Advertisement


ވަޒީފާއެއް ނެތި، އަތް އުރައިލައިގެން އަހަރެން އުޅުނީމެވެ. އުމުރުން ދެ ދިހަ ފަހަކާ ހަމައަށެވެ. ނަމަވެސް، އެކަން ބަދަލުވެއްޖެއެވެ. އެ ދުވަސް މާޒީ ވެއްޖެ އެވެ. އެތައް ފިލާވަޅެއް ނަގައިދީފަ އެވެ. މިއީ ތަރިއަކަށް އަހަރެން ބަދަލުވި ގޮތެވެ. އެ ވާހަކަ އެވެ.

މިއަދު އަހަންނަށް ވިސްނުނު ފިލާވަޅަކީ އެއީ އެވެ. ޢިލްމުގެ ރަހަ ހިތިވެފައި އޭގައި އަޅާނެ މޭވާ ފޮނިވާނެކަމެވެ. އަހަރެން ހީކުރީ ޢިލްމަކީ ފޮނި އެއްޗެއް ކަމެވެ. އޭގެ މޭވާއަކީ ބޭނުމެއް ނެތް، މާނައެއް ނެތް އެއްޗެއް ކަމެވެ. އަހަންނަށް ކުލަވި ދުނިޔޭގައި ކަންކަން ހިނގީ އެ މަގުންނެވެ. އެގޮތަށެވެ. އަކުރެއް ކީއްކުރަން ހެއްޔެވެ؟ ފިއްޔަކަށް ވެސް ބަދަލެއް ނާދެ އެވެ.

އާއެކެވެ. ޖެހިގެން ހުރިގޭ މުނީރަކީ ކިޔެވި މީހެއް ނޫނެވެ. ކުލާހުގައި ސަކަރާތް ޖެހުމުން ވަނައެއް ލިބޭނެ ނަމަ އޭނާއަށް އެ ވަނައެއް ހައްގެވެ. ބޮޑުދައިތަގެ މުހައްމަދަކީ ސާނަވީ މަރުހަލާ ނުނިމެނީސް ސްކޫލު ދައުރުގައި ސިއްކަ ޖެހި މީހެކެވެ. ދެން ހުރީ މަތީނެވެ. މަތީނޭ ބުންޏަކަސް އޭރު އޭނާއަކީ ތިރީނެކެވެ. ގުރޭޑް ހަތަކާ ހަމައަށް ދިޔަ އިރު ވެސް ކުލާހުން ފަހަތުން އެއްވަނަ އެވެ. ލިޔަންކިޔަން ކީއްކުރަން ހެއްޔެވެ؟ އަކުރެއް ފިއްޔެއް ވަކިކުރާކަށް ވެސް އޭނާއަކަށް ނޭނގެއެވެ. ސުކޫލު ނިންމި އިރު ދެ އަކުރު އެއްކޮށް ކިޔައިލަން ވެސް ނޭނގޭނެއެވެ. މި އެންމެންނާ އަޅައިބަލާއިރު އަހަންނަކީ އަލިފެކެވެ. ކުށެއް ނުކުރަމެވެ. ސަކަރާތެއް ނުޖަހަމެވެ. ބެލެނިވެރިން ބޮލަށް އުނދަގޫވާކަމެއް ނުކުރަމެވެ. ނަމަވެސް، ރިޕޯޓެއް ދީފިތަ، ހުންނާނީ މުޅިން ވެސް ރަތް އަކުރެވެ. ދެ އަދަދުގެ މާކުހެއް ދުވަހަކު ވެސް ނުލިބެ އެވެ.

ކަންކަން ބަދަލުވި ގޮތް ދެކިބަލާށެވެ. މުނީރަކީ ރިސޯޓު އޯނަރެކެވެ. މުހައްމަދަކީ ވިޔަފާރިވެރިއެކެވެ. މަތީނަކީ ހަމަ ހަގީގަތުގައި ވެސް މަތީނެވެ. މަތީ މަގާމުތައް ފުރައި ގައުމުގެ މަތީ ފަޑީގައި ވިދާ ތަރިއެކެވެ. ގޮފަޅުންގެ ލިސްޓެއް ހަދައިފި ނަމަ އެއްވަނައަށް އަންނާނީ އަހަންނެވެ. ސްކޫލު ނިންމާ ދިހަބާރަ އަހަރުވީ އިރު ވެސް އަމާދިނީމައި ކައިގެން ބަފައިދިނީމާ ލައިގެން އުޅޭނީ އެހެންވީމަ ނޫން ހެއްޔެވެ؟ މުޅި ރަށުގައި ކާޅު ގޮވާހެން ގޮވަނީ އެހެންނެވެ. ބޭރަށް ނުކުތަސް އިވެނީ އެ ބަނދިވަރެވެ. އަހަރެންގެ ޖަގަހައަކަށް ކޮޓަރި ވީ ވެސް އެހެންވީމައެވެ. ދުނިޔޭގެ ކުލައެއް، ވަހެއް، ރަހައެއް ބަލަން ވެސް ބޭނުން ނުވަނީ ވެސް އެހެންވީމައެވެ.

ކުއްލިއަކަށް އަހަންނަށް މި ވިސްނުނީ ކީއްވެހޭ ހިތަށް އަރައިފާނެއެވެ. އެ ސުވާލުގެ ޖަވާބު އިހަށް ބާއްވާށެވެ.

ހަގީގަތުގައި ވެސް އަހަންނަކީ އަހަރެންނެވެ. އަހަރެން ގޮތެއް އަހަންނަކަށް ވެސް ނޭނގެއެވެ. އަހަންނަކީ ހުނަރުވެރިއެއް ކަމެއް ވެސް ގޮފަޅެއް ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ކުރާހާ ވެސް ކަމަކީ ވާހަކަފޮތް ކިޔުމެވެ. ބައެއް މީހުންގެ ނަޒަރުގައި ފިރިހެން ކުދިން ވާހަކަ ކިޔުމަކީ ހުތުރު ކަމެކެވެ. ލަދުވެތި ކަމެކެވެ. އެކަހަލަ ކުދީންނާ މެދު މީހުން ދެކޭގޮތް ބަދަލެވެ. ވިސްނުން ނުކިއްސަރެވެ. ބަދު ނަންނަމުން ގޮވައެވެ.

ދޮންތައަކީ ވާހަކައަށް މަރުދޭ މީހެކެވެ. ވާހަކަފޮތެއް ބާޒާރަށް ނެރޭއިރަށް އެ ފޮތެއް ގެއަށް ވަންނާނެއެވެ. އެހެންވެ އަހަރުމެން ގެއަކީ ވާހަކަ ފޮތުގެ ކުތުބުޚާނާއެކެވެ. އެ ތަނުގެ ކުތުބުދާރަކީ އަހަންނެވެ. ފޮތް ތަރުތީބުކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ އަހަންނާ މަތިވެފައެވެ. ފޮތުގައި އަތް އުނގުޅި އުނގުޅި ފޮތްތައް ހިތުދަހެވެ. އިނގިރޭސިވާހަކަތަކާއި ދިވެހި ވާހަކަތަކެވެ. މަޤުބޫލު ލިޔުންތެރިންގެ ވަނަވަރެވެ. އެ މީހުންގެ ފޮތެއް ބާޒާރުވެއްޖެ ނަމަ އެ ނިމުނީއެވެ. ދޮންތައަށް އެ ޚަބަރުދަބަރު ގެންގޮސްދޭން ހުންނަ މީހަކީ ވެސް އަހަންނެވެ.

މަންމަގެ މުސްކުޅި ބަލި ދިގުލައިގެން ދިޔައެވެ. ކުއްލިއަކަށް ހާލު ބޮޑުވިއެވެ. ހަމަ އެ ދުވަސްކޮޅު ބައްޕަ ވެސް ސިޑިން ވެއްޓި ޖެހުނު ގޮތަށް އުނގަނޑަށް އަނިޔާވިއެވެ. ދެ މީހުން އެކުގައި އެނދުމަތިކުރިއެވެ. އާއިލާގެ ދެން ތިބި ތިން މީހުން އުޅެނީ ބިޒީ ބޮލަށް ލައިގެންނެވެ. ދެފައި ދެ ދުނިޔޭގައި ބަހައްޓައިގެންނެވެ. އެހެންވެ މަންމައާއި ބައްޕަ ބެލުމުގެ ޒިންމާ އަހަންނަށް ހަވާލުވިއެވެ.

ހޮސްޕިޓަލަށް އާކަމުން ވާނުވާއެއް ނޭނގެއެވެ. ނަމަވެސް ދެތިން ދުވަސްވީއިރަށް ކަންކަން އެނގިއްޖެއެވެ. ދަސްވެއްޖެއެވެ. އަހަންނަށް އިނގިރޭސިބަހުން ވާހަކަދައްކާން އެނގޭކަން ވެސް އެނގުނީ އެހައި ހިސާބުންނެވެ. ޑޮކުޓަރު ދެއްކި ވާހަކަތައް ސާފުކޮށް ފަހުންވުމުންނެވެ. އިޚްތިޔާރުން ބޭރުގައި އިނގިރޭސިބަހުން މުއާމަލާތްކުރެވެމުންނެވެ. ދެން އޮތީ އެހެންކަމެކެވެ. ދިވެހިބަހުން ފަރިތަކަމާއެކު ރީތިކޮށް ވާހަކަދެއްކުމެވެ. އެކަން ކުރުމުގައި ވެސް އަހަރެން ހާދަ ކުޅަދާނައޭ ބުނީ ދޮންތައެވެ. ހޮސްޕިޓަލުގެ ވޯޑަށް ޤައުމުގެ ނައިބު ރައީސް ޒިޔާރަތްކުރެއްވި ދުވަހު ކުރެއްވި ސުވާލުތަކަށް މައް ދިވެހިބަހުން ސާފުކޮށް މާތްކޮށް ވާހަކަދެއްކުމުންނެވެ.

ހަގީގަތުގައި ވެސް އަހަންނަކީ އެހައި މޮޅު މީހެއް ހެއްޔެވެ؟ ނުވާނެއެވެ. މީހުން ތެރެއަށް ނުކުމެ އަހަރެން ނޫޅެމެވެ. ސާނަވީ ނިންމި ކަމެވެ. ސަނަދު ލިބޭ ވަރެއް ނުވިއެވެ. ދެން މިވީ ކީއްހެ އްޔެވެ؟ ކުއްލިއަކަށް އަހަރެން މޮޅުވީ ހެއްޔެވެ؟ އެހެން ވެގެން ނުވާނެއް ނޫން ހެއްޔެވެ؟ އެހެންވާނެ ގޮތެއް ވެސް ނެތީއެވެ.

އަހަރެން ހުރީ ހޮސްޕިޓަލުގައެވެ. މަންމައާއި ބައްޕަގެ ޚިދުމަތުގައެވެ. ދެ މީހުން އެނދުމަތިކުރާން ޖެހުމުން އާއިލާއިން ޚާއްޞަ ކޮޓަރިއެއް ހިފީ ފަސޭހައަކަށެވެ. އެހެންވެ އަހަރެން ގެއަކަށް ނުދަމެވެ. ހުރިހާ އިރު އިންނަނީ މަންމައާއި ބައްޕަގެ ޚިދުމަތުގައެވެ.

އެއް ދުވަހެއްގެ ހެނދުނެވ. ދޮންތަ ފޮނުވީ އިޝްތިހާރެކެވެ. އަހަންނަށް ހިނިގަނޑެއް ފޮނުވާލެވުނެވެ. އެއްވެސް ޝައުޤުވެރިކަމެއް ނެތީމައެވެ. ދެ ފަހަރަކު އިޝްތިހާރު ކިޔައިލީމެވެ. ފުރުސަތު އައިސް ގައިގައި އޮޅުލައިގަންނާނީ އެ މީހަކު އެކަން ބޭނުންވީމަ ކަމަށް ދޮންތަ ވިސްނައިދިނެވެ. އަހަރެން އަޖުމަ ބަލައިލާނަމޭ ބުނީ ދޮންތަގެ ބޮލުގެ ކޮށުމުން ސަލާމަތްވާން ވެގެންނެވެ.

އެރޭ ބާރަ ނުޖަހަނީސް ދޮންތަ އެދުނު ކަންތައް ކޮށްދިނީމެވެ. އަހަރެންގެ ހުތުރު ލިޔުމުން ގަނޑެއްގައި ލިޔުނު ލިޔުން ފޮޓޯއެއް ނެގުމަށްފަހު ދޮންތައަށް ފޮނުވީމެވެ. ދޮންތަ އެ ކިޔާން އުފުލާނެ ތަކުލީފު ހިތަށް އެރިއެވެ. ރުޅި އައިސް ރަތްވެގެން އަހަންނަށް ގުޅާނޭ ހިތްބުނެލިއެވެ. ނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ދޮންތަ ގުޅައިގެން އަހަންނަށް ކުރީ މަލާމަތެއް ނޫނެވެ. ތައުރީފެވެ. އަހަންނަކީ ކުޅަދާނަ މޮޅު މީހެއްކަމަށް ބުނެ، ދިނީ ހިތްވަރެވެ.

ހަގީގަތުގައި ވެސް އަހަރެން އެހައި މޮޅުވެދާނެ ހެއްޔެވެ؟ ނޫނެކެވެ. ނުވާނެއެވެ. އަހަރެން މިއީ ދެން ކާކު ހެއްޔެވެ؟ އަތުންފައިން ކަމެއް ކުރާން ނޭނގޭ މީހަކީ، މިއަދު މީހެއް ހެއްޔެވެ؟ މޮޅު ނަތީޖާއެއް ނުގެނެވޭ މީހަކީ ކޮން އަގެއް ހުރި މީހެއް ހެއްޔެވެ؟ އަހަރެންގެ ހުރީ ކޮން ހުނަރެއް ހެއްޔެވެ؟ ކަންނެތްކަމަކީ ހުނަރެއް ނަމަ އެކަމުން މަތީ ޝަރަފު ލިބޭނީ އަހަންނަށެވެ. އެހެން މީހުން އަހަންނަށް ވިސްނައިދެނީ ވެސް އެ ގޮތަށެވެ. ދޮންތަ ފިޔަވައެވެ.

މަންމަގެ ހާލު އެންމެ ބޮޑުވި ދުވަހެވެ. ކުއްލިއަކަށް ނޭވާލާން އުނދަގޫވާ ގޮތްވީއެވެ. ނޭވާ އުފުރޭ ހެން ވެސް ބައެއް ފަހަރު ހީވެއެވެ. ޑޮކުޓަރުން ލަފާދިނީ އާއިލާ އެންމެން ޖަމާ ކުރުމަށެވެ. މަންމަގެ ފަހު ވަގުތުކޮޅު ޖެހުނީ ކަމަށް ނިންމީއެވެ.

ކިތައްމެ ހިތްދަތިވިޔަސް އަހަރެން ކެތްކުރީމެވެ. ދޮންތަމެންނަށް ހިތްވަރު ދިނީމެވެ. ރޮމުން ގިސްލަމުން އެކަކު އަނެއްކަކަށް ވިސްނައިދިނީމެވެ. ކޮންމެ މީހަކަށް ވެސް އެ ރަހަ ތަޖުރިބާކުރާން ޖެހޭނެ ކަމަށް ބުނެދީގެންނެވެ. ހިތްވަރުދީގެންނެވެ. މަންމައަށް ޓަކައި ރުއިމަކުން ވާނެ ފައިދާއެއް ނެތްކަމަށް ބުނެއެވެ. މަންމަގެ ޖަނާޒާގެ ކަންކަން ނިމުނެވެ. އޭރު ވެސް ބައްޕަ އޮތީ ހޮސްޕިޓަލުގައެވެ. ގެއަށް ދިޔުމުގެ ބަދަލުގައި އަހަރެން ބޭނުންވީ ބައްޕަގާތުގައި ހުންނާށެވެ. މިގޮތަށް މައިންބަފައިންގެ ޚިދުމަތުގައި އުޅޭތާ ދެމަސްވަނީއެވެ. މިހާރު މީހާގެ ސިފަ ވެސް ބަދަލުވާނީއެވެ. ތުނބުޅިމަތިމަހާއި ކަންހުޅިއާ އެއްވީއެވެ.

އޭރު ގަޑިން މެންދުރުން އަނބުރައި ދޭއް ޖަހަނީއެވެ. ނުދަންނަ ނަންބަރުކުން ގުޅިއެވެ. ނުނަގަން ހުރެ އަހަރެން ނެގީމެވެ. ހޮސްޕިޓަލުން ގުޅަނީ ކަމަށް ހީކޮށެވެ.

"ނައުޝާދުތޯ؟"

އަހަރެން އާއެކޭ ބުނީމެވެ. އެ ކޮޅުން ދެއްކިވާހަކަތަކުން އަހަންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ވާންވީ އުފާކަމެއް ކުރާންވީ ހިތާމަކަމެއް ނޭނގުނެވެ.

"ކީކޭ؟ އަނެއްކާ އަހަރެން ހައްދަނީތޯ؟" އަހަންނަށް ބުނެލެވުނެވެ.

އެ ޚަބަރު ލިބުމާއެކު ދޮންތައަށް ގުޅާން ހިތަށް އެރިއެވެ. ނަމަވެސް ވަގުތުގެ ނާޒުކުކަމާއެކު އެ ޚިޔާލު ދޫކޮށްލީމެވެ. އެކަމަކު ވެސް ދެން މިކަން އަންގާނީ ފަހެ ކާކަށް ހެއްޔެވެ؟ ދޮންތަ ފިޔަވައި، އަހަރެންގެ ހުރީ ކާކު ހެއްޔެވެ؟ ގުޅަން ނުގުޅަން ހުރެ އަހަރެން ގުޅީމެވެ.

"ދޮންތާ! އަހަންނަށް ވެއްޖެ.. ތޭންކްސް. ތޭންކްސް." ދޮންތަ ފޯނު ނެގި އިރަށް އަހަނަށް އަމުނައިލެވުނެވެ.

އަހަންނަށް ވިސްނައި ވެސް ނުލެވުނެވެ. މަންމަ ނިޔާވެ ޖަނާޒާގެ ކަންކަން ނިމި އަދި ގަޑިއެއްހާ އިރު ވެސް ނުވެއެވެ. އަހަންނަށް މި އުޅެވުނީ ކޮން ބިމެއްގައި ހެއްޔެވެ؟ މި ފާޅުކުރެވުނީ ކޮން އުފަލެއް ހެއްޔެވެ؟ އާއެކެވެ. އަހަރެން މި މޭރުމުން ވާހަކަދައްކައިގެން ނުވާނެއެވެ. މި ހެދުނީ ގޯހެކެވެ.

"ސޮރީ! ފަހުން ވިސްނައިލެވުނީ. އެކަމަކު ތޭންކްސް." އަހަރެން ފޯނު ބޭއްވީމެވެ.

ދޮންތަ ގުޅިއެވެ. ވީގޮތް އޭނާއަށް ފަހުމުވިއެވެ. ނަސޭހަތުގެ ފައްވާރާއިން އޮހިގަތީ ނަސޭހަތާއި ލަފަޔެވެ. ލޯތްބާއި ކުލުނެވެ. އޯގާތެރި ލަފުޒުތަކެވެ.

އާއެކެވެ. މިއަދު އަހަންނަކީ ރާއްޖޭގެ މަޤުބޫލު ވާހަކަ ލިޔުންތެރިއެކެވެ. ނޫހަކަށް ވާހަކަ ލިޔުމަށް އެންމެ ބޮޑު މުސާރަދޭ އެކަކެވެ. ކިޔެވުމުގެ ދައުރު ބޭކާރުވިޔަސް، ސްޓޭޖުމަތިން ދުވަހަކު ވަނައެއް ނުލިބުނަސް، މާމޮޅަށް މަސައްކަތް ކުރާން ނޭނގުނަސް އަހަންނަކީ ވެސް ހުނަރުވެރިއެއް ކަމަށް އެންމެން ޤަބޫލުކުރެއެވެ. އަހަރެންގެ ދާއިރާއިން ޤައުމަށް އެބަ ޚިދުމަތް ކުރަމެވެ.

ވާހަކައިގެ ޒަރިއްޔާއިން މީހުން ހޭލައްވަމެވެ. ވިސްނައިދެމެވެ. ކިޔަވައިދެމެވެ. އަހަރެން ވެސް ދަސްކުރީ އެ މަގުންނެވެ. ހޭލުންތެރިވީ އެ ގޮތަށެވެ. އަހަރެން އަހަރެންނަށް ހަދައިދިނީ ވާހަކައެވެ. ވާހަކަ ފޮތެވެ. މިއަދު އަހަރެން ވެސް މި ކުރަނީ އެކަމެވެ.

ސްކޫލު ދައުރުގައި ނުކިޔެވުނަސް އަދި މާޔޫސްވާހަކަށް ނުވެއެވެ. ހިތްވަރެއް ހުރިއްޔާ ކުރިއަށް ދެވޭނެއެވެ. ނަމަވެސް، ވާހަކައެއް ބުނަން ހެއްޔެވެ؟ ސްކޫލު ދައުރުގައި އެޅޭ ތައުލީމީ ބިންގަލަކީ ވަރަށް ހަރުދަނާ ބިންގަލެކެވެ. އެއީ ވަރަށް މުހިއްމު މަރުހަލާއެކެވެ. އެކަމާ ދުރަށް ނުދާށެވެ. އަހަރެން ކުރި ތަޖުރިބާގެ އެންމެ މުހިއްމު ކުންނަކީ މިއީއެވެ. ޅަ ދުވަހު ކިޔަވަން ލިބުނު ފުރުސަތު ނަގައިނުލާން ނަސޭހަތް މި ދެވެނީ އެހެންވީމައެވެ. މަތީނާއި މުހައްމަދާއި މުނީރު ވެސް މި ވާހަކައަށް ތާއިދުކުރެއެވެ. އެ މީހުން ވެސް މީހުންނަށްވެވުނީ ހޭކި، ގޭނި ކޮށި، މެށިގެންނެވެ. އެއީ ދިގުމަގުން ދަތުރުކުރާން ޖެހުމުންނެވެ. ކުރުމަގަކީ ޅަފަތުގައި އެ ލިބޭ ފުރުސަތެވެ. ސްކޫލު ދައުރެވެ. އެއީ އުނގުނުމުގެ އެންމެ މުހިއްމު އުމުރެވެ. އެ ފުރުސަތު ނަގައި ނުލާށެވެ.