Advertisement

ސެވިއްޔާގެ ރަސްކަން ހުއްޓުވަން މޮރީނިއޯގެ ރޯމާ ތައްޔާރު

30 މޭ 2023 - 07:25 0


ސެވިއްޔާގެ ރަސްކަން ހުއްޓުވަން މޮރީނިއޯގެ ރޯމާ ތައްޔާރު

30 މޭ 2023 - 07:25 0

ބުޑަޕެސްޓް، ހަންގޭރީ (މެއި 30) - ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާ އިން ކުޅުނު ހުރިހާ ފަަހަރެއްގައި އެ ޓީމުން މުބާރާތުގެ ތަށި އުފުލާލާފައިވާއިރު، އެކަން ހުއްޓުވަން މި ފަހަރުގެ ފައިނަލުގައި ސެވިއްޔާއާ ދެކޮޅަށް ނުކުންނަ ރޯމާ އިން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ސެވިއްޔާ އިން ވަނީ ޔޫރޮޕާ ލީގުގެ ތަށި ހަ ފަހަރު ހޯދައިފަ އެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ. މިދިޔަ އަހަރު ރޯމާ އަށް ޔުއެފާ ކޮންފަރެންސް ލީގުގެ ތަށި ހޯދައިދިން މޮރީނިއޯ، ޔޫރަޕްގެ ކްލަބް މުބާރާތެއްގެ ފައިނަލުގައި ނުކުތް ހަ ފަހަރު ވެސް ބަލިވެފައިނުވެ އެވެ.

"އޭރަށް ވުރެ އަހަންނަކީ މޮޅު ކޯޗެއް، ރަނގަޅު މީހެއް. އެކަމަކު، ހަމަ އެއް ޑީއެންއޭ އެއް މި ހުރީ،" 2003 ވަނަ އަހަރު ޕޯޓޯއާ އެކު ޔުއެފާ ކަޕް (މިހާރުގެ ޔޫރޮޕާ ލީގު) ޕޯޓޯއާ އެކު ކާމިޔާބު ކުރި މޮރީނިއޯ މިހާރު ހުރި ލެވަލާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދިނެވެ.

މޮރީނިއޯ ވަނީ 2004 ވަނަ އަހަރު ޕޯޓޯއާ އެކު ޗެމްޕިއަންސް ލީގު ތަށްޓާއި 2010 ވަނަ އަހަރު އިންޓަ މިލާނާ އެކު ޗެމްޕިއަންސް ލީގު ތަށްޓާއި 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ އެކު ޔޫރޮޕާ ލީގުގެ އިތުރުން މިދިޔަ އަހަރު ރޯމާ އަށް ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.

"ތަޖުރިބާގެ އަލީގައި ކޮންމެ މީހަކަށް ވެސް ރަނގަޅުވެވޭނެ. ސިކުނޑި މަސައްކަތްކުރާ މިންވަރު ވެސް ފަހަރަކަށް ވުރެ ފަހަރެއް ދާނީ ރަނގަޅުވަމުން. އަހަރެންގެ މޯޓިވޭޝަން ވެސް މި ދަނީ ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅުވަމުން،"

ޔޫރަޕްގައި ހަ ވަަނަ ފައިނަލަކަށް ނުކުންނައިރު، އިދިކޮޅަށް އޮތް ސެވިއްޔާގެ ރެކޯޑް ވެސް އޮތީ ފުރިހަމަ ކޮށެވެ.

"ސެވިއްޔާ އަކީ ކޮންމެ ގޮތެއް ވިޔަސް މި މުބާރާތުގެ ތަޖުރިބާ ބޮޑު ޓީމެއް. އެ ޓީމުގެ ކާމިޔާބީތައް މި ކަމަށް ހެކިދޭ. އަހަރެމެން ވިސްނަން ޖެހޭނީ މި ހުރިހާ ކަމަކަށް ވުރެ އަހަރެމެން އެ ކުރާ މަސައްކަތް ރަނގަޅުވާން،"

ސެވިއްޔާ އާއި ރޯމާ އަށް ވެސް މާދަމާރޭގެ ފައިނަލް ހާއްސަވާ އެހެން ސަބަބެއް އެބައޮތެވެ. އެއީ މި މުބާރާތް ކާމިޔާބުކޮށްގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެތީ އެވެ. ސެވިއްޔާ އާއި ރޯމާ އަށް ވެސް މިހާރު ޗެމްޕިއަންސް ލީގަށް ކޮލިފައިވާން އޮތް މަގަކީ މި އެވެ.