ގަން އެއާޕޯޓު
އައްޑޫ ގަން އިންޓަނޭޝަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު، އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ފައްްޓަވައި ދެއްވައިފި އެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގާ މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރިނާޓަސް ކުންފުންޏާ އެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބޭފުޅުންނާއި އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވި އެވެ.
ސަރުކާރުން 29.7 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއުގެ ދަށުން އެއާޕޯޓު ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ އަހަރަކު 1.5 މިލިއަން ޕަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށެވެ. އޭގެ އިތުރުން، އެއާޕޯޓުގެ އެހެނިހެން ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.
އޭގެ ތެރޭގައި، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްތަކާއި އެހެނިހެން ވަސީލަތްތައް ހިމެނިގެންދާނެ ކަމަށާއި އޭގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރު އަދި ފަޔާ ސްޓޭޝަނާއި، މަގު ތަކާއި ޕާކިން ސަރަހައްދުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ސަރަހައްދީ އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީކުރުމަކީ މުޅި ރާއްޖޭގެ ތަރައްގީ ބޭނުން ނަމަ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. މިދެންނެވި މަގްސަދު ހާސިލު ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަމުގެ ލިސްޓްގެ ނަމްބަރު އެކެއް ގައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް،" ރައީސް ވިދާޅުވި އެވެ،
މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު، ރައީސް ސޯލިހު ވިދާޅުވީ، ގަަމަކީ އިންޑިއާ ކަނޑުގެ ދެކުނުގައި ވަނިކޮށް ބަޔަކަށް ފެންނާނެ އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް ތަން ކަމަށެވެ. އިނގިރޭސިން ވެސް ގަން ބޭނުންވީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އައްޑޫއިން އިނގިރޭސީން ފޭބި ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް ކަމަށެވެ. އެތަނުގައި ހުރި އެންމެ ޒަމާނީ އާލާތްތައް އައްޑޫއިން ބޭލިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އޭރު އޮތް ބިނާގެ މައްޗަށް ތެދުވެރިކަމާއެކު އައްޑޫ ތަރައްގީ ކުރި ނަމަ 66 އަހަރު ފަހުން އިއްޔެ އެ ރަސްމިއްޔާތު ބާއްވަން ވެސް ނުޖެހުނީސް ކަމަށެވެ.
މުޅި ރާއްޖެ ތަރައްގީ ކުރަން ބޭނުން ނަމަ ކޮންމެހެން ވެސް ގަން އެއާޕޯޓު ތަރައްގީ ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސާދު 10 އަހަރުން ދެގުނަ ކުރުމަށް، އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
"ސަރަހައްދީ އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީކުރުމަކީ މުޅި ރާއްޖޭގެ ތަރައްގީ ބޭނުން ނަމަ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. މިދެންނެވި މަގްސަދު ހާސިލު ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަމުގެ ލިސްޓްގެ ނަމްބަރު އެކެއް ގައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް،" ރައީސް ވިދާޅުވި އެވެ.
އިގްތިސޯދީ ހުރިހާ ބުރު އެކުއެކީ އެނބުރިގެން ނޫނީ ނަތީޖާއެއް ނުހޯދޭނެ ކަމަށް ވިދާޅުވެ، މި މަޝްރޫއާއެކުއެކީގައި ކުރިއަށްދާ އެހެނިހެން މަސައްކަތްތައް ވެސް އެމަނިކުފާނު ކިޔައިދެއްވި އެވެ.
Comment