Advertisement

ޔޫކޭއަށް ބޭރުކުރާ މަހުން ޑިއުޓީ ކެނޑުމުގެ މަޝްވަރާކުރާތީ މިފްކޯއިން ޝުކުރު އަދާކޮށްފި

8 ޖޫން 2023 - 18:34 0

މިފްކޯގެ ފެލިވަރު ކާރުޚާނާ، ޔޫކޭއަށް ބޭރުކުރާ މަހުން ޑިއުޓީ ކެނޑުމުގެ މަޝްވަރާކުރާތީ މިފްކޯއިން ޝުކުރު އަދާކުރި. ފައިލްފޮޓޯ/އަދަދު


ޔޫކޭއަށް ބޭރުކުރާ މަހުން ޑިއުޓީ ކެނޑުމުގެ މަޝްވަރާކުރާތީ މިފްކޯއިން ޝުކުރު އަދާކޮށްފި

8 ޖޫން 2023 - 18:34 0

ރާއްޖޭން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އެ ގައުމުން އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފެށުމުން މިފްކޯއިން ސަރުކާރަށް ޝުކުރުއަދާކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް އޮފް ބިޒްނަސް އެންޑް ޓްރޭޑްއިން މިއަދު ވަނީ، ރާއްޖެއާއެކު އެ ގައުމުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމާ ބެހޭގޮތުން އާންމު ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ. އެގޮތުން، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަމާއި ރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ހިޔާލު ހުށަހެޅުމަށް އަށް ހަފްތާގެ މުއްދަތެއް ވަނީ ދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފްރީ ޓްރޭޑް އެއްބަސްވުމެއް ގާއިމްކުރެވުމުން، އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް އިނާޔަތްތައް ލިބި، މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްގެން ލިބޭ މަންފާ އިތުރުވާނެ ކަމަށެވެ.

"...މިއާ އެކު މަސްވެރިކަން ކޮށްގެން ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވާނެ އެވެ،" މިފްކޯއިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ޔޫކޭއާ އެކު ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމްކުރަން ކުރާ މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަމަށާއި މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރަން ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަަމަށެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އިނގިރޭސިވިލާތުން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް އާންމުކޮށް އިއުލާން ކުރުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ރާއްޖެ-ޔޫކޭ ފްރީ ޓްރޭޑް އެއްބަސްވުން ހެދުމުގެ މަޝްވަރާއާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 ޕަސެންޓު ޓެކްސް ކަނޑައިލުމަށްޓަކައި ފާއިތުވީ ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުގެ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެ މަޝްވަރާތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގްތިސާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ގައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށް ވެސް ބުންޏެވެ.