Advertisement

ރާއްޖެ-ޔޫކޭ ފްރީ ޓްރޭޑުގެ އެއްބަސްވުމުން މަސްވެރިކަމަށް ނަފާ ވާނެ: ފައްޔާޒް

8 ޖޫން 2023 - 16:02 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރާއްޖެ-ޔޫކޭ ފްރީ ޓްރޭޑުގެ އެއްބަސްވުމުން މަސްވެރިކަމަށް ނަފާ ވާނެ: ފައްޔާޒް

8 ޖޫން 2023 - 16:02 0

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަކީ ޑިއުޓީއަކާ ނުލައި ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެއާ އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާތައް ފެށުމާ ގުޅިގެންނެވެ. އެ މަޝްވަރާގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ އިކޮނިމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ ވަފުދެކެވެ.

"މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު، މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ،" ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވެ އެވެ.

ފައްޔާޒް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރެވުމަކީ ރާއްޖޭގެ އިގުތިސާދީ ކުރިމަގަށް ވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް އޮފް ބިޒްނަސް އެންޑް ޓްރޭޑުން މިއަދު ވަނީ ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފަ އެވެ. އެގޮތުން، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަމާއި ރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ހިޔާލު ހުށަހެޅުމަށް އަށް ހަފްތާގެ މުއްދަތެއް ވަނީ ދީފަ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމާ ގުޅިގެން ރާއްޖޭގެ ސަރުކާރުން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

ދިވެހި މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަކީ އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރު ކުރާ މަހުގެ ޑިއުޓީ ކަނޑާލުމަށްޓަކައި އެ ގައުމު އީޔޫއިން ވަކިވިފަހު އެކިފަހަރު މަތިން މި ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ.

މި މަޝްވަރާތައް ކާމިޔާބުވެ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ފްރީ ޓްރޭޑު އެއްބަސްވުމެއްގައި ސޮއި ކުރެވިއްޖެ ނަމަ، އެ ކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ނަފާ ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު، ޑރ. ހުސެއިން ރަޝީދު ވިދާޅުވެފައިވެ އެވެ.

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތުގައި ބައިވެރިވި މިނިސްޓަރީތަކުގެ ޓީމަށް މިނިސްޓަރު، ފައްޔާޒު ޝުކުރު އަދާކުރެއްވި އެވެ.