10 ޖޫން 2023 - 09:26 0
ފާތިމަތު ސާޔާ އަހުމަދު
ފުޓްބޯޅަ ކުޅުންތެރިއެއް ބޯޅައިގައި ބޮލުން ޖަހަނީ. -- ފޮޓޯ: ޖެމެއިކަން އޮބްޒާވާ
10 ޖޫން 2023 - 09:26 0
ލަންޑަން، އިނގިރޭސިވިލާތް (ޖޫން 9) - ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް ޑެމެންޝިއާ ޖެހުމުގެ ފުރުސަތު ތިން ގުނަ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޔުނިވާސިޓީ އޮފް ނޮޓިންގްހަމްގެ ދިރާސާ ހެދީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނާއި (އެފްއޭ) ޕްރޮފެޝަނަލް ފުޓްބޯލާޒް އެސޯސިއޭޝަނުން ކޮމިޝަންކޮށްގެންނެވެ.
މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ވެސް ދައްކާފައިވާ ގޮތުން ފުޓްބޯޅަ ކުޅުންތެރިންނަށް "ނިޔުރޯކޮގްނިޓިވް" ނުވަތަ ސިކުނޑީގެ ބާރު ކެނޑުމާ ގުޅުން ހުރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
އާ ދިރާސާގައި ބައިވެރިވި ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން 2.8 ޕަސެންޓް ވަނީ ޑެމެންޝިއާއަށް ޑަޔަގްނޯޒްކޮށްފަ އެވެ. އެއާ ހިލާފަށް ފުޓްބޯޅަ ނުކުޅޭ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ޑެމެންޝިއާއަށް ޑަޔަގްނޯޒްކޮށްފައި ވަނީ އެންމެ 0.9 ޕަސެންޓެވެ.
ކުރިން ޕްރޮފެޝަނަލްކޮށް ފުޓްބޯޅަަ ކުޅުމަށް ފަހު ރިޓަޔާކޮށްގެން ތިބި މީހުންނަށް ނިޔުރޯކޮގްނިޓިވް ބަލިތައް ކުރިމަތިވާ އިރު، އެ މީހުންނަށް އެހީވުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އެހެން ނަމަވެސް އިނގިރޭސި އެފްއޭއިން ބުނީ ކުޅުމުގެ ތެރެއިން ބޮލަށް އަނިޔާވުމުން އަމަލުކުރަން ޖެހޭ ގޮތުގެ އެންމެ ފުރިހަމަ އުސޫލް އެ އިދާރާއިން ތައާރަފްކޮށްފައި ވާނެ ކަމަށާއި އޭގެ ދަށުން ޕްރެކްޓިސްގެ ތެރެއިން ބޮލުން ބޯޅައިގައި ޖެހުން މަދުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އުމުރުން 12 އަހަރުން ދަށުގެ ކުޅުންތެރިން ބޮލުން ބޯޅައިގައި ޖެހުން މަނާކުރުމަަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް އިނގިރޭސި އެފްއޭއިން ބުނެ އެވެ.
Comment