Advertisement

ވާހަކަ: ތައްޔާރު


ވާހަކަ: ތައްޔާރު

ނާޒުކީ ޖަޒުބާތުގެ މައްޗަށް އަބަދަވެސް އިސްވަނީ ނާޒުކު ހާލަތްތައް ހެއްޔެވެ؟ ފޮއި ވެއްޓޭން ޖެހޭނީ ހަމަ ރިހޭ ފައި މައްޗަށް ހެއްޔެވެ؟ އާއެކެވެ. އަބަދުވެސް ކަންވަނީ އެހެންނެވެ. ފޮއި ވެއްޓެނީ ވެއްޓެން ނުވާ ފަޔަށެވެ. އެއީ ކީއްވެ ވާކަމެއް ހެއްޔެވެ؟ ކަންކަމާ ތައްޔާރުވާންވީ ވަރަށް ތައްޔާރު ނުވާތީ ވާގޮތެއް ހެއްޔެވެ؟ ނޫނީ ހަމަ އެއީ ދުނިޔެވީ އާދައަކީ ހެއްޔެވެ؟

އަހަންނާ މަލްސާއާ ދެމީހުން ކައިވެނީ ގޮށްޖެހީ އެކަމަށް ބޭނުންވުމުންނެވެ. ފުރިހަމައަށް ތައްޔާރުވުމަށް ފަހުގައެވެ. މަލްސާއަކީ އެކަނިވެރި މަޔެއްގެ ހިތެވެ. ނިސްބަތުން ތަނަވަސް ދެމައިންނެވެ. އަހަންނަކީ މަލްސާއާ އަޅައިބަލާއިރު އާދައިގެ މީހެކެވެ. މެދު ފަންތީގެ އާއިލާއެއްގެ ހަތްދަރީންގެ ތެރެއިން އެންމެ ހަގު މީހާއެވެ. އެހެންވެ އާއިލާގައި އަހަންނަށް އޮންނަ ސަމާލުކަން އިތުރެއް ނޫނެވެ.

ކައިވެނީގެ ފަހުން ދިރިއުޅުން މަލްސާގެ ގެއަށް ބަދަލުކުރީ ކުރެހި މަންޒަރުގައި ކުލަޖެއްސުމަށެވެ. މަލްސާގެ މަންމަގެ ހިނިތުންވުމުން ދުނިޔެ ކުރަހާށެވެ. އަހަރުމެންގެ އަމާޒަކަށްވީ ކައިވެނީގެ މޭވާއެވެ. މަލްސާގެ އުނގު ފަޅުފިލުވުމުވެ. އެ ގެއަށް ދިރުން ގެނައުމެވެ. އިންތިޒާރުގެ ދުވަސްތައް ގުނެން ފެށުނެވެ. މަލްސާ އެކަމަށް ތައްޔާރުކަން ޢަމަލާއި ބަހުން އަންގައިދެމުން ދިޔައެވެ. ނުވިތާކަށް މައިދައިތަ ވެސް ހުރީ ކެތްމަދު ވެފައެވެ. ކެތްތެރިކަން ކޮޅުން ލައިފައެވެ.

ހަތްމަސް ފާއިތުވެއްޖެއެވެ. އުއްމީދީ އުފާވެރިކަމެއްގެ އަލާމަތެއް ނުފެނެއެވެ. އަހަރެން ދެންނެވީމެވެ. ތަކުރާރުކޮށް ދަންނަވަމުން ދިޔައީމެވެ. މަލްސާއަށް ވިސްނައިދެމުން ދިޔައީމެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެކަމެވެ. ކިތައްމެ އުއްމީދެއް ކުރި ނަމަވެސް، ކިތައްމެ ހުވަފެނެއް ދުށް ނަމަވެސް ވަގުތު ނުޖެހެނީސް އެއްވެސް ކަމެއް ނުވާނެ ކަމެވެ. ނަސީބަކުން މަލްސާއަކީ ވަރަށް ރަނގަޅު ކެތްތެރި އިންސާނެކެވެ. އޭނާގެ ލޮލުން ކަރުނައިގެ މުތީތައް ފެނުނަސް އެކަން ޢަމަލަކުން ނުދައްކައެވެ.

"ފަސީހް، މަންމައަށް ފެންނަނީ ދެކުދިން އުފާކޮށްލަން ބޭރު ގައުމަކަށްދާން." މައިދައިތަ ލަފާދިނެވެ.

އަހަންނަށް އެއްބަސްވެވުނެވެ. މަލްސާއަށް ވެސް އެ ޚިޔާލު ކަމުދިޔައެވެ. މާބޮޑަށް އެކަމާ ވިސްނާވިސްނާ މިހާރު ނަފުސާނީވާން ކައިރިވަނީއެވެ. ނުވާންވީ ސަބަބެއް ނެތެވެ. ކައިވެނީގެ ފުރަތަމަ ހަފުތާގައި ދަރިފުޅަށް ކޮޓަރި ތައްޔާރުކޮށްފީމެވެ. ކުޅޭނެ ސާމާނު ހޯދައިފީމެވެ. ކިޔާނެ ނަމާއި އެ ނަމުގެ މާނަ ބަލައިފީމެވެ.

މަލްސާއާއެކު އަހަރެން ފުރީމެވެ. ރާއްޖެއިން ބޭރަކަށް ނޫނެވެ. ރާއްޖޭގެ އެންމެ އުތުރަށެވެ. މީހުން މަދު އާބާދީ ކުޑަ މިނިވަން މާހައުލަކަށެވެ. ގުދުރަތީ ރީތި ފަޅެއް ލިބިވާ ހަނި ދިގު ރަށެކެވެ. އެ ރަށުގައި އަހަރެން ދަންނަ މީހަކު ނުހުންނާނެއެވެ. މަލްސާގެ ރައްޓެއްސެއް ވެސް ނެތެވެ. އެއީ އަހަރުމެން ބޭނުންވި ގޮތެވެ. ނުދަންނަ މީހުން ތިބި ތަނަކަށް ދިޔުމެވެ. މީހުންގެ އުނދަގުލާއި ކަޅިތަކުން ސަލާމަތްވާން ބޭނުންވާތީއެވެ.

އަހަރުމެން މަޑުކުރީ ގެސްޓު ހައުހެއްގައެވެ. އެ ރަށަކީ ނިސްބަތުން ގެސްޓު ހައުސް ގިނައިން ހުރި ރަށެކެވެ. ރަށުފަތުރުވެރިކަމަށް ދޮންކޮށްފައިވާ ރަށެކެވެ. މީހުންގެ ހޭލަމޭލަވުން މަދު ނަމަވެސް، ފަތުރުވެރީން މިނިވަން ކަންމަތީގައި ރީތި ދޮންވެލި ތުނޑިތަކުގައި ބަރިޖަހައިލެވިފައި އަވީލެވިފައި ތިބެއެވެ. އިރުގެ ހޫނާއި ދޮންވެލީގެ ބީހުމުން ހިތް އުފާކުރެއެވެ. ބިއްލޫރި ކޮޅެއް ފަދަ ސާފު ވިލުފަޅާއި މޫދުގައި އެވެރިން އުޅެމުންދަނީ ޚިޔާލެއް ފިކުރެއް ނެތިއެވެ. އެ މަންޒަރުން ހިތަށް ފިނިކަން ލިބެއެވެ. އުފާވެރިކަން އިހުސާސްކޮށްދެއެވެ.

މީހުންގެ ނަޒަރުގައި އަހަރުމެންނަކީ ފަތުރުވެރިންނެވެ. ބަލައިބެލުމަށް އެހެން ހީވާނެހާ ގޮތަކަށް އަހަރުމެން އުޅެމުން ދިޔައީމެވެ. ފަތުރުވެރިންނެކޭ އެއްގޮތަށް ގޮނޑުދޮށް ތަކުން އުފާ ލިބިގަންނަމުންނެވެ. ހުނުމާއި ސަކަރާތުގައެވެ. މޫދާއި ފަޅުން ހިތްހަމަ ޖެހުން ހޯދަމުންނެވެ. އަތްވާއި ތުނޑިން ހިތްހަމަ ޖެހުން ލިބިގަންނަމުންނެވެ.

އެ ރަށުގައި ހޭދަކުރި ފުރަތަމަ ހައެއްކަ ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. މަލްސާގެ މޫނުމަތީން އުފާވެރިކަމުގެ ކުލަވަރު ފެވެން ފެށިއެވެ. މީހާ ވަރުބަލިވެ ގުނބުހިލިފައި ހުންނަ ކަން އަހަންނަށް ފާހަގަވާން ފެށިއެވެ.

"މަލް ބަލީތަ؟"

ބަދަލުގައި މަލްސާ ބޯހޫރައިލިއެވެ. އެކަމަކު އޭނާގެ ތަބީއަތު ރަނގަޅު ނޫންކަން ދެ ލޮލުން ހާމަވެއެވެ. މޫނުމަތިން އެކަން ޔަގީންކުރެވެއެވެ.

"ފާޑަކަށް ބޮލަށް ބަރުޖެހިފަ ހުންނަނީ. ނިދަން ބޭނުންވަނީ. އެކަމަކު ވަރަށް ނިދިއްޖެ ދޯ." އެނދުގައި އޮވެ ކަންނެތް ރާގެއްގައި މަލްސާ ކިޔައިދިނެވެ.

"ވަރުބަލިވަނީތަ؟ އަރާމުކޮށްލަންވީ ކަންނޭނގެ. އެހެންވީމަ ބާކީ އޮތް ދެ ދުވަސް ކޮޓަރީގަ." މަލްސާގެ އިސްތަށިގަނޑުގައި އަހަރެން ފިރުމައިލީމެވެ.

ދެ ދުވަސް ނިމިގެން ދިޔައީ އެގޮތުގައެވެ. ކޮޓަރީގައި އަރާމު ކުރުމުގައެވެ. ނަމަވެސް އުފަލާއި ހިތްހަމަ ޖެހުމާއެކުގައެވެ. އަހަންނަށް ކަމެއް ޝައްކުވާން ފެށިއެވެ. ނަމަވެސް މަލްސާއަށް އެކަން އެނގޭތޯ، އިހުސާސްވޭތޯ ބަލަން މަޑުކުރީއެވެ. މަލްސާއަށް ލޯބިދީ ހިތްހަމަ ޖައްސުވައިދީގެން ވަގުތުތައް ގުނާން ފެށީމެވެ.

"މަންމަ މަތިން ވަރަށް ހަނދާންވާން ފަށައިފި. ހިނގާ މާލެދާން." މަލްސާގެ އަޑުގައި ހުރީ ވަރުބަލިކަމެވެ.

މަލްސާގެ އަނގައިގަ އެއްކޮޅު އޮއްވާ އަހަރެން ޓިކެޓު ނެގީމެވެ. ހުރިހާ ކަމެއް ފަހިކުރީމެވެ. މަލްސާއަށް އަންނަމުންދާ ބަދަލާއި އޭނާގެ ހާލަތު އެންމެ ގާތުން ފެންނާތީއެވެ.

"މަންމައަށް ހީވޭ ފަސީހުގެ މޫނުމަތީގައި ވާހަކައެއް ލިޔެގެން އައިހެން." އަހަރެން ހަމަ އެކަނިވެލި އިރަށް މައިދައިތަ ބުނެލިއެވެ.

މައިދައިތަ ގާތުގައި އެ ވާހަކަ ބުނާންވީ ބާއޭ ހިތަށް އެރިއެވެ. ފާޑަކަށް ޖެހިލުންވެވުނެވެ. މައްސަލައެއް ނޫނޭ ހިތްބުނެލިއެވެ. އަހަންނަކީ ކާކުކަން އަދި އަހަރެން ބޭނުންވަނީ ކޮން ކަމެއްކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ މައިދައިތައެވެ.

"މަލްއަކަށް ނޭނގެ. އެކަމަކު އަހަންނަށް ވަރަށް ޔަގީން،" އަހަރެން އިސް ޖަހައިލައިގެން އިނދެބުނީމެވެ. "މިރޭ ޑޮކުޓަރަކަށް ދައްކަން ދާން މިއުޅެނީ."

މައިދައިތަ އައިސް އަހަރެންގެ ގާތުގައި އިށީނެވެ. އަތުގައި ހިފައިލިއެވެ. ލޯބިން ފުރިގެންވާ ގޮތަކަށް އަހަރެންގެ މޫނަށް ބަލައިލިއެވެ.

"އަލްހަމްދުﷲ. މަންމަގެ ދުޢާ އިޖާބަކުރައްވައިފި. ވަރަށް އުފާވެއްޖެ. ޔަގީން ނުކޮށް މަލް ގާތު އެކަހަލަ ވާހަކައެއް ނުދައްކާތި." މައިދައިތަ ފިރުމައިލީ އަހަރެންގެ މުލައްދަނީގައެވެ.

އަހަރުމެން ޑޮކުޓަރުގެ ކޮޓަރިއަށް ވަނީމެވެ. ތެޅިތެޅި އޮތް ހިތެއް އަތަށް ލައިގެންނެވެ.

"މަރުހަބާ! އަލަތު ދެއްތޯ؟" ޑޮކުޓަރު ފަރީޝާ ހިނިތުންވެލިއެވެ. "އެކަމަކު ވަރަށް ބަލައިގެން އުޅެން ޖެހޭނީ، ކުޑަކުޑަ އެހެން ކަމެއް ވެސް އެބަހުރި. އިތުރު ޓެސްޓުތަކެއް ހަދައިފަ ޔަގީންކަން ދެވޭނީ. އެހެންވީމަ މި ލިޔެދޭ ޓެސްޓުތައް ހަދައިފަ ދައްކަން އާދޭ."

އަހަންނަށް ބަލައިލެވުނީ މަލްސާގެ މޫނަށެވެ. އޭނާއަށް އިވުނީ ޑޮކުޓަރުގެ ފުރަތަމަ ޖުމުލަ އެކަންޏެވެ. ފަހުން ދެއްކި ވާހަކައެއް އެނގުނުހެން ހިޔެއް ނުވެއެވެ. އެހެން ނޫންނަމަ އޭނާގެ ދެ ލޮލުން އެ ވިދުންތަކެއް ފާޅެއް ނުވާނެއެވެ.

"މަލް އިހަށް ބޭރުގައި މަޑުކޮށްލަންވީނު. މިތަން ތަންކޮޅެއް ފިނިވީމަ، އަހަރެން އެބަދަން ބޭސް ސިޓީ ލިޔެލީމަ ހިފައިގެން." ޑޮކުޓަރުގެ މޫނަށް ބަލައިލަމުން އަހަރެން ލޮލުން ދެތިން ވާހަކަ ހިއްސާކުރީމެވެ.

މަލްސާ ބޭރަށް ނުކުތެވެ. ސުވާލުކަށް ފަހު ސުވާލެއް ކުރީމެވެ. ޑޮކުޓަރު ދެއްވީ އެއް ޖަވާބެކެވެ. ޔަގީންވާނީ ޓެސްޓުގެ ނަތީޖާއަށްފަހުގައި ކަމެވެ. އެންމެފަހު އަހަރެން ހަތިޔާރު ބެހެއްޓީމެވެ. އަހަރެން ނުކުންނަށް ހިނގައިގަތުމުން ޑޮކުޓަރު ބުނެލިއެވެ.

"ޝައްކެއްވީމަ ބުނަން ޖެހިލުންވަނީ. މިހާ އުފާވެރި ވަގުތެއްގައި ހިތާމަވެރި ޚަބަރެއް ދޭން ބޭނުން ނުވަނީ."

"އަޅުގަނޑު މާއުފާވާނެ ކުޑަކޮށް ބުނެލަ ދެއްވީމަ."

"މަލްސާގެ ލޭގެ ޓެސްޓުތަކުން އެބަ ދައްކާ މައްސަލައެއް ހުރިކަމަށް." ޑޮކުޓަރު އަހަރެންގެ ކޮނޑުގައި ފިރުމައިލިއެވެ. "ޔަގީން ނުވަނީސް އެއްވެސް މީހަކަށް މިކަން އެންގުން ރަނގަޅެއް ނޫން."

އެންމެފަހުން އެ ހަގީގަތާ އަހަރެން ކުރިމަތިލާން ޖެހުނެވެ. އެ ހުރިހާ ކަމެއް މަލްސާއަށް ސިއްރުކުރާން މަޖުބޫރުވިއެވެ. މައިދައިތައަށް ވެސް ސިއްރުކުރުން ނޫން ގޮތެއްނެތެވެ. މަލްސާގެ ހާލަތު ހުރި ގޮތުން އިތުރު ފަރުވާއެއް ދެވޭކަށް ނެތެވެ. ވިހައި ގަދަވުމުން ނޫނީ އިތުރު ބޭހެއް ކެވޭކަށް ވެސް ނެތެވެ. ދެން އޮތީ މަލްސާ ވެސް އެންމެ ބޭނުން ނުވާނެ ގޮތެވެ. އެ ގޮތް އަހަރެން ވެސް ބޭނުމެއް ނޫނެވެ. އަމުދުން މައިދައިތަ ވެސް ބޭނުމެއް ނުވާނެއެވެ.

ދުވަސްކައިރިވަމުން އަންނަ ވަރަކަށް އަހަރެންގެ ހިތުގައި ޖެހޭ ރަނގަބީލުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ބާރުވަމުންނެވެ. އަހަންނަށް ތައްޔާރުވާން ޖެހުނީ ދެ ޚަބަރަކަށެވެ. އުފަލާއި ހިތާމައިގެ ހިތި ޚަބަރަކަށެވެ. ދުނިޔެއާ ސިއްރުންނެވެ. މޫނުމަތީން އެ މަންޒަރު ނުދައްކާން ވަރަށް މަސައްކަތްކުރަމެވެ. ނަމަވެސް މައިދައިތައަށް އެކަހަލަ ވަހެއް ދުވިއެވެ. އަހަންނަށް އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. ތަކުރާރުކޮށް އެ ސުވާލުކުރިއެވެ. ބަދަލުގައި އަހަރެން ބިރުގަންނަނީ ކަމަށްބުނީމެވެ. އެންމެފަހުން ގޮތް ހުސްވިއެވެ. މައިދައިތަގެ ބަސް ގަދަވީއެވެ. އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހުނީއެވެ. މައިދައިތަގެ ލޮލުން ކަރުނަ ނުހިކުނެވެ. އޭނާ މޮޔަ ގޮވާން ފެށިއެވެ. ލައްކަ ނަސޭހަތުން އެތައް ވާހަކައަކުން ހަމައަކަށް އެޅުނެވެ. މަލްސާ ކުރިމަތީގައި އެ މޫނު ނުދެއްކުމަށް ވައުދުކުރުވީމެވެ.

މަލްސާ އެނދުމަތިކުރިއެވެ. އޭނާގެ ހިނިތުންވުމުން އަހަންނަށް ހިތްހަމަ ޖެހުން ގެނުވައިދިނެވެ. ނަމަވެސް ހިތުވިންދު ފާލުން ނެއްޓިއެވެ. ސިކުންތެއް ގަރުނަކަށް ބަދަލުވަމުން ދިޔައެވެ. އިރުއިރުކޮޅާ މަލްސާގެ ޚަބަރު ބެލެއެވެ. މައިދައިތަ ވެސް ހުރީ އެ ހާލެއްގައެވެ. އޭނާގެ ލޮލުން ކަރުނަ ނުފިލައެވެ. ދޮރުހުޅުވާލިއިރަށް ދެ މީހުންނަށް އެ ދިމާއަށް ދުއްވާގަނެވުނެވެ. ނަރުސްކުއްޖާގެ އަތުގައި ދަރިފުޅު އޮންނާނެ ކަމަށް އުއްމީދު ކުރެވުނެވެ. ކަންވީއެހެންނެއް ނޫނެވެ. ނުކުތީ ޑޮކުޓަރެވެ. ހުރީ އިސްޖަހައިގެންނެވެ.

"ވަރަށް މަސައްކަތްކުރީން. އެކަމަކު..."

އަހަރެންގެ ދުނިޔެ އެ ފުށް މިފުށަށް ޖެހުނެވެ. ހިތްފަޅިފަޅިވެގެން ދިޔައެވެ. ދެފައިން ވަރުދޫވިއެވެ. އެ ޙަޤީޤަތާ ކުރިމަތިލާން ޖެހުނެވެ. މަލްސާ އަހަންނާ ވަކިވެގެން ދިޔައީއެވެ. އެންމެ އުފާވާންވީ ވަގުތު އެ އުފަލުގައި ބައިވެރިނުވެއެވެ. އަހަރެން އެކަނިކޮށްފައެވެ. ނަމަވެސް، މިއީ ހިތި ޙަޤީޤަތެވެ. މައިބަނޑުވުމަށް ތައްޔާރުވުމުގެ ކުރީން ރަނގަޅަށް ތައްޔާރު ނުވެވުމުގެ ނަތީޖާއެވެ. މުހިއްމީ ކޮޓަރިއެއް ނޫނެވެ. ކުޅޭ ސާމާނެއް ވެސް ނޫނެވެ. ކިޔާނެ ނަމެއް ވެސް ނޫނެވެ. ކީއްކުރަން ހެއްޔެވެ؟ ފައިސާއެއް އުޅޭނެ ގޮތެއް ވެސް ނޫނެވެ. އެންމެ މުހިއްމީ މައިމީހާގެ ސިއްހަތެވެ. އާއިލާ ރޭވުމުގެ ކުރީން ކުރާންވީ ކަންކަން ކުރުމެވެ. އެކަމަށް ތައްޔާރުވުމަށް މައިމީހާގެ ސިއްހީ ހާލަތު ވަޒަންކުރުމެވެ. ދެނެގަތުމެވެ. އެކަން ނުކޮށް އެހެން ތައްޔާރީތައް ވުމުން މިފަދަ ހިތި ތަޖުރިބާއެއް ކުރާން ޖެހިދާނެއެވެ. އަހަންނަށް ވެސް މި ޖެހުނީ އެ ދަތުރެވެ. މަލްސާއަކީ އުފެދުމުގައި ވެސް ހިތުގެ މައްސަލައެއް ހުރި މީހެއްކަން އެނގުނީ އެންމެ ނާޒުކު ވަގުތުގައެވެ. އަތްފައި ބަނދެވުނު ހިނދުގައެވެ.