Advertisement

ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް: ޒަޔާން އާއި ނަބާހާގެ ޕެއާ މިކްސް ޑަބަލްސް ގަދަ 16 އަށް

6 ޖޫން 2023 - 16:42 1

ނަބާހާ އާއި ޒަޔާން މިއަދުގެ މެޗުގެ ތެރެެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް: ޒަޔާން އާއި ނަބާހާގެ ޕެއާ މިކްސް ޑަބަލްސް ގަދަ 16 އަށް

6 ޖޫން 2023 - 16:42 1

މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި މިއަދު ކުޅުނު މެޗުން މޮޅުވެ، ރާއްޖޭގެ އެއް ވަނަ މިކްސް ޑަބަލްސް ޕެއާ، ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާގެ ޕެއާ، އެ އިވެންޓްގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފި އެވެ.

ގަދަ 32 ޕެއާގެ ބުރުގައި ޒަޔާން އާއި ނަބާހާގެ ޕެއާ، މިއަދު މެންދުރު ފަހު ކުޅުނު މެޗުގައި ނުކުތީ، މެލޭޝިއާގެ ތަން ކިއެން ވެއި އާއި ތަން ޝެން ތިންގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުގެ، ފުރަތަމަ ސެޓު 23-21 އިން ކިއެން ވެއި އާއި ޝެން ތިއެންގެ ޕެއާ އިން ގެންގޮސްފައިވަނިކޮށް، ނަބާހާ އާއި ޒަޔާންގެ ޕެއާ މޮޅުވީ ފަހަތުން އަރައި ދެން ކުޅުނު ދެ ސެޓު ގެންގޮސްގެންނެވެ. ސެޓުތައް ގެންދިޔައީ، 12-21، 12-21 އިންނެވެ.

ނަބާހާ އާއި ޒަޔާންގެ ޕެއާ މިކްސް ޑަބަލްސް އިވެންޓްގައި މިއަދު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޒަޔާން އާއި ނަބާހާގެ ޕެއާ، ގަދަ 16 ބުރުގެ މެޗުގައި މާދަމާ ނުކުންނާނީ އިންޑިއާގެ ދީޕް ރަމްބިއާ އާއި އަނާގާ އަރަވިންދާ ޕައިއާ ދެކޮޅަށެވެ.

މިކްސް ޑަބަލްސްގައި ދެން އެންޓްރީ ހަދާފައިވާ އެއް ޕެއާ އަކީ، ނީލާ ނަޖީބު އާއި ނިބާލް އަހުމަދުގެ ޕެއާ އެެވެ. އެކަމަކު، އެ ޕެއާގެ މެޗު ވޯކްއޯވާވެ، ޕާކިސްތާންގެ ޕެއާ، މިހާދު ޝެއިކް އާއި ހަދީޖާ ލަތީފްގެ ޕެއާ ވަނީ ގަދަ 16 ބުރުން ފުރުސަތު ހޯދައިފަ އެެވެ. ރާއްޖޭގެ ދެން އޮތް ޕެއާ، މުހައްމަދު އަދީމް އާދަމް އާއި ޝައިބާ މުހައްމަދު ޝަރީފްގެ ޕެއާ ވަނީ މެލޭޝިއާގެ ލިމް ޒީ ޖިއާން އާއި ހާއޮ ޝަން ސިއޯ އަތުން 21-07، 21-07 އިން ބަލިވެފަ އެވެ.

ބީޑަބްލިއުއެފް މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް ގެނެސްދިން ހަމައެކަނި ޕެއާގެ ޝަރަފް ލިބިފައިވާ ޒަޔާން އާއި ނަބާހާގެ ޕެއާ އަކީ މި ވަގުތު ދުނިޔޭގެ ރޭންކިންގައި ވެސް މި އިވެންޓުން ރަނގަޅު ހިސާބެއްގައި އޮތް ޕެއާ އެކެވެ. އެ ގޮތުން، އެންމެ ފަހުން މިދިޔަ މަހު ނެރުނު ރޭންކިންގައި ޒަޔާން އާއި ނަބާހާގެ ޕެއާ އޮތީ ދުނިޔޭގެ ރޭންކިން 94 ވަނައިގަ އެވެ.

ސިންގަލްސް އިވެންޓާއި ފިރިހެން ޑަބަލްސް އިވެންޓްގައި ވެސް މިއަދު ޒަޔާންގެ މެޗުތައް އެބައޮތެވެ. އެ ގޮތުން ސިންގަލްސް އިވެންޓްގައި ޒަޔާން ކުޅެނީ އިންޑިއާގެ ދްރޫވް ކުމާރްއާ އެެވެ. އަދި ފިރިހެން ޑަބަލްސް އިވެންޓްގައި ޒަޔާން އާއި އަހުމަދު ތޯއިފް މުހައްމަދުގެ ޕެއާ ވާދަކުރަނީ މުބާރާތުގައި ދެ ވަނަ އަށް ސީޑުކޮށްފައިވާ ޕަރަންޔޫ ކޯސަމާން އާއި ވޮރަޕޯލް ތޮންގްސަ ންގާގެ ޕެއާއާ އެވެ.