31 މޭ 2023 - 08:48 0
ނަޖާހު މަސްއޫދު
31 މޭ 2023 - 08:48 0
ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރްޓީއެލް)އިން ނެގި ބަސް ޓިކެޓަކަށް ރިފަންޑު ނުދީގެން ބިދޭސީއަކު ކޮންޒިއުމާ އޮމްބަޑްސްމަންއަށް ހުށަހެޅުމުން އެ ކުންފުނިން އެ މީހާއަށް ރިފަންޑު ދީފި އެވެ.
ކޮންސިއުމާ އޮމްބަޑްސްމަންގެ ވާޖިބަކީ މުދާ ގަންނަ މީހެއް ނުވަތަ ހިދުމަތެއް ހޯދާ މީހެއް ހައްގު ގެއްލިއްޖެ ހާލަތެއްގައި ބަދަލު ނަގައިދިނުމާއި ގާނޫނު ހިލާފުވާ ފަރާތްތައް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ހުށަހެޅޭ ޝަކުވާތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމެވެ.
މި އަހަރުގެ މާޗު 20 ވަނަ ދުވަހު ސަތްޔާ ޗަކްރާ ރާއޯ ގޮރަކަޕުޑީ ކިޔާ ބިދޭސީއަކު ކޮންޒިއުމާ އޮމްބަޑްސްމަންގެ އޮފީހަށް ހުށަހެޅީ އާރްޓީއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނެގި ޓިކެޓަށް ހިދުމަތް ނުދެވުމުން އޭގެ ރިފަންޑު ހޯދުމަށެވެ.
އާރްޓީއެލްއިން ބަސް ދަތުރުތަކަށް ނަގަނީ މާލެ ތެރޭގެ ދަތުރުތަކަށް ހަތް ރުފިޔާ އެވެ. މާލެއާ ހުޅުމާލޭ ފުރަތަމަ ފޭސްއާ ދެމެދު 10ރ. އަދި ފޭސް 2 އާ ދެމެދު 15ރ. އެވެ.
އެ މައްސަލައިގައި އޮމްބަޑްސްމަންގެ އޮފީހުން މި މަހުގެ 10 ވަނަ ދުވަހު ނިންމި ނިންމުމުގައި ވަނީ، އާރްޓީއެލްއިން އެ މައްސަލައިގައި އެ މީހާއަށް ރިފަންޑު ދީފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ނިމުނީ އެވެ.
އާރްޓީއެލް އެޕް މެދުވެރިކޮށް، ބަސް ދަތުރުތަކުގެ ޓިކެޓުގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފެރީގެ ޓިކެޓު ވެސް ނެގެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ކޮންސިއުމާ އޮމްބަޑްސްމަންގެ އޮފީހަކީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އާންމުން ހުށަހަޅާ މައްސަލަތައް ބަލަން ހެދި އޮފީހެކެވެ. ކޮންސިއުމާ އޮމްބަޑްސްމަން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އޮގަސްޓު 31، 2020ގައި އަމަލު ކުރަން ފެށި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކޮންޒިއުމާ އޮމްބަޑްސްމަންގެ މަގާމަށް މަރިޔަމް ޝަމްއާ އިސްމާއީލް އައްޔަން ކުރީ އޮގަސްޓް 31، 2021ގަ އެވެ.
އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅޭނެ ފަސޭހަ ގޮތެއް ގާއިމްކޮށް އެ އޮފީހުގެ ވެބްސައިޓު ހުޅުވީ، މިދިޔަ އަހަރުގެ ޖޫން 5ގަ އެވެ. އެ ވެބްސައިޓުން އެނގޭ ގޮތުގައި މިހާތަނަށް ނިންމާފައި ވަނީ ހަތަރު މައްސަލަ އެވެ.
އެ އިދާރާގެ ސޯޝަލް މީޑިއާ ހޭންޑަލްތަކެއް ނެތް އިރު، މިފަދަ މައްސަލަތައް ހުށަހެޅޭ ކަމެއް އާންމުކޮށް ނޭނގެ އެވެ.
އޮމްބަޑްސްމަން ޝަމްއާ "އަދަދު"އަށް މިއަދު ވިދާޅުވީ، ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އޮފީހަށް ހުށަހަޅާފައި ވަނީ 12 މައްސަލަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެފަދަ މައްސަލަތައް ހުށަހަޅާ ގިނަ މީހުން އެކަމުގެ ފޯމު ހުށަހެޅުމަށްފަހު މައްސަލަ ކުރިއަށްގެންދިޔުމަށް މަސައްކަތެއް ނުކުރެ އެވެ. އެ އޮފީހުން މިހާތަނަށް ނިންމާފައިވާ ހަތަރު މައްސަލައަކީ އެއްބާރުލުންދީ، އިޖުރާއަތްތައް ފުރިހަމަކޮށްގެން ކުރިއަށްގެންދިޔަ ހަތަރު މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ފަރާތްތަކުން އެ އޮފީހަށް މައްސަލަ ހުށަހެޅުމުން، މައްސަލަ ރައްދުވާ ފަރާތްތަކުން އެކަން އަވަހަށް ހައްލު ކުރަން މަސައްކަތް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިހާތަނަށް އޮމްބަޑްސްމަންގެ އޮފީހުން ފިޔަވަޅު އަޅަން ނިންމާފައި ވަނީ އެންމެ މައްސަލައެއްގަ އެވެ. އެއީ ހިޔާ ފްލެޓެއްގެ މަސައްކަތް ކުރަން ހަވާލު ކުރި ކުންފުންޏަކާއި ދެކޮޅަށް އެ މައްސަލަ ފްލެޓުގެ ވެރިފަރާތުން ހުށަހެޅި މައްސަލައެކެވެ. އޮމްބަޑްސްމަންގެ އޮފީހުން ނިންމީ ކުންފުނި 10،000ރ.އިން ޖޫރިމަނާ ކުރުމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް ނިންމި އެވެ.
Comment