Advertisement

ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް: ރިޝްވާން އާއި ނަބީހާ އަށް މޮޅެއް

6 ޖޫން 2023 - 08:35 0

އިއްޔެގެ މެޗުގެ ތެރެއިން ނަބީހާ އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް: ރިޝްވާން އާއި ނަބީހާ އަށް މޮޅެއް

6 ޖޫން 2023 - 08:35 0

އިއްޔެ ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގައި ފެށި ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖްގައި ކުޅުނު ފުރަތަމަ މެޗުތަކުން ރާއްޖޭގެ ގައުމީ ޓީމުގެ އައިމިނަތު ނަބީހާ އާއި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ރިޝްވާން ޝިޔާމް މޮޅެއް ހޯދައިފި އެވެ.

އެ ގޮތުން، ގައުމީ ޓީމުގެ ސިލެކްޝަނުން ފުރުސަތު ނުލިބި ހުރި ރިޝްވާން ވަނީ އިއްޔެ ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާގެ ޗަމަތު ޑިއާޒް އަތުން 21-19، 21-11 އިން މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ރިޝްވާން ވަނީ ކޮލިފިކޭޝަން ދެ ވަަނަ ބުރުގައި އިޒްރޭލުގެ ޑަނީލް ޑުބުވެންކޯ އަތުން 21-05، 21-05 އިން ބަލިވެފަ އެވެ.

މީގެ ކުރިން ބޭއްވި ބެޑްމިންޓަން މުބާރާތެއްގެ ތެރެއިން ރިޝްވާން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ


އަންހެން ސިންގަލްސްގެ ގަދަ 64 ކުޅުންތެރިންގެ ބުރުގައި ރާއްޖޭގެ ނަބީހާ މޮޅުވީ އިންޑިއާގެ އަކްޝަޔާ އަރުމުގަމް އަތުން 21-13 އާއި 21-14 އިންނެވެ. ދެ ވަނަ ބުރުގައި ނަބީހާ މިއަދު ނުކުންނާނީ މިޔަންމާގެ ތޭ ހޫތާ ހިޒާރްއާ ދެކޮޅަށެވެ.

އަންހެން ސިންގަލްސްގެ ގަދަ 64 ބުރުގެ އެހެން ކުޅުންތެރިންގެ ނަތީޖާ އަށް ބަލާއިރު، ވޯކްއޯވާ ވެގެން ރާއްޖޭގެ ޝުބާ މުހައްމަދު ޝަރީފް އަނެއް ބުރަށް ދިޔައިރު، ރާއްޖޭގެ އައިމިނަތު ޝަހުރުނާޒް މޫސާ ކުޅުނު މެޗުން ތުރުކީގެ ނެސްލީހަން އަތުން ބަލިވީ 21-04، 21-05 އިންނެވެ. ރާއްޖޭގެ ނީލާ ނަޖީބު ވަނީ ދެ ސެޓުން އިންޑިއާގެ ރިޝާި ދުބޭ އަތުން 18-21، 21-09 އަދި 21-10 އިން ބަލިވެފަ އެެވެ. އަދި ނަބާހާ ވަނީ އިންޑިއާގެ ސަކްޝީ ގަހުލާވަތު އަތުން 21-16، 21-15 އިން ބަލިވެފަ އެވެ.

ފިރިހެން ސިންގަލްސްގެ ކޮލިފައިން ދެ ވަނަ ބުރުގައި ރާއްޖޭގެ އަޖުފާން ރަޝީދު ވަނީ އިންޑިއާގެ ޗަރަން ނައިކޫ އަތުން 21-11، 21-14 އިން ބަލިވެފަ އެވެ. އަދި ރާއްޖޭގެ އަހުމަދު ތޯއިފް މުހައްމަދު އަތުން ފިލިޕީންސްގެ ވެލާސްކޯ މާކް އެންތަނީ މޮޅުވީ 19-21، 17-21 އިންނެވެ. ފިރިހެން ޑަބަލްސް ކޮލިފައިން ބުރުގައި އަޖުފާން އާއި ނިބާލް އަހުމަދުގެ ޕެއާ ވަނީ އިންޑިއާގެ އަބިނަވް ޓާކުރް އާއި ޗަޔާނިޓް ޖޯޝީގެ ޕެއާ އަތުން 21-10، 21-13 އިން ބަލިވެފަ އެވެ.

ލިނިން އިންޓަނޭޝަަނަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މީގެ އިތުރުން، ރާއްޖޭގެ މުހައްމަދު ސާލިމް އަބްދުލް ސަމަދު ކޮލިފައިން ބުރުގައި ވަނީ ޔަޝް ޔޯގީ އަތުން 21-12، 21-06 އިން ބަލިވެފަ އެވެ. ހަސަން ޒަޔާން އަތުން ޔޫއޭއީގެ މުހައްމަދު މުނައްވަރު ވަނީ 21-11، 21-07 އިން މޮޅުވެފަ އެވެ.

މުބާރާތުގެ މެއިން ޑްރޯގެ މެޗުތަކުގައި މިއަދު ރާއްޖޭގެ ބައެއް ކުޅުންތެރިން ވާދަކުރާނެ އެވެ.

ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މި ފަހަރުގެ ލިނިން އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި މި އަހަރު 33 ގައުމަކުން 300 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރާނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޗެލެންްޖް މުބާރާތެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2012 އާއި 2013 ވަނަ އަހަރު ވެސް ބޭއްވުމަށް ފަހު، 2014 ވަނަ އަހަރު ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމަކާ ހެދި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތް ހުއްޓުނެވެ. ހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޓަނޭޝަނަލް ޗެލެންޖާއި ބެޑްމިންޓަން ފިއުޗާ ސީރީސްގެ ނަމުގައި މުބާރާތްތަކެއް 2019 ވަނަ އަހަރު ބޭއްވި އެވެ. އެކަަމަކު، އޭގެ ފަހުން ކޮވިޑް-19އާ ހެދި ދެ އަހަރު މުބާރާތް ނުބޭއްވުނެވެ. އަލުން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ފެށީ މިދިޔަ އަހަރު އެވެ.