Advertisement

މެޑިސަން ހޯދުމުގެ ރޭހުގައި ޓޮޓެންހަމް އާއި ނިއުކާސަލް

14 ޖޫން 2023 - 08:17 0


މެޑިސަން ހޯދުމުގެ ރޭހުގައި ޓޮޓެންހަމް އާއި ނިއުކާސަލް

14 ޖޫން 2023 - 08:17 0

ލަންޑަން (ޖޫން 14) - ލެސްޓާ ސިޓީ އަށް ކުޅެމުންދިޔަ އިންގްލެންޑްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ގެންދަން ޓޮޓެންހަމް ހޮޓްސްޕާސް އާއި ނިއުކާސަލް ޔުނައިޓަޑް އިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނިމިގެންދިޔަ ސީޒަންގައި ލެސްޓާ ރެލިގޭޓްވުމާ ގުޅިގެން މެޑިސަން، 26، ދޫކޮށްލަން އެ ކްލަބަށް ވަނީ މަޖުބޫރުވެފަ އެވެ. އެ ކްލަބާއެކު، ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވުމާ އެކު އެ ކްލަބަށް މެޑިސަން ހިފެެހެއްޓުމަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

މެޑިސަން ހޯދުމަށް އާސެނަލް އިން ކުރިން ޝައުގުވެރިވި ނަމަވެސް، އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މެޑިސަން ގެންދިއުމުގެ ރޭހުގެ ކުރީގައި މިހާރު އޮތީ ޓޮޓެންހަމް އާއި ނިއުކާސަލް އެވެ. މީގެ ތެރެއިން ނިއުކާސަލް އިން ވަނީ ޖެނުއަރީ މަހު ވެސް މެޑިސަން އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު، އޭރު އޭނާ ދޫކޮށްލަން އެ ކްލަބުން ބޭނުމެއްނުވި އެވެ.

އަދި، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާތީ، ނިއުކާސަލްގެ ހުށަހެޅުން މެޑިސަން ގަބޫލްކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެހެން ނަމަވެސް، ރިޕޯޓްތަކުން ބުނާގޮތުގައި ޓޮޓެންހަމުން ވެސް މެޑިސަން ހޯދަން ކުރާ މަސައްކަތް މަޑުޖައްސާލަކަށް ނުވިސްނަ އެވެ. ޓޮޓެންހަމްގެ އާ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ މަޝްވަރާއާ އެއްގޮތަށް އެ ކްލަބުން ދަނީ ޓްރާންސްފާ ބާޒަރަށް ނުކުތުމަށް ތައްޔާރުވަމުންނެވެ.