Advertisement

އެވަޓަން ސަލާމަތްވެ، ލެސްޓާ ރެލިގޭޓްވިއިރު، ވިލާ ޔޫރަޕަށް

29 މޭ 2023 - 09:44 0


އެވަޓަން ސަލާމަތްވެ، ލެސްޓާ ރެލިގޭޓްވިއިރު، ވިލާ ޔޫރަޕަށް

29 މޭ 2023 - 09:44 0

ލަންޑަން (މެއި 29) - އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، އެވަޓަން ސަލާމަތްވެ، ލެސްޓާ ސިޓީ ރެލިގޭޓްވިއިރު، 13 އަހަރުގެ މެދުކެނޑުމަކަށް ފަހު އެސްޓަން ވިލާ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު ހޯދައިފި އެވެ.

އެވަޓަން ވަނީ އަމިއްލަ ދަނޑުގައި އަބްދުﷲ ޑޮކޫރޭ ޖެހި ގޯލުން 1-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. އެވަޓަން ބަލިވެެގެން ނޫން ގޮތަކަށް ލެސްޓާ ރޭ މޮޅުވިޔަސް ސަލާމަތްވެވެން ނެތެވެ. ލެސްޓާ ވަނީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ދެން، ރޭ ރެލިގޭޓްވީ ލީޑްސް ޔުނައިޓެޑް އެވެ. ލީޑްސް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވެފަ އެވެ.

އެންމެ ފުލަށް ދިޔަ ސައުތެމްޓަން ވަނީ ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ 4-4 އިން އެއްވަރުކޮށްފަ އެވެ. ސައުތެމްޓަން އަށް ލިބުނީ 25 ޕޮއިންޓެވެ. ނަވާރަ ވަަނަ އަށް ދިޔަ ލީޑްސް އަށް ލިބުނީ 31 ޕޮއިންޓެވެ. އަދި 18 ގައި ނިންމާލި ލެސްޓާގެ އޮތީ 34 ޕޮއިންޓެވެ. އެވަޓަން ރޭގެ މޮޅާ އެކު 36 ޕޮއިންޓް ހަމަކުރީ އެވެ.

ޗެމްޕިއަން މެންޗެސްޓާ ސިޓީން ގިނަ ބަދަލުތަކެއް ގެނެސްގެން ބްރެންޓްފޯޑް ދަނޑުގައި ކުޅުނު މެޗުން ބަލިވީ 1-0 އިންނެވެ. ބްރެންޓްފޯޑުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ 85 ވަނަ މިނިޓްގައި އީތަން ޕިނޮކް އެވެ. ޑިފެންޑަރަކަށް ކުޅޭ ޕިނޮކް މި ގޯލު ޖެހީ އެ ޓީމުގެ ބްރަޔާން އެމްބުއޭމޯ ދިން ބޯޅައަކުންނެވެ.

ދެ ވަނަ ހޯދި އާސެނަލް ވަނީ ރޭ އަމިއްލަ ދަނޑުގައި 5-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. މި ސީޒަނަށް ފަހު އާސެނަލް ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނާ ގްރޭނިޓް ޝަކާ ރޭގެ މެޗުގައި ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ ބުކާޔޯ ސަކާ އާއި ގަބްރިއެލް ޖީސޫސް އަދި ޔަކޫބް ކީވިއޯ އެވެ.

ތިން ވަަނައިގައި ނިންމީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ފުލަމް ބަލިކުރި މެންޗެސްޓާ ޔުނައިޓެޑް އެވެ. ފުލަމްގެ ޓެޓޭ އެ ޓީމަށް ލީޑުނަގައިދިން މި މެޗުގައި އެ ޓީމަށް ލީޑުފުޅާކުރަން ލިބުނު ޕެނަލްޓީ އަލެކްސަންޑަ މިޓްރޮވިޗް އަތުން ވަނީ ބޭކާރުވެފަ އެވެ. ޔުނައިޓެޑް ފަހަތުން އަރައި މޮޅުވިއިރު، ލަނޑުތައް ޖެހީ ޖޭޑަން ސަންޗޯ އާއި ބްރޫނޯ ފެނާންޑޭސް އެވެ.

ވިހި އަަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދި ނިއުކާސަލް ޔުނައިޓެޑް ހަތަރު ވަނައިގައި ނިންމިއިރު، ރޭ އެ ޓީމު ވަނީ ޗެލްސީ ދަނޑުގައި 1-1 އިން އެއްވަރުވެފަ އެވެ. ނިއުކާސަލް އިން އެންތަނީ ގޯޑަންގެ ގޯލުން ލީޑުނެގި މި މެޗުގައި ޗެލްސީން އެއްވަރުކުރީ ނިއުކާސަލްގެ ކިއެރަން ޓްރިޕިއޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޗެލްސީން ސީޒަން ނިންމާލީ ލީގުގެ 12 ވަނައިގަ އެވެ. މިއީ، 1994 ވަނަ އަހަރަށް ފަހު ޗެލްސީ ޕްރިމިއާ ލީގުގައި އެންމެ ދަށްކޮށް ދިޔަ ފަހަރެވެ.

ސިޓީ އަށް 89 ޕޮއިންޓް ލިބުނުއިރު، އާސެނަލަށް ލިބުނީ 84 ޕޮއިންޓެވެ. އަދި ޔުނައިޓެޑަށް 75 ޕޮއިންޓް ލިބިގެންދިޔައިރު، ނިއުކާސަލަށް ލިބުނީ 71 ޕޮއިންޓެވެ. ފަސް ވަނަ އަށް ދިޔަ ލިވަޕޫލް އަށް 67 ޕޮއިންޓް ލިބުނުއިރު، ހަ ވަނަ ހޯދި ބްރައިޓަންގެ އޮތީ 62 ޕޮއިންޓެެވެ. އަދި ރޭ ބްރައިޓަން އަތުން 2-1 އިން މޮޅުވި އެސްޓަން ވިލާ ވަނީ 61 ޕޮއިންޓް ހޯދައިފަ އެވެ.

ޔޫރަޕިއަން ކަޕްގެ ތަށި 1982 ވަނަ އަހަރު ހޯދި އެސްޓަން ވިލާ އެންމެ ފަހުން ޔޫރަޕްގެ މުބާރާތެއްގައި ކުޅެފައިވަނީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު، ޔޫރޮޕާ ލީގުގެ ޕްލޭއޮފްސްގައި ވަނީ އޮސްޓްރިއާގެ ރެޕިޑް ވިއޭނާ އަތުން ބަލިވެފަ އެވެ. އަންނަ އަހަރު އެސްޓަން ވިލާ ކުޅޭނީ ޔުއެފާ ކޮންފަރެންސް ލީގުގަ އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ރޭގެ މެޗުން ލީޑްސް އަތުން މޮޅުވި ނަމަވެސް ގަދަ ހަތް ޓީމުގެ ތެރެއިން ފުރުސަތު ގެއްލި އެ ޓީމަށް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގެ ފުރުސަތު ނޯންނާނެ އެވެ. މިއީ، 2009 ވަނަ އަހަރުގެ ފަހުން، ޓޮޓެންހަމް އަށް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ނުލިބޭ ގޮތަށް ސީޒަން ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. އެ ފަހަރު، ޓޮޓެންހަމް ދިޔައީ މި ފަަހަރެކޭ އެއް ގޮތަށް ލީގުގެ އަށް ވަނަ އެވެ.