Advertisement

ރެފްރީ ޓޭލާއާ ރޯމާ ސަޕޯޓަރުން ދިމާކޮށްލައިފި

2 ޖޫން 2023 - 09:06 0

ފައިނަލް މެޗުގެ ތެރެއިން ރެފްރީ ޓޭލާ (މ) އަށް ރޯމާގެ ކުޅުންތެރިން އެޕީލްކުރަނީ. ----


ރެފްރީ ޓޭލާއާ ރޯމާ ސަޕޯޓަރުން ދިމާކޮށްލައިފި

2 ޖޫން 2023 - 09:06 0

ލަންޑަން (ޖޫން 2) - ޔޫރޮޕާ ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން، ސެވިއްޔާ އިން ރޯމާ ބަލިކުރި މެޗުގައި، ރެފްރީކަން ކުރި އިނގިރޭސި ރެފްރީ، އެންތަނީ ޓޭލާ، އެނބުރި ގައުމަށް ދިއުމަށް ހަންގޭރީގެ ބުޑަޕެސްޓް އެއާޕޯޓުގައި ހުއްޓައި، އޭނާގެ އާއިލާއާ ރޯމާގެ ސަޕޯޓަރުންގެ ބަޔަކު ދިމާކޮށްލައިފި އެވެ.

ފައިނަލް މެޗުން ރޯމާ ބަލިވުމުން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ކާރު ޕާކު ސަރަހައްދަށް ގޮސް، ޓޭލާއާ ދިމާކޮށް، ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މި ކަމާ ގުޅިގެން، ޔުއެފާ އިން މޮރީނިއޯގެ މައްސަލައެއް ވެސް އަންނަނީ ބަލަމުންނެވެ. އޭގެ ފަހުން، ބުޑަޕެސްޓް އެއާޕޯޓުގައި ޓޭލާ އެނބުރި އިންގްލެންޑަށް ދާން ގޮސް ހުއްޓައި، ރޯމާ ސަޕޯޓަރުންގެ ބަޔަކު ވަނީ ޓޭލާ އާއި އޭނާގެ އާއިލާ މެމްބަރުންނާ ދިމާކޮށްލައިފަ އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ރެފްރީންގެ ކަންކަން ބަލަހައްޓާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ވަނީ ޓޭލާއާ ދެކޮޅަށް ރޯމާގެ ސަޕޯޓަރުން ހިންގި ކަންކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. ޕީޖީއެމްއޯއެލް އިން ބުނީ ރެފްރީންނަށް ލިބެން ޖެހޭ ރައްކާތެރިކަން ކަށަަވަރުކުރަން ޖެހޭނެ ކަމަށާއި އެ ކަން އެ ގޮތަށް ނުވާނަމަ މިއީ ވަރަށް ބޮޑު ގޯހެއްގެ ފެށުން ކަމަށެވެ.

ފައިނަލް މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ވަނީ ރެފްރީ ޓޭލާގެ ނިންމުންތައް ހުރީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭނެ ލެވަލެއްގައި ނޫން ކަމަށް ބުނެފަ އެވެ. އަދި ތަކުރާރުކޮށް މޮރީނިއޯ ވަނީ ރެފްރީންނާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޔުއެފާގެ ޗީފް ރެފްރީން އޮފިސަރު، ރޮބާޓޯ ރޮސޭޓީ ވަނީ މޮރީނިއޯ ދެއްކި ވާހަކަތަކާ ގުޅޭ ތަހުގީގެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މޮރީނިއޯ މެޗުގެ ތެރެއިން ރެފްރީ ޓޭލާގެ ނިންމުމަށް ގިނަ ފަހަރެއްގެ މަތިން ހިތްހަމަނުޖެހުން ފާޅުކޮށް، އަމަލުކުރި ގޮތުން، މޮރީނިއޯ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ. މި މެޗުގައި ޖުމްލަ އެކު، ޓޭލާ ވަނީ 13 ރީނދޫ ކާޑު ދައްކައިފަ އެވެ. މިއީ ޔޫރޮޕާ ލީގު ފައިނަލް މެޗެއްގައި އެންމެ ގިނަ ރީނދޫ ކާޑު ފެނުނު ފަހަރެވެ. އެކި ގޮތްގޮތުން މެޗު ހުއްޓަން ޖެހުމާ އެކު، މި މެޗުގައި ކުޅުނު ހަތަރު ހާފުގައި އެއްކޮށް ދެއްކި އިތުރު ވަގުތުގެ އަދަދަށް ބަލާނަމަ ވަނީ 25 މިނިޓް ކުޅެފަ އެވެ. މިއީ ވެސް ޔޫރޮޕާ ލީގުގެ ފައިނަލުގައި ރެކޯޑް މިންވަރެކެވެ.