Advertisement

މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް ރާއްޖެ-ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށައިފި

8 ޖޫން 2023 - 13:55 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު ކެރަން ރޮސްލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް ރާއްޖެ-ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށައިފި

8 ޖޫން 2023 - 13:55 0

ރާއްޖޭން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އެ ގައުމުން އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފެށުމުން ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް އޮފް ބިޒްނަސް އެންޑް ޓްރޭޑްއިން މިއަދު ވަނީ، ރާއްޖެއާއެކު އެ ގައުމުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމާ ބެހޭގޮތުން އާންމު ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ. އެގޮތުން، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަމާއި ރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ހިޔާލު ހުށަހެޅުމަށް އަށް ހަފްތާގެ މުއްދަތެއް ވަނީ ދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން މިއަދު ބުނީ، އިނގިރޭސިވިލާތުން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް އާންމުކޮށް އިއުލާން ކުރުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 ޕަސެންޓު ޓެކްސް ކަނޑައިލުމަށްޓަކައި ފާއިތުވީ ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުގެ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެ މަޝްވަރާތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގްތިސާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ގައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އެތެރެކުރެވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފަ،" ރައީސް އޮފީހުން ބުންޏެވެ.

މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މާކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖޭ ހިމެނެ އެވެ.