4 ޖޫން 2023 - 17:48 0
ހަސަން މުހައްމަދު
އެއާޕޯޓު ތަރައްގީ ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ: ވިދާޅުވީ އައްޑޫ ތަރައްގީ ކުރަން މަސައްކަތް ކުރި ނަމަ މިއަދު ތަރައްގީގެ މަޝްރޫއުތައް ހިންގަން ނުޖެހުނީސް ކަމަށް -- ފޮޓޯ: ރައީސް އޮފީސް
4 ޖޫން 2023 - 17:48 0
އައްޑޫ ތަރައްގީ ކުރަން ކުރީގެ ސަރުކާރުތަކުން އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްފައިނުވާ ކަމަށާއި އިނގިރޭސިން އެ އަތޮޅުން ފޭބި ފަހުން އައްޑޫ ދިޔައީ ފަހަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ސ. ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ "ފެންނަން އޮތް ހަގީގަތް ކިތަންމެހާ ވެސް ހިތި" ކަމަށާއި ކުރީގެ ސަރުކާރުތަކުން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރި ނަމަ ތަރައްގީގެ މަޝްރޫތައް މިއަދު ހިންގަން ނުޖެހުނީސް ކަމަށެވެ.
"ތެދުފުޅެއް! އޭރު އެ އޮތް ބިނާގެ މައްޗަށް ތެދު ނިޔަތަކާއެކު އައްޑޫ ބިނާކުރި ނަމަ މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް ފެންނަން އޮތް ހަގީގަތް ކިތަންމެހާ ވެސް ހިތި. އައްޑޫ، ހުވަދޫ އަދި ފުވައްމުލަކަކީ ރާއްޖޭގެ ދެކުނު ކޮޅު. އިހުލާސްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނު ނަމަ 66 އަހަރު ފަހުން މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައްޑޫއިން އިނގިރޭސިން 1963 ވަނަ އަހަރު ފޭބުމުން އެ އަތޮޅުގައި ހުރި އަާލާތްތަކާއި ވަސީލަތްތައް ހަލާކުކޮށްގެން އެ ރަށުން ބޭލުވި ކަމަށެވެ.
"ކުރިއަރާފައި އޮތް އައްޑޫއިން އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މިތަނުގައި ހުރި އޭރުގެ އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫއިން ބޭލި. ދަގަނޑު ތާނގީތައް ގޭސް ކަޓަރުން ކަފައި ކުދި ކުރި. ހައި ވޯލްޓޭޖް ކޭބަލްތައް ނަގާ ބުރިކޮށް ބޮނޑި ބަނދެ، ކޮނޑުޖަހައިގެން ބޭރު ކުރި،" ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކަން ކުރި ގޮތް ކިޔައިދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިހާރު ކުރާ މަސައްކަތަކީ "ރާއްޖޭގެ އިގްތިސާދު 10 އަހަރު ދެ ގުނަ ކުރުމަށްޓަކައި" ކުރާ މަސައްކަތްތަކެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު 10 އަހަރުން ދެ ގުނަ ކުރުމަށްޓަކައި މިހާރު ކުރިއަށް މި ގެންދަނީ އިންގިލާބީ މަޝްރޫއުތަކެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ސަރަހައްދީ އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމަކީ މުޅި ރާއްޖޭގެ ތަރައްގީ ބޭނުން ނަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް."
އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ތަރައްގީ ކުރާ ގަން އެއާޕޯޓު ތަރައްގީ ކުރަނީ އަހަރު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ފެންވަރުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment