Advertisement

މި ވަރުގެ ހިޔާނާތަކީ ނަސޭހަތް ދެވޭ ވަރުގެ ކުށެއްތަ؟

12 ޖޫން 2023 - 10:43 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މި ވަރުގެ ހިޔާނާތަކީ ނަސޭހަތް ދެވޭ ވަރުގެ ކުށެއްތަ؟

12 ޖޫން 2023 - 10:43 2

ރޭވިގެން އިންތިޒާމުވެގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެކެވެ. ކައުންސިލަށް ލިބެން ޖެހޭ ފައިސާއެއް، އުސޫލުން ބޭރުން ޖަމާކޮށްފައިވަނީ ވަކި ބަޔެއްގެ އަމިއްލަ އެކައުންޓަށެވެ. ކައުންސިލްގެ ބޭނުމަށް ހަރަދުކުރި ކަމަށް ބުންޏަސް، ލިޔެކިޔުމަކުން އޭގެ ތަފްސީލެއް ފެންނާކަށް ނެތެވެ. ރެކޯޑު ބަލަހައްޓާފައެއް ނުވެ އެވެ.

ރ. ދުވާފަރުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި، އިދާރީ އިސް މުވައްޒަފުންނާއި، ބައެއް ކޮންޓްރެކްޓް ސްޓާފުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާއާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއަށް އަރަ އެވެ.

ލާމަރުކަޒީ ގާނޫނާއި ގުޅުން ހުރި ގަވާއިދުތަކުގެ ބޭރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދުވާފަރު ކައުންސިލްގެ ތެރެއިން ކުރި އެތައް ކަމެއް ތަހުގީގުކޮށް، ދައުވާކުރަން ފޮނުވާފައިވީ ނަމަވެސް ދައުވާނުކޮށް ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވައިލުމުގެ ވިސްނުމެއް ޕްރޮސެކިއުޝަނުން އެބަ ގެންގުޅެ އެވެ.

އެކަންވީ އާންމުންގެ ތެރެއިން ބަޔަކު ވަރަށް ބޮޑަށް ނުރުހުނު ކަމަކަށެވެ.

ރައްޔިތުންތަކެއްގެ މަސްލަހަތު މާލިއްޔަތަކަށް އެ ވަރުގެ ބޮޑު ހިޔާނާތެއް ވެފައިވާ ކުށަކަށް އަދަބު ނުދީ، ނަސޭހަތް ދީފައިވާ މައްސަލަ ނިންމޭނެ ހަމައެއް އޮންނާނެ ހެއްޔެވެ؟

"މިލިއަނުން ވައްކަން ކުރީމަވެސް ނަސޭހަތް ދީގެން ނިންމާލަން؟ އެއީ ކޮން ގާނޫނެއްގެ ދަށުން؟ ތި ހުޅުވަނީ ދޮރެއްނު، ދެން ފެންނާނީ ތިޔަ ދޮރުން އެހެން ކައުންސިލުތަކުން ވަންނަ ތަން،" ނަސޭހަތުގެ އެއްބަސްވުމުގެ އިހުތިޔާރާ މެދު ޕީޖީ އޮފީހުން މަޝްވަރާކުރަމުންދާތީ ޓްވިޓާގައި މީހަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ނަސޭހަތުގެ އުސޫލާ ހިލާފު ކަމެއް؟

މި މައްސަލާގައި ދެ ގޮތަކަށް އަމަލު ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި ވިސްނުން އެބަ ގެންގުޅެ އެވެ. އެއް ގޮތަކީ ކުށުގެ އިއުތިރާފު އެއްބަސްވުމެއް ހެދުމަށެވެ. ދެވަނަ ގޮތަކީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށެވެ.

އިއުތިރާފު އެއްބަސްވުމަކީ ކުށަށް އިއުތިރާފުވެ އެކުލަވާލެވޭ އެއްބަސްވުމުގެ ދަށުން ދައުވާގެ އަދަބު ލުއިކޮށްދިނުމަށް ދައުލަތުން އެއްބަސްވުމެވެ. ނަސޭހަތުގެ އެއްބަސްވުމަކީ ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތް ދީފައި މައްސަލަ ނިންމާލުމެވެ.

ނަސޭހަތުގެ އެއްބަސްވުމުގެ އިޖުރާއަތްތައް ލިޔެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާއިން ފެށިގެން 100 ވަނަ މާއްދާއަށެވެ. އެގޮތުން, ދައުވާނުކޮށް ނަސޭހަތްދީ މައްސަލަ ނިންމާލަން ނިންމުމުގައި ޕްރޮސެކިއުޝަނުން ރިއާޔަތްކުރެވިދާނެ ކަންކަން ބަޔާންކޮށްފައިވެ އެވެ.

އެ ގާނޫނުގެ 99 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވީ މުޖުތަމައުގެ ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން އެ މަގާމުގެ ބޭނުންކޮށްގެން ހިންގާ ކުށްތަކުގައި ނަސޭހަތް ދިނުމަކީ މަނާ ކަމެއް ކަމަށެވެ.

ގާނޫނުގެ 99 ވަނަ މާއްދާއަށް ބަލާއިރު އޭގެ (ހ) ގައި ބަޔާންކުރަނީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ނަސޭހަތް ދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ އަށް ކަމެކެވެ. (ށ) ގައި ބަޔާންކުރަނީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރު އަޅާ 13 ކަމެކެވެ.

ނަސޭހަތް ދިނުމުގެ ބަދަލުގައި އާންމު މަސްލަހަތަށް ފައިދާ ހުރި ކަމަކީ ދައުވާ ކުރުން ކަމަށް ބާރު އަޅާ 13 ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހިންގި އަމަލަކަށްވުމާއި، ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ކުށެއް ކުރުމާއި، ކޮރަޕްޝަންގެ އަމަލެއް އެކުލެވުން ހިމެނެ އެވެ.

އެހެންކަމުން ގާނޫނީ ބައެއް ބޭފުޅުންގެ ނަޒަރުގައި މި ވަރުގެ ހިޔާނާތެއް ހިމެނޭ ކުށެއްގައި ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވައެއް ނުލެވޭނެ އެވެ. އެހެން ނަމަވެސް ހިޔާލުތަފާތުވާ ގާނޫނީ ބައެއް ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ.

"މުޅިން މަނައެއް ނޫން، ނަސޭހަތް ދެވިދާނެ ކަމެއް"

ބައެއް ގާނޫނީ ވަކީލުންގެ ނަޒަރުގައި، އާންމު މަސްލަހަތު ބެލުމުގައި ޕީޖީ އޮފީހުން ގާނޫނުގެ 99 ވަނަ މާއްދާގެ ކޮންމެ އަކުރަކަށް ވަކިން ބެލުމެއް ނެތެވެ. ހުރިހާ އަކުރެއްގައި ހިމެނޭ ކަންކަމަށް ބަލައި، ޕްރޮސެކިއުޝަނަށް ގޮތެއް ނިންމިދާނެ އެވެ.

"ގާނޫނުގައި ވެސް އޮންނަނީ ރިއާޔަތްކުރަންވާނެ ކަމަށް، އެއީ ޕްރޮސެކިއުޓަ ޖެނެރަލްއަށް ލިބިދީފައި އޮންނަ ވަރަށް މުތުލަގު ބާރެއް އެއީ، ހަމަ ހުރެފައި ނުދެންނެވޭނެ މިއީ ގޯހެކޭ،" ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމު އަދި ފަނޑިޔާރު ކަން ވެސް ކުރައްވާފައިވާ މުހުތާޒު މުހުސިން ވިދާޅުވި އެވެ.

މުހުތާޒު ގަބޫލުކުރައްވާ ގޮތުގައި ގާނޫނުގައި ނަސޭހަތް ނުދީ ދައުވާކުރުމަށް ބާރުއަޅާ 13 ކަންކަމުގެ އިތުރަށް ނަސޭހަތް ދިނުމަށް ބާރު އަޅާ ކަންކަމަށް ބަލާފައި ނަސޭހަތް ދިނުން އިސްކުރަން ޖެހޭ ހާލަތުތައް ވެސް ހުންނާނެ އެވެ.

"ހަމައެކަނި ބަލަން ޖެހެނީ އޭނާ އެ ވަގުތަކު ހުރި ވަޒީފާއަކަށް ނޫން، އޭނާގެ ކުށުގެ ރެކޯޑަށް ބަލަން އޮވޭ، އޭނާ އެ ވަގުތަކު ހުރި އާންމު ދިރިއުޅުމުގެ ހާލަތަށް ބަލަން ޖެހޭނެ، ކުށް ކުރި ހާލަތަށް އަދި ކުށުގެ ޒާތަށް ވެސް ބަލަން ޖެހޭ،" މުހުތާޒު ތަފުސީލުކޮށްދެއްވި އެވެ.

(ހ) ގައި ހިމެނޭ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ނަސޭހަތް ދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ އަށް ކަންކަމުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުށްކުރުމާއި، އުމުރުން ދުވަސްވީ މީހަކު ނޫނީ ކުޑަކުއްޖަކު ކުށްކުރުމާއި، ޒިންމާދާރުކަމާއެކު އާއިލާއެއް ބަލަމުންދާ މީހަކަށް ވުން ހިމެނެ އެވެ.

އަދި, ކުރި ކުށުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދެވުމަކީ ވެސް ދައުވާނުކޮށް ނަސޭހަތް ދިނުމަށް ނިންމުމުގައި ބާރު އަޅާ އަށް ކަމުގެ ތެރެއިން އެއް ކަމެވެ.

"އަޅުގަނޑަކަށް ނުފެނޭ އޭގައި ނަސޭހަތުގެ އެއްބަސްވުމަކަށް ނުދެވެންވީ ސަބަބެއް އޮތް ކަމަކަށް، އަމުދުން ކޮމާޝަލް ކްރައިމް، ފައިސާ އިންވޯލްވާ ކުށެއްގައި، މީހަކަށް ޖިސްމާނީ އަނިޔާއެއް ދީފައި ނެތް، [ކުރި ކުށުން ލިބުނު] ގެއްލުމުގެ ބަދަލު ނެގޭ ގޮތަކަށް އޮންނަ ކުށްކުށް،" މުހުތާޒު ވެސް އެ ނުކުތާ ފާހަގަ ކުރެއްވި އެވެ.

ދިފާއީ ވަކީލެއްގެ ގޮތުގައި މިހާރު ޕްރެކްޓިސް ކުރަމުން ގެންދަވާ މުހުތާޒުގެ ބައެއް ނުކުތާތަކަށް ތާއީދު ކުރެއްވި ނަމަވެސް، މި މައުޟޫއުއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހިޔާނާތުގެ ބައެއް މައްސަލަތަކުގައި ވެސް މަސައްކަތް ކުރައްވާ އެހެން ވަކީލެއްގެ ކަންބޮޑުވުން އޮތީ ހިޔާނާތުގައި ހިމެނޭ ފައިސާގެ އަދަދަށެވެ.

"މިހާ ބޮޑު ފައިސާއެއް ހިމެނޭ ހިޔާނާތެއްގައި ދެން ބަލަން ޖެހޭނީ، ނަސޭހަތް ދޭން ބާރުއަޅާ މާއްދާގެ އަށެއްގައި ބަޔާންކުރާ ކަންތަކަށް، ކުށުން ލިބުނު ގެއްލުމުގެ ބަދަލު ދެވުން، އެ އަދަދަށް ފައިސާ އަނބުރާ ކައުންސިލަށް ލިބުން،" މައުޟޫއުގެ ގޮތުން، ނަން ނުޖަހަން ޝަރުތުކޮށް އެ ދިފާއީ ވަކީލު ވިދާޅުވި އެވެ.

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ހިޔާނާތްތެރިވި މައްސަލައިގައި ދައުވާނުކޮށް ނަސޭހަތް ދިނުމުގެ ވިސްނުމެއް ގެންގުޅޭތީ އާންމުންގެ ކަންބޮޑުވުމެއް އެބަ ފެނެ އެވެ. ޕްރޮސެކިއުޝަނުން މި ކަމުގައި އަދި ވަކި ސްޓޭންޑެއް ނުނަގަ އެވެ. އެހެންވެ އަދި މާ ބޮޑު ތަފްސީލުތަކެއް ނުލިބުނަސް، ސްޓޭންޑެއް ނެގުމުން އޭގެ ފަހަތުގައިވާ ސަބަބުތައް މީޑިއާތަކަށާއި ދިވެހިންނަށް ހިއްސާކުރާނެ ކަމަށް ބެލެވެ އެވެ.