Advertisement

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ބެންޒެމާ އަލް އިއްތިހާދަށް: ރިޕޯޓް

6 ޖޫން 2023 - 14:25 0


ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ބެންޒެމާ އަލް އިއްތިހާދަށް: ރިޕޯޓް

6 ޖޫން 2023 - 14:25 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖޫން 6) - ސާދަ އަހަރަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލި ފްރާންސްގެ ފޯވާޑް، ކަރީމް ބެންޒެމާ، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ގަދަބާރު، އަލް އިއްތިހާދަށް ސޮއިކޮށްފައިވާ ކަމަށް އެ ކްލަބްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.

އަލް އިއްތިހާދުގެ އޮފިޝަލަކާ ހަވާލާދީ ސައުދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބެންޒެމާ، 35، ވަނީ އަލް އިއްތިހާދާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ކުރިއަށްދާން ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބެންޒެމާ އަލް އިއްތިހާދުގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރަން ހާއްސަ އިވެންޓެއް ބޭއްވުމުގެ މަޝްވަރާތައް ވަނީ ކުރެވިފަ އެވެ.

މި ސީޒަނުގައި ވެސް ސައުދީ ލީގު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އަލް އިއްތިހާދުން އެ ޓީމަށް ބެންޒެމާ ގެންދާއިރު، ލީގުގެ ދެ ވަނައިގައި އޮތީ މި އަހަރު ޖެނުއަރީ ފެށިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ކްލަބް، އަލް ނަސްރު އެފްސީ އެވެ. ލީގުގައި ދެން އޮތް ގަދަބާރު، އަލް ހިލާލް އިން އަންނަނީ ލިއޮނަލް މެސީ ގެންދަން މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ލޫކަ މޮޑްރިޗް އާއި ސާޖިއޯ ރާމޯސް ވެސް އަންނަ ސީޒަނުގައި ސައުދީ ލީގުން ފެނުމުގެ ފުރުސަތު ބޮޑެވެ.

އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ، ބެންޒެމާ އަށް އަލް އިއްތިހާދުން ދިން ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ މުސާރަ އާއި އެހެނިހެން ކަންކަން ހިމެނޭ ގޮތަށް 400 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރެއާލްގައި ހޭދަކުރި 14 އަހަރު ތެރޭ ބެންޒެމާ ވަނީ އެ ޓީމަށް ކުޅެދިން 648 މެޗުން 354 ގޯލު ޖަހައިފަ އެވެ. ބެންޒެމާ ވަނީ ރެއާލަށް ކުޅުނުއިރު ޖުމްލަ އެކު، 24 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.