Advertisement

ޒުވާން ކުޅުންތެރިންގެ ކުރިއެރުމާ މެދު ކޯޗު ޒިލާ ހިތްހަމަޖެހޭ

3 ޖޫން 2023 - 15:27 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޯޗު ޒިލާ: ފައިވް ނޭޝަންސް ކަޕަށް ވަމުން އަންނަ ތައްޔާރީތަކާ މެދު ހިތްހަމަޖެހޭ ކަމަށް ޒިލާ ވަނީ ބުނެފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ޒުވާން ކުޅުންތެރިންގެ ކުރިއެރުމާ މެދު ކޯޗު ޒިލާ ހިތްހަމަޖެހޭ

3 ޖޫން 2023 - 15:27 0

ގައުމީ ބާސްކެޓްބޯޅަ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންގެ ފަރާތުން ބޮޑު ކުރިއެރުމެއް ފެންނަ ކަމަށާއި، މި ކުޅުންތެރިންނާ އެކު ރަނގަޅު ކާމިޔާބެއް ހޯދޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ގައުމީ ޓީމްގެ ކޯޗު މުހައްމަދު ޒިލާލް ބުނެފި އެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުން މި ވަގުތު ތައްޔާރުވަމުން އަންނަނީ މި މަހުގެ 14 ވަނަ ދުވަހު މާލޭގައި އޮންނަ ފައިވް ނޭޝަންސް ކަޕަށެވެ. މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ވާދަކުރަނީ ސަރައްދީ ވާދަވެރި ޓީމްތައް ކަމަށްވާ ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ޕާކިސްތާނެވެ.

މި މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރު ތަމްރީން ހަދަމުން އަންނަނީ އިންޑިއާގެ ބެންގަލޫގަ އެވެ. ޖުމްލަ އެކު، 18 ކުޅުންތެރިންނާ އެކު ގައުމީ ޓީމު ތަމްރީންތައް ކުރިއަަށްގެންދަމުން އަންނައިރު ކޭމްޕަށް ފަހު ހަ ކުޅުންތެރިން ބާކީކޮށް 12 ކުޅުންތެރިންގެ ޓީމު ފައިނަލްކުރާނެ އެވެ.

ތަމްރީން ކޭމްޕާ ގުޅޭގޮތުން ވާހަކަދައްކަމުން ގައުމީ ޓީމްގެ ކޯޗު، ޒިލާލް ބުނީ ތަމްރީންތަކުގެ ތެރެއިން އެކުވެރިކަމުގެ ފަސް މެޗު ކުޅެން ލިބުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ މި މެޗުތަކުގެ ސަބަބުން ޓީމު މިހާރު ކުޅެން މަސައްކަތް ކުރަމުން އަންނަ ސްޓައިލަށް ކުޅުން ބަދަލުކުރަން މި މެޗުތަކުގެ ބޭނުން ހިފޭނެ ކަމަށެވެ.

ގައުމީ ޓީމުން ވާދަވެރި މެޗެއް އެންމެ ފަހުން ކުޅެފައިވަނީ ގިނަ ދުވަސްތަކެއް ކުރިން ކަމަށާއި، ފައިވް ނޭޝަންސް ކަޕްގެ ކުރިން ތަމްރީން ކޭމްޕެއް ލިބުމަކީ ޓީމަށް އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވެސް ޒިލާ ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ޒިލާ ބުނީ ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިން އެބަތިބި ކަމަށާއި، އެ ކުޅުންތެރިންގެ ކޮންފިޑެންސާއި ހޯދަމުން އަންނަ ކުރިއެރުމަކީ ކުރިއަށް އޮތް މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދަން ބަލާއިރު ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ.

ތަމްރީން ކޭމްޕްގެ ފުރަތަމަ މެޗު އިއްޔެ ކުޅުނު އިރު މި މެޗުގައި ޓީމްގެ ސީނިއާ ތިން ކުޅުންތެރިއަކު އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އެއީ އަހުމަދު ފިރާޝް، މުހައްމަދު ހުވައިލިދު އަލީ އަދި ހުސައިން ހަލީމް (ޗިކަނޭ) އެވެ.

ކޯޗު ޒިލާލް ބުނީ ބާކީ އަދި ހަތަރު މެޗު އެބައޮތް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެ ކުޅުންތެރިން ބޭނުން ކުރެވޭނެކަމަށެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗިން ޓީމުގައި ޒިލާގެ އެހީތެރިއެއްގެ ގޮތުގައި ހުރީ އޭނާއާ އެކު ކުރިން ގައުމީ ޓީމަށް ކުޅުނު އަލީ ފަޒްލީ (އޮލިމްޕިކް) އެވެ.

ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީން ހެދުމަށް ފަހު ގައުމީ ޓީމް އެނބުރި މާލެ އަންނާނީ މި މަހުގެ 11 ގަ އެވެ.