެ. ފިލިޕީންސްގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް މާދަމާ ކުޅޭ އެކުވެރިކަމުގެ މެޗަށްފަހު ނޭޕާލް ސާފް ޗެމްޕިއަންޝިޕް ބާއްވާ އިންޑިއާއަށް ފުރާނީ މިމަހުގެ 18ގަ އެވެ.

ނޭޕާލްގެ ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކުރެވިފައިވަނީ 2021ގަ އެކަންޏެވެ. ނިސްބަތުން ވަރުގަދަ ގްރޫޕެއްގައި ހިމެނުނު ނަމަވެސް މިފަހަރު އެޓީމްގެ އަމާޒަކީ ފައިނަލުގައި ކުޅެ ތަށި ހޯދުންކަމަށް ނޭޕާލްގެ ގައުމީ ޓީމުން ބުނެ އެވެ.