31 މޭ 2023 - 09:50 0
2021 ވަނަ އަހަރުގެ ސާާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ނޭޕާލް ކުޅުންތެރިން ގައުމީ ސަލާމްކިޔަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
31 މޭ 2023 - 09:50 0
އަންނަ މަހު 21 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް އެންމެ ފަހުގެ ރަނަރަޕް، ނޭޕާލުން 30 ކުޅުންތެރިންގެ ސްކޮޑެއް ނަގާފައިވަނީ 168 ކުޅުންތެރިންގެ ލިސްޓަކަށް ބަލައިގެން ކަމަށް އޯލް ނޭޕާލް ފުޓްބޯލް ފެޑެރޭޝަން (އަންފާ) އިން ބުނެފި އެވެ.
ނޭޕާލާ މި ވަގުތު ހަވާލުވެހުރީ އިންޑިއާގެ ފުޓްބޯޅައިގައި މިދިޔަ އަހަރުތަކުގައި މަގުބޫލު ނަމެކެވެ. އެ ގޮތުން، ނޭޕާލުން ދާދި ފަހުން ހަމަޖެއްސި އިޓަލީގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ އަނެސީ އަކީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ސީޒަނުގައި ގޯކުލަމް ކެރަލާ އަށް ހޯދައިދިނުމަށް ފަހު، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގައި ނޯތު އީސްޓް ޔުނައިޓެޑްގައި މަސައްކަތްކުރި ކޯޗެކެވެ.
އަންފާ އިން ނޭޕާލް މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި ވިންޗެންޒޯގެ އެދުމުގެ މަތިން ޓީމާއި ކުޅުންތެރިން ދެނެގަންނަން މިދިޔަ މާޗް މަހު ކުޅުނު ތުރީ ނޭޝަންސް ކަޕްގައި ގިނަ ކަންތައްތަކެއް ފާހަގަވެގެންދިޔަ ކަމަށެވެ. ބޫޓާނާއި ލާއޯސް އަދި ނޭޕާލްގެ މެދުގައި ކުރިއަށްދިޔަ ތުރީ ނޭޝަންސް ކަޕްގެ ފައިނަލުގައި ނޭޕާލުން ވަނީ ލާއޯސް ބަލިކޮށްފަ އެވެ.
ތުރީ ނޭޝަންސް ކަޕަށް ފަހު، ނޭޕާލަށް ނިސްބަތްވާ ގިނަ އާ ކުޅުންތެރިންތަކެއް ހޯދުމުގެ މަސައްކަތް ފަށައި، ނޭޕާލް ފުޓްބޯޅަ ކޯޗުންގެ ލަފާހޯދައިގެން، 168 ކުޅުންތެރިންގެ ލިސްޓެއް ހަދައި، އިތުރު މައުލޫމާތު އެއްކޮށް، ޓެކްނިކަލް ޓީމެއްގެ ލަފާގެ މަތިން 30 ކުޅުންތެރިންނަށް ސްކޮޑު ކުޑަކުރީ ކަމަށެވެ.
ސާފަށް ނެގި ނޭޕާލް ސްކޮޑުން އެންމެ ފާހަގަކުރެވޭ ނަމަކީ މި ފަހަރު ވެސް ތަޖުރިބާކާރު ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ ޓީމުގައި ހިމެނުމެވެ. އިންޑިއަން ސުޕަ ލީގަށް އަލަށް ޕްރޮމޯޓްވި ރައުންޑްގްލާސް ޕަންޖާބް ޓީމަށް ކުޅެމުން އަންނަ ކިރަން ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ކުޅެދީފަ އެވެ.
އެންމެ ފަހުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވި ނޭޕާލުން މި ފަހަރުގެ މުބާރާތުގައި ވެސް ހިމެނެނީ އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. އެ ގޮތުން އިންޑިއާ އާއި ނޭޕާލްގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ޕާކިސްތާން އާއި ކުވެއިތު އެވެ. ނޭޕާލުން ކުވެއިތުގެ ކޯޗު އަބްދުﷲ އަލް މުތައިރީގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ސާފްގައި ފައިނަލުގައި ކުޅުނުއިރު، މިއީ މުބާރާތުގެ ތާރީހުގައި ވެސް ނޭޕާލުން ކުޅުނު ފުރަތަމަ ފައިނަލެވެ.
Comment