3 ޖޫން 2023 - 15:23 0
އިސްމާއީލް އަޒްމީން
މިދިޔަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
3 ޖޫން 2023 - 15:23 0
ދުނިޔޭގެ މަތީ ފަންތީގެ ކުޅުންތެރިން ވާދަކުރާ ލި-ނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2023 އަންނަ ހޯމަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.
މާލޭގައި ޖޫން 5-10 އަށް އޮންނަ މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2023 ގައި މި އަހަރު 33 ގައުމަކުން 300 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރާނެ އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖަކީ ރާއްޖޭގެ ކުޅުންތެރިންނަށް އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ ކުޅުންތެރިންނާ ވާދަކޮށްލަން ލިބޭ އެންމެ ރަނގަޅު އެއް ފުރުސަތެވެ. އެ ގޮތުން މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ 30 ކުޅުންތެރިއަކު ވާދަކުރާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދެ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޗެލެންްޖް މުބާރާތެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2012 އާއި 2013 ވަނަ އަހަރު ވެސް ބޭއްވުމަށް ފަހު، 2014 ވަނަ އަހަރު ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމަކާ ހެދި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތް ހުއްޓުނެވެ.
ހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޓަނޭޝަނަލް ޗެލެންޖާއި ބެޑްމިންޓަން ފިއުޗާ ސީރީސްގެ ނަމުގައި މުބާރާތްތަކެއް 2019 ވަނަ އަހަރު ބޭއްވި އެވެ. އެކަަމަކު، އޭގެ ފަހުން ކޮވިޑް-19އާ ހެދި ދެ އަހަރު މުބާރާތް ނުބޭއްވުނެވެ. އަލުން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ފެށީ މިދިޔަ އަހަރު އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި 25 ގައުމަކުން 200 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ. އަންނަ އަހަރު އޮލިމްޕިކް ގޭމްސް އޮތުމާ އެކު މި އަހަރުގެ މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ އަދަދު އިތުރުވުމަކީ މޯލްޑިވްސް ޗެލެންޖަށް ލިބުުނު ކުރިއެރުމެއްގެ ގޮތުގައި އެސޯސިއޭޝަނުން ދެކެ އެވެ.
ބެޑްމިންޓަން އިންޓަނޭޝަނަލް ޗެލެންޖާ އެކު މި އަހަރު ތިން މުބާރާތެއް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން މަސައްކަތްކުރި އެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ބާއްވަން އުޅުނު މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖު ބޭއްވޭ ގޮތް ނުވި އެވެ.
މޯލްޑިވްސް ޗެލެންޖަށް ފަހު އަންނަ އޮގަސްޓް މަހު, މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސްގެ ނަމުގައި ވެސް މުބާރާތެއް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ތާވަލްކޮށްފަ އެވެ.
ބެޑްމިންޓަން އިންޓަނޭޝަނަލް ޗެލެންޖާއި މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސްގެ ސަބަބުން މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ގައުމީ ޓީމަށް ކުރިއެރުން އަންނާނެކަމަށް ގަބޫލުކުރާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެ އެވެ.
Comment