Advertisement

ޖަމިއްޔާތައް އިސްނެގުމުން އިޖުތިމާއީ މައްސަލަތަކުގެ ހައްލު ހޯދަން ފަސޭހަވާނެ: ރައީސް

8 ޖޫން 2023 - 22:58 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް


ޖަމިއްޔާތައް އިސްނެގުމުން އިޖުތިމާއީ މައްސަލަތަކުގެ ހައްލު ހޯދަން ފަސޭހަވާނެ: ރައީސް

8 ޖޫން 2023 - 22:58 0

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް އެކި ރަށްރަށުގައި ތަފާތު ކަމަށާއި އެ މައްސަލަތަކާ ދެކޮޅަށް މަދނީ ޖަމިއްޔާތަކުން ތެދުވުން މުހިއްމު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މަދަނީ ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރަން ޔޫތު މިނިސްޓްރީން އިންތިޒާމްކުރި "ސިވިލް ސޮސައިޓީ" އެވޯޑް ދިނުުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރީ އިޖުތިމާއީ އެކި އެކި މައްސަލަތައް ކަމަށާއި އެ މައްސަލަތަކާ ދެކޮޅަށް އެރަށެއްގެ ޖަމިއްޔާތަކުން މަސައްކަތް ކުރުމުން، ހައްލުތައް ހޯދަން ފަސޭހަވާނެ ކަމަށެވެ. އެގޮތަށް މަސައްކަތްކުރާ ޖަމިއްޔާތައް މިހާރު ވެސް އެބަހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

" އިޖްތިމާއީ މައްސަލަތައް ޙައްލުކުރުމުގައި ވެސް އަޅުގަނޑުމެންނަށް އެ މަގުން ހިނގިއްޖިއްޔާ ނަތީޖާ ހާސިލުކުރުން ފަސޭހަވާނެ. އަދި މިކަމުގައި ރަށްރަށުގެ މަދަނީ ޖަމިއްޔާތަކުން އިސް ނެގުމުން ނަތީޖާ ނެރުން އަދި އެއަށްވުރެ މާ ފަސޭހަވާނެ. އެ ރަށެއްގައި ހުރި އިޖްތިމާއީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރި ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިޖުތިމާއީ މައްސަލަތައް ހައްލުވާނީ ހަމަ އެކަނި އަދަބުދީގެނެއް ނޫނެވެ. އޭގެ ބަދަލުގައި އެ މައްސަލަތައް ހައްލުކުރެވީ މައްސަލަތައް އުފެދޭ ސަބަބު ނައްތައިލުން ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ފަދަ މައްސަލަތަކަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ، އެފަދަ މައްސަލަތައް އުފެދުމަށް މެދުވެރިވާ ސަބަބުތަކުން މީހުން ދުރުކުރުމަށް، އެ މުޖްތަމައެއްގެ ތެރެއިން މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

އިޖުތިމާއީ މައްސަލަތަކަކީ ހައްލު ނުކުރެވޭ ވަރުގެ މައްސަލަތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންނަށް ޙައްލު ނުކުރެވޭވަރުގެ މައްސަލައެއް ނޫން. އަޅުގަނޑަށް ފެންނަ ގޮތުގައި މިކަމުގެ ޙައްލު އަޅުގަނޑުމެންގެ އަތުގައި އެބައޮތް. އެ ޙައްލު ހޯދަން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ބާރެއްކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ވިދާޅުވި އެވެ.

އިޖްތިމާއީ ދާއިރާތަކުން ހިދުމަތް ކުރާ ޖަމިއްޔާތައް ރާއްޖޭގައި މިހާރު ވެސް އެބަހުރި ކަމަށާއި މިރޭ އެވޯޑް ޙާޞިލުކުރި އޭޖްޑް ކެއާ މޯލްޑިވްސްއަކީ އެ ފަދަ ޖަމިއްޔާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭޖްޑް ކެއާ މޯލްޑިވްސް އަކީ ދޮށީ އުމުރުގެ މީހުންނަށް ހިދުމަތްކުރާ ދަރުމަވެރި ޖަމިއްޔާ އެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ ކެއާ ސޮސައިޓީއަކީ ވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ މިސާލެކެވެ. ސްކައުޓް އެސޯސިއޭޝަނާއި ގާރލް ގައިޑް އެސޯސިއޭޝަނަކީ ވެސް، ހަރުދަނާ މުޖްތަމައެއް ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެ ޖަމިއްޔާ ކަމަށް އެމަނިކުފާނު ވިިދާޅުވި އެވެ.