Advertisement

ވާހަކަ: ކެހިވެރި ދުނިޔެ


ވާހަކަ: ކެހިވެރި ދުނިޔެ

އެހެން މީހުންގެ އުފަލާއި ހިތްހަމަ ޖެހުމަށް ކުރި މަސައްކަތުގެ މޭވާގެ ހިތި ރަހަ ދާއިމީ ގޮތެއްގައި ތަޖުރިބާ ކުރާން މި ޖެހުނީ ޚުދު އަހަންނަށެވެ. އެ ވޭނުގައި އުމުރުގެ ބާކީ ދުވަސްތައް ގުނާން މި ޖެހުނީ އަމިއްލައަށެވެ. އެކަނިމާ އެކަންޏެވެ. އެހީތެރިއަކު މަދަދުވެރިއަކު ނެތި ފަޅު ޖިފުޓިއެއްގައެވެ. އަޅައިލާނެ ޔާރެއް އިޔާރެއް ނެތް ހާލުގައެވެ. ރޭދުވާ ނިމިގެންދަނީ މި ޚިޔާލުތަކާއި ފިކުރުތަކުގައި އޮއްވައެވެ. އަތްފައި ގުޑުވާ ނުލެވި ހިރި ނުލެވިއެވެ. މިހެން އޮވެއޮވެ ތަންފާރު އަޅާން ފަށައިފިއެވެ. ބުރަކަށީގެ ދެފަރާތުގައި ރިހުން އުފެދި ތަދު ބޮޑުވާން ފަށައިފިއެވެ. މި ވޭނުގައި އޮތުމަށްވުރެ ފަސްތަންބަނުން މާ ދަރުމަވާނޭ ހިތަށް އަރާތާ އެތައް ދުވަހެކެވެ. ފަސްގަނޑު ދަށަށް ދިޔުން މާ އައުލާވާނޭ ހިތަށް އަރައެވެ. ނަމަވެސް، އެކަން ވެސް ވާނީ ވަގުތު ޖެހުނީމައެވެ.

އާޚެވެ. މިއީ އަހަރެން ކުޅަ ކުށުގެ ސަޒާއެވެ. ދުނިޔޭގެ ދަޅައަށް ހެއްލުމުގެ ނަތީޖާއެވެ. އެކަމަކު، ވަގުތު ފާއިތުވީއިރު މިވަނީ ހުރިހާ ކަމެއް ބަދަލުވެފައެވެ. ވިސްނުމުގެ މީޒާނުގެ ޖަހައިލެވުނު ރާތާގާބަރީގައި ހުރީ ކުރެވުނު ކަންކަމެވެ. އުޅެވުނު ގޮތްތަކެވެ. ހެދުނުގެ ގޯހެވެ. ފާފަތަކެވެ. އެ ރާތާގާބަރިތަކުން އިވެނީ ވޭނީ ކެކުޅުމުގެ އަޑެވެ. ގިސްލުމާއި ރުއިމުގެ އާޚުތަކެވެ. ނަފުރަތާއި ރުޅިވެރިކަމުގެ އިންޒާރުތަކެވެ. ބަދު ދުޢާއާއި ނުރުހުމުގެ ރަހައެވެ. މިއަދު ތަޖުރިބާ ކުރާން މި ޖެހެނީ އެ ހުރިހާ ކަމެކެވެ. ދުނިޔަވީ އުފަލަށް ޓަކައި ޖަހައިލެވުނު ރާތާގާބަރިން އިވުނު އަޑުތަކަށް، އިހުސާސްތަކަށް ބީރުކަންފަތެއް ދެވުމުން ކުރިމަތިލާން ޖެހުނު ދަތި ދުވަސްތަކެވެ. މި ދުވަސް އެހެން މީހަކަށް ނުދައްކަވާށިއެވެ. މި ފަސްލުގެ ތަޖުރިބާ ހިއްސާ މި ކުރަނީ އެހެންވީމައެވެ. އިބުރަތަކަށް ދަރުހަށް ޓަކައެވެ.

އާއެކެވެ. ޒުވާންކަމުގެ ޖޯޝްގައި އަހަރެން ވެސް ދަތުރުފެށީ ހުދު އަހެއްގެ މަތީގައެވެ. އަތަށް ލަގަން ހެޔޮ ކޮށްދިނީ ފުރަމިތުރެއް ކަމަށް ދެކެމުން އައި ސިރާޖެވެ. އޭނާގެ ޚިޔާލަކީ އަހަރެންގެ ޚިޔާލެވެ. އޭނާގެ ރަހައަކީ އަހަރެންގެ ރަހައެވެ. އަހަރެންގެ ހޮވުމަކީ ވެސް އޭނާގެ ހޮވުމެވެ. އަހަރުމެންނަކީ އެއް އުރައެއްގައި އޮންނަ ދެ ކަނޑިއެވެ. ސިރާޖަކީ ކަންކަން ތަޖުރިބާކުރާން ބޭނުންވާ މީހެކެވެ. ދަސްކުރާން ބޭނުންވާ މީހެކެވެ. އަހަންނަކީ ފޮތުން ކައިބޮއެ އުޅޭ މީހެކެވެ. ފޮތުން އުފާ ހޯދުމަކީ ކަށީގައި ހިފި ރަނގަޅު ސިފައެކެވެ. ތުއްތުއިރު އެޅުނު ފުރިހަމަ އެއް ބިންގަލަކީ އެއީއެވެ. މައްސަލައަކަށް ނުވާންވީ ކަމެއް މައްސަލައަކަށް ވާން ފެށުމުގެ އަސްލަކަށް ވީ ވެސް އެކަމެވެ.

ސިރާޖު ދިނީ ފޮތްތަކެކެވެ. ރަތްވެ، ކަން ލެނބި ގޮނިވެފައިވާ ފޮތްތަކެކެވެ. ނޭފަތުގައި ހަރުލީ ކަށްވަހެވެ. އަހަންނަށް ބަލައިލެވުނީ ސިރާޖުގެ މޫނަށެވެ. ސުވާލުގެ ނަޒަރުންނެވެ. ސުވާލު ނުކުރަނީސް އޭނާ ޖަވާބު ދިނެވެ.

"އެދުރުބޭގެ ފޮތްބޮނޑި. ބައްޕައާ ސިއްރުން ބޮޑުފޮށިން ނެގީ. މި ސަޅި ކަމަކަށްވާނެ." ސިރާޖު ވައި އަޑުން ބުނެލިއެވެ.

އެދުރުބެއަކީ އެހެން ދުނިޔެއެއްގައި އުޅުނު މޮޅު މީހެކެވެ. ޢިލުމުވެރި ޖާހިލެކެވެ. އިސްތިރި ވަރިތޮޅިއަކީ އޭނާގެ ޝައުޤެވެ. ޒުވާނުންނާއި ދެބައި އުމުރުގެ ފިރިހެނުންގެ މަޤުބޫލުކަން އެދުރުބެއަށް އޮންނަނީ އެހެންވީމައެވެ. ޤައުމުގެ ބޮޑުންގެ ލޯބި އޭނާ ފަތަހަ ކުރަނީ މިކަމުންނެވެ. އެއީ ރަށު އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެދުރުބެއަކީ އަހަރެންގެ ބޮޑުބޭބެއެވެ. ސިރާޖުގެ ކާފައެވެ. ނަމަވެސް، އަހަރުމެންގެ ގުޅުމަކީ ލޭގެ ގުޅުމެއް ނޫނެވެ. ހިތާއި ހިތުގެ ގުޅުމެވެ.

ފޮތްތައް އަތަށް އެރުމާއެކު ފީނެންފެށުނެވެ. ސަފުހާއަކުން ގަނޑަކުން، ފޮތަކުންނެވެ. ސިރާޖަށް އިވޭ ވަރަށް ބައެއް ގަނޑުތައް ކިޔައިލަމެވެ. އަނެއްބައި ފަހަރު ބަނޑަށް އިވޭ ވަރަށެވެ. މިއީ އެހެން ދުނިޔެ އެކެވެ. މީގައި މި ހުރީ ހާދަހާވާ ތަފާތު ޢިލްމެކެވެ. ތަފާތު މައުލޫމާތެކެވެ. މިކަން ތަޖުރިބާނުކޮށްފި ނަމަ މި ފޮތްތަކުގެ ބޭނުމެއް ނެތްތާއޭ ހިތަށް އެރިއެވެ. ސިރާޖު މާކުރިން އެ ވާހަކަ ބުނެފިއެވެ. އަހަރުމެން މަސައްކަތް ފެށީމެވެ. އަލަތު ތަޖުރިބާގެ ތަރަހައަކަށް ހެދީ ސިރާޖުގެ ހިތުގެ ރިހުމެވެ. އިސްތިރިއެއްގެ ގޮތުގައި އިސްކުރެވުނީ އިސްމިތުރެވެ. ފެށި މަސައްކަތް ކާމިޔާބެވެ. ސިރާޖުގެ ހިނިތުންވުން މިލްކުވިއެވެ. ބަލަން ބަލަން ހުއްޓާ ޝަހުލާ އައިސް އޭނާގެ އުނގަށް ވެއްޓުނެވެ.

ޝައުޤުވެރިކަން އިތުރުވީ އެހައި ހިސާބުންނެވެ. ރަހުމަތްތެރިންގެ މެދުގައި އަހަރެން މަޤުބޫލުވާން ފެށީ ތެރަހެއްގެ ގޮތުގައެވެ. އާއެކެވެ. ލޯބީގެ ދަނޑަށް އެމީހުން ކުޅެން އަރަނީ އަހަރެންގެ ބޫޓުގައެވެ. އެހައި ހިސާބުން އިބިލީސް ސަވާރުވީ ސީދާ އަހަރެންގެ ދެ ކޮނޑަށެވެ. ދެ ކޮނޑަށް ދެފައި ބާލައިގެން ހަމަޖެހިލީ އަހަރެންގެ ރުހުމުގައެވެ. އެސޮރުގެ ވިސްނުން އަހަންނަށް ކަމުދާން ފެށިއެވެ. ފެންނާން ފެށީ އަތަށް، ޖީބަށް ގިނަވާ ނޫޓުތަކެވެ. ބޮޑު އަލަމާރީގެ ސިއްރު ވަތްގަނޑު ފުރި، ކުޑަ ފޮށްޓެއް ހޯދާން ޖެހުނެވެ.

އަޖުމަ ބެލީ ސިރާޖުގެ މިތުރުކަން ގެއްލިގެން ހަތުރަކަށްވި ނާއިފުގެ ފުށުންނެވެ. ސިރާޖު ބޭނުންވީ ނާއިފުގެ އުފާވެރި ދިރިއުޅުން އަންދާ އަޅިއަށް ހަދާށެވެ. ވީކަމެއް، ހެދި ގޮތެއް، ކުރި ކަމެއް ނޭނގޭނެހެން ފުނަށް ފީނައިގެން ދަރަކައިގެ އަސްލަށް ނުދެވެނީސް އެ އުފާވެރި ދިރިއުޅުން ހަފުސްކޮށްލާށެވެ. އަހަރެން ހިތް ބިރުގަތެވެ. ނަމަވެސް، ދެފައިބާލައިގެން އިން ސޮރު ފިރުމައިލީ ބޮލުގައެވެ. ޚިޔާލު ބަދަލުވިއެވެ. ވިސްނުން ކަތިކަތިވިއެވެ. އުފަލަކީ ފައިސާ ނޫން ދެން ކޮން އެއްޗެއްހޭ ހިތް ކިޔައިލިއެވެ.

އަލަތު ތަޖުރިބާ ވެސް ފައްކަލެވެ. ކާމިޔާބެވެ. މަތީ އަރުތައިގެ ކުންނުގައި އަހަރެން ވިދާން ފެށިއެވެ. ކާމިޔާބު މީހުންގެ ލިސްޓުގައި އަހަރެންގެ ނަން ލިޔެވުނެވެ. ނުފޫޒު ގަދަ ވީރުންގެ ސަފުގައި އަހަރެން ހިމެނުނެވެ. މީހުން ޖެހިލުންވާ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. އަހަންނަށް ޤަބޫލުކުރެވުނީ އެއީ އަރުތަވެރި ކަމެއްގެ ގޮތުގައެވެ. މާދިރީ ސިފައެއްގެ ގޮތުގައެވެ. ނަމަވެސް، ކަން އޮތީ އެހެންނެއް ނޫނެވެ. މަޑުމަޑުން މުޖުތަމައުން އަހަރެން ދިޔައީ އެކަހެރިވަމުންނެވެ. ބާކީވަމުންނެވެ. މީހުންނާ ފެއަށް ޖެހެވެމުންނެވެ. ނަފުރަތުގެ ދިލަކަނިތަކުން އަހަރެންގެ ނަފުސު ކަތިލެވެމުންނެވެ. ރުޅިއާއި ހިތްހަމަ ނުޖެހުމުގެ އިހުސާސްތަކާއެކު ޝަހުޞީ ހިތްހަމަ ޖެހުން ކަތިލެވެމުންނެވެ.

ފައިސާ އަތަށް އަރަމުން ދިޔައީ ތިޔަ ހެންނެއް ނޫނެވެ. ޤައުމުގެ ބޮޑުން ވެސް ސިޔާސީ މަންފާއަށް އަހަރެންގެ ބޭނުން ހިފަމުން ދިޔައެވެ. އިންތިހާބުތަކާ ދިމާކޮށް މަދަދުވެރިކަން ހޯދަމުން ދިޔައެވެ. އަހަރެން ކުރާ ކަމެއް ހަދ ާގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ކާމިޔާބު ދެއްވަނީ އަހަރެން ހެއްޔެވެ؟

މައްސަލަ ޖެހުނީ ވާފިރަށް ނާކާމިޔާބުވުމުންނެވެ. އިންތިހާބުގައި އޭނާ ބަލިވުމުންނެވެ. އެއީ ސިރާޖު ހޯދި މީހެކެވެ. މުއްސަނދި މަހުޖަނެކެވެ. ކޮންމެ ގޮތެއް ހަދައިފަ ވެސް އޭނާ ބޭނުންވީ ގޮނޑިއެވެ. ނަމުގެ ކުރިއަށް އިއްޒަތްތެރި ކިޔަން މަޖުބޫރުކުރުމެވެ. "މަށަށް ފެންނަނީ ބޮޑު އެއްޗެއް ނަގަން. މީ މަހުޖަނެއް. ލާރި އެބައޮތް. އެޑްވާންސަށް ނަގާނެ ކަމެއް ނެތް. ފެށުމުގެ ކުރިން ފުލް ޕޭމަންޓް އަތުލާ." ސިރާޖުގެ ޚިޔާލަށް އަހަންނަށް އެއްބަސްވެވުނެވެ.

ދެ ލައްކަ ފަންސާސްހާސް ރުފިޔާ އެއްފަހަރާ އަތަށް އެރިއެވެ. އަހަރެން ދިން ޔަގީންކަމާއެކުގައެވެ. އަހަރެން މަސައްކަތް ފެށީމެވެ. ވާފިރަށް ގޮނޑި ހޯދައިދެވޭނެ ހުރިހާ ދޮރެއްގައި ޓަކިޖެހީމެވެ. ހުރިހާ ގަލެއް ފޮރުޅީމެވެ. ނަމަވެސް ވާފިރު ދިޔައީ ޗޮކުންނެވެ. ރައިވެރިއެއްގެ ދަރިއަކަށް ލިބޭވަރު ވެސް ނުލިބުނެވެ.

ނަފުރަތުގެ ބަސްތަކާއެކު އިންޒާރުގެ ރަނގަބީލު ހިނދުރީގައި ހަރުލީ އެހައި ހިސާބުންނެވެ. ނަމަވެސް އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ. ދެއްކޭނެ ބަހަނާއެއް ނެތެވެ. ހެދޭނެ ދޮގެން ވެސް ނެތެވެ. މީހުންގެ ވިސްނުމާއި ފިކުރަށް އަހަންނަށް އަތްބޭނޭނެ ހެއްޔެވެ؟ އަހަންނަކީ ކާކު ހެއްޔެވެ؟ ކޮން ބާރެއް ލިބިފައިވާ މީހެއް ހެއްޔެވެ؟ ދިން ފައިސާ ދިނުން ނޫން ކަމެއް ވާނެ ހެއްޔެވެ؟ ވާފިރުގެ ކިބައިން މައާފަށް އެދުން ނޫން ކަމެއް ނުކުރެވުނެވެ. ވާފިރަށް މުހިއްމީ ފައިސާއެއް ނޫނެވެ. އޭނާ އިޢުލާނުކުރީ ހަނގުރާމައެވެ.

"ހިތްދަތިކަމުގަ، މަޑުމަޑުން، މަޑުމަޑުން، ބާކީވަމުން، ބާކީވަމުން، ވޭން އަޅަމުން، އަޅަމުން ގޮސް ކަލޭގެ ވަސް ފިލުވާލާނީ." ވާފިރުގެ ބަހުގެ އިންޒާރު އަހަރެންގެ ނޭފަތުކުރިއަށް ފޯރިއެވެ.

ހަފުތާއެއް ނުވަނީސް ކުއްލިއަކަށް މެއަށް ތަދެއް އެރިއެވެ. އަތްފައި ގުޑުވައި ނުލެވި މީހާ ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އެ ތިރިވި ގޮތަށް ހިންދެމި ނުލެވި އެނދުގައި އޮށޯންނަށް ޖެހުނެވެ. ޑޮކުޓަރުންނަށް ދެއްކުނެވެ. ކަރަކަރައަށް ފުރަފުރައިގެން ދެވުނެވެ. ކަމެއް ނުފެނެއެވެ. ޑޮކުޓަރުން ގޮތް ހުސްވިއެވެ. ހައިރާންކަމުގެ މާސްކު އަނގަމަތީގައި އެޅުން ނޫން ކަމެއް ނުކުރެވުނެވެ. ބަލި އެނދުން ޖާގަ ކަށަވަރުވިއެވެ.

ސިރާޖަށް ވީ އެހެން ގޮތެކެވެ. ހިތާއި ސިކުނޑީގެ ލޭނާރުތަކެއް ބެދުނީއެވެ. ދާއިމީ ބައްޔަކަށް އެކަން ބަދަލުވީއެވެ. ބޭހުގެ އެހީގައި ދުވަސްތައް ގުނާން ޖެހުނީއެވެ. ދުނިޔޭގެ ކުލަތައް ބަދަލުވީއެވެ. ދެމީހުންނަށް އެއް ހާލެއް ޖެހުނީއެވެ. ދެވޭނެ ފަރުވާއެއް ކުރާނެ ބޭހެއް ނޭގުނީއެވެ. މިއަދު ދާންމަތިވެފައި އޮތުން ނޫންކަމެއް ނެތެވެ. މަޑުމަޑުން މީހުން، އަހަންނާ ދުރުވަމުން ދުރުވަމުން ގޮސް އެކަނިވީއެވެ. ފަސް އަހަރު ހީވަނީ ފަސް ސާސްކަފުހެންނެވެ. ފަޅުގެއެއްގައި އެކަނިވެރިކަން ގުނުން ނޫން ގޮތެއް އަދަކު ނެތެވެ. ދާންމަތީގައި އޮންނާތީ ސިއްހީ މަރުކަޒުން ހާލުބަލައި އެހީތެރިވާން އަންނަ ނަރުހުން ފިޔަވާ އިތުރު މީހަކު މިގެއަކަށް ނުވަދެއެވެ. އިތުރު މީހަކު ނާދެއެވެ. އަހަންނަކީ އެހައި ވެސް ބިރުވެރި މީހެކެވެ. މީހުން ގަބޫލުކުރާ ގޮތުގައި އަހަރެން އިނގިލި ދިއްކޮށްލިޔަސް ހަޔާތް ވިހަވާނެއެވެ. ހަތަރުކަޅި ހަމަވެއްޖެ ނަމަ ޒިންދަގީ ދާނެއެވެ. މިގެއަށް ވަދެއްޖެ ނަމަ ބަދުނަސީބު ވަށައިލާނެއެވެ.

މިއަދު އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެއެވެ. އުފަލަކީ ފައިސާއެއް ނޫންކަމެވެ. ޢިލްމަކީ ނަހަމަ ގޮތުގައި ބޭނުންކުރާންވީ ހަތިޔާރެއް ނޫންކަމެވެ. ބިނާކުރަނިވި ޢިލްމާއި ފަނާކުރަނިވި ޢިލްމު ވަކި ކުރާން ޖެހޭނެކަމެވެ. ފަނާކުރަނިވި ޢިލްމާ ދުރުވާން ޖެހޭނެ ކަމެވެ. ގޯސްމަގު ދައްކާ މީހުންނަކީ މިތުރުން ނޫންކަމެވެ. އަބަދުވެސް ކުރިއަށްދާންވީ، މަދަދު ހޯދާންވީ ހެޔޮލަފާ މީހުންގެ ބަހުގައި ހިފައިގެން ކަމެވެ. އެކަން ވަޒަންކުރާނީ ތިމާގެ ސިކުނޑިންނެވެ. ދެނެގަންނާނީ ޢަމަލުންނެވެ. ތަޖުރިބާއިންނެވެ. އެހެން ނޫނީ އަހަރެން މި ކުރި ތަޖުރިބާ ކުރާން ޖެހިދާނެއެވެ. ދުނިޔެއަކީ މި ކަހަލަ ކެހިވެރި ތަނެކެވެ. ކެހިވެރި އާލަމެކެވެ.