Advertisement

ވާހަކަ: އަސާސެއް ނެތް ބިލާހެއް


ވާހަކަ: އަސާސެއް ނެތް ބިލާހެއް

އެ ދުވަހު ކޯޓަށް ދިޔައީ އުފަލުން ހިނިތުންވެގެން ކަމުގައި ވިޔަސް މިއަދު ހަމަ އެ ކޯޓަށް މިދަނީ ރޮމުން ގިސްލަމުންނެވެ. ވޭންތަކުން ފުރިގެންވީ ހިތެއް އަތަށް ލައިގެންނެވެ. ލިޔަ ޖެހި ކުދިކުދިވެ ހަފުސްވެފައިވާ މެޔަކާއެކުގައެވެ. ހާސްކަމުން ބެދި އަނދިރިވެފައިވާ ހަނދާންތަކެއް ކިހިލި ޖަހައިލައިގެންނެވެ. އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. މަޑުމަޑުން ވިސްނައިލެވުނެވެ. ނިތްމައްޗަށް އަތް ހިއްލައިލަމުންނެވެ.

ކޯޓުގެ މައި ދޮރާހަމައަށް ދެވުމާއެކު އަހަންނަށް ބަލައިލެވުނެވެ. ވަށައިގެންވާ މާހައުލަށެވެ. އެކަކު ވެސް ނެތެވެ. ބާރު އަވީގައި ހަންޑިމާލި ހެދެން ވެސް ނުހެދެން ވެސް ހުރީ އަހަރެން އެކަންޏެވެ. އެކަމަކު އެ ދުވަހު ހަމަ މިތަނުގައި ކިތައް މީހުން ތިބި ހެއްޔެވެ؟ ކިތައް މީހުންގެ ހެޔޮ އެދުމުގެ ބަސްތައް އިއްވި ހެއްޔެވެ؟ މިއަދު އެ އެންމެން ކޮބައި ހެއްޔެވެ؟ އެމީހުން އެވަނީ ކޮން ހޮރަކަށް ހެއްޔެވެ؟

އަހަރެން އެކަނިވި ދުވަހު އެމީހުން ވެސް ފިލީ ހެއްޔެވެ؟ މަސް އައިން އޮބައިލީމަ އެންއޮޑި ތަޅައިލައިފަ މިސްރާބު ބަދަލުކޮށްލީ ހެއްޔެވެ؟ އަހަންނަށް ބަލައިލެވުނީ މައްޗަށެވެ. ކުރަނގި މާރަނގައިގެ އަސަރެއް ނެތެވެ. ގާދޫނި ވައްލައިގެ އަޑެއް ނީވެއެވެ. އެ ސޮރުމެންގެ ނިޝާނެއް، ލިސާނެއް ނެތެވެ.

"ރާމިޒާ، ދުރުވޭ އެތެރެއަށް." ކޯޓު ދޮރުމަތީގައި ހުރި ދެބައި އުމުރުގެ މީހާ އަހަންނަށް ގޮވާލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ. އަނގަތެރެ ހިކި ތުންފަތް ފުރޮޅެމުންދާ ހެން ހީވިއެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އެތެރެއަށް ވަނީމެވެ. ތަނުގެ ފިނިހޫނުމިން ހިފެއްހެއްޓިފައި ހުއްޓަސް އެތެރެހަށީގައި ހުރީ އަލިފާން ރޯވެފައެވެ. އެ ގިނީގައި އަނދަމުންދަނީ ހިތާއި މެޔެވެ. ވިރެމުންދަނީ މާޒީގެ ތަސްވީރުތަކެވެ. އަޅިއަށްވަމުން ދިޔައީ ކުރެވުނު އުއްމީދުތަކާއި ދުށް ހުވަފެންތަކެވެ.

ގޮނޑީގައި ހަމަޖެހިލީމެވެ. މާލަމުގައި އިނީ އަހަރެން އެކަންޏެވެ. އަހަންނަށް އަޅައި ކިޔުނީ އެ ދުވަހާއި މި ދުވަހެވެ. އެ ތަނަށް އަހަރެން ގެނައީ އިއްޒަތުގައެވެ. ނަލަހައްދާ ހުވަނދުލައްވައިގެންނެވެ. ޕަރީއެއް ފަދައިން ހައްދައިގެންނެވެ. ހުދު ހެދުމުގައެވެ. މަދުވީ ހަމައެކަނި ބޮޑު ދެވަރައެވެ.

"ނަޒީރު އަހަންނަށް ވަރައެއް ޖަހައިދޭންވީނު." އަހަރެން އެލިގަތީ ނަޒީރުގެ އަތްދަނޑީގައެވެ. ނަޒީރަކީ އަހަރެން ހިތެވެ. އެ ހިތުގެ ވިންދެވެ. ލޮލުގެ ފިނިކަމެވެ. ނަޒީރަކީ ރީތި ހުސްކުރިއެކެވެ. މަށަށްމަށަށް ގޮވަގޮވާ ހުންނަ ނަންބަރެކެވެ. އެ ދުވަހު އަހަރެންގެ ދޯޕައްޓާގައި ނަޒީރު ހިފީ ކަމެއް ނޫނީ ހިފުނީ ކަމެއް އަހަންނަކަށް ނޭނގެއެވެ. ދޯޕައްޓާގައި ހިފަން ދިއްކޮށްލި ބަދަލުވީ ތޫނު ތީރަކަށެވެ. އެ ތީރު ގޮސް ހެރުނީ އަހަރެންހެ މެޔަށެވެ. މޭ ފޫއަޅުވައިލައި ގޮސް ހިތަށެވެ. އެހައި ހިސާބުން އަހަރުމެންގެ ނަން އެ ވާދީގައި ދަފުތަރު ކުރެވުނެވެ. މާމެލާމެލީގެ ޒާރުތަކުގައި އުދުހޭ ބަޅިނދުތަކާއި ކޮކާތައް ފަދައިން އަހަރުމެން ވެސް އުދުހުނީމެވެ.

ދެ އަހަރު އެ މަޖަލުގައި ހޭދަކުރެވުނެވެ. ނެތް ކުލައެއް ނެތް ރަހައެއް ނުބިންނަ މަލެއް އެ ގުޅުމަކު ނޯންނާނެއެވެ. ހަމައެކަނި އޮތްހާ ވެސް ކަމަކީ އެއް ދަފުތަރުން އަނެއް ދަފުތަރަށް ލިޔެކިޔުންތައް ބަދަލުކުރުމެވެ. ރަސްމީ ކުލަޖެއްސުމެވެ. ކައިވެނީގެ އަގުމާތް ގުޅުމުން ގުޅުމެވެ. އަހަރުމެން މިތަނަށް އަލަށް ވެސް އައީ އެ ދުވަހުއެވެ. އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ.

ހަނދާނުގެ ދުރުމީގެ ލެންސް ގޮސް ހުއްޓުނީ ނަޒީރަށެވެ. އޭނާ ބަދަލުވި ހިސާބަށެވެ. ލޯބިން އެޅި ފާލަމު މެދުގައި ބަނޑަށް އަތް ނުފޯރާ ހުއްޓާ އޭނާގެ ކުލަ ފަނޑުވި ހާދިސާއަށެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ނިތްމަތީގައި އޮތް އަތް ނަގައި އަނެއްކާ މޭމަތީގައި ބާއްވާލީމެވެ. އަނެއްކާ ވެސް ހިތްވަރުކޮށްފައި ފެށީމެވެ. ކުރިއަށް ދެވޭތޯއެވެ.

އޮފީސް ދަތުރެއްގައި ނަޒީރު ބޭރަށް ދާން ޖެހުމުން ޝަކުވާގެ ތުންއެނބުރި ހެދީ އަހަރެންގެ އުނގުގައި އޮވެގެންނެވެ. އަހަރެން އެ ހާލަށް ދޫކޮށްދާން ބޭނުން ނުވާތީއެވެ.

"ދެން، މަންމަ ވެސް އެހުރީނު. އެހެން ނޫނަސް ދެ ހަފުތާއަށެއްނު." އަހަރެން ލުއި ގޮތަކަށް ނަޒީރަށް ވިސްނައިދިނީމެވެ.

"ދެ ހަފުތާ! ދެ ގަރުނެއް ނޫންތަ؟ ދެ ހަފުތާއިން ދެ ފަޅިވެއްޖެއްޔާޔޯ؟" ނަޒީރު ހީނލިއެވެ. ހަގީގަތުގައި ވެސް ނަޒީރު ބުނީ ކީކޭ ކަމެއް އެ ދުވަހަކު އަހަންނަކަށް ނުވިސްނެއެވެ. އަހަރެންގެ ހިތް އަދި ވެސް ޤަބޫލުކުރަނީ ނަޒީރު އެހެން ބުނީ ފުން މާނައެއްގައި ނޫންކަމެވެ. ނަޒީރަކީ ކާކުކަން އެންމެ ރަނގަޅަށް އެނގޭނީ ޚުދު އަހަންނަށެވެ. އޭނާގެ ރަހަ އެނގޭނީ އަހަންނަށެވެ. ނަމަވެސް، އަހަންނަށް ނުވިސްނުނު ކަމަކީ ރަހައަކީ ބަދަލުވާ އެއްޗެއް ކަމެވެ. ދިޔާ ކޮންމެ އެއްޗަކަށް ފެން އެޅުމުން އޭގެ ރަހަ ގެއްލޭނެ ކަމެވެ. މާބޮޑަށް އޮލަ ވެއްޖެނަމަ ދިޔާކަން ކެނޑި އެ ގުޅަވެށޭނެކަމެވެ.

ނަޒީރު ފުރައިގެން ދިޔައީ ހިތާ ދެކޮޅަށް ކަމަށް ބުނެފައެވެ. އޭނާ ފުރައިގެން ދިޔަ ފަހުން ހުރިހާ ކަމެއް ބަދަލުވީއެވެ. އެއީ ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރުކޮށްފައި އޮތް ރެޔެކެވެ. މަގުމަތި އޮތީ ތެމިފައެވެ. ހިސާބަކަށް ފެން ހެދި ފައި ވެސް ހުއްޓެވެ. އަހަރެން ނުކުތީ މަންމާއެކު ފިހާރައަށެވެ. ވިހަންވާއިރަށް ބޭނުންވާނެ ބައެއް ސާމާނު އަތްމަތި ކުރާށެވެ. ފަޔަށް ގޮތެއްވިކަން އެނގެއެވެ. ދެންވީނުވީއެއް ނޭނގުނެވެ. ހޭވެރިވީއިރު ހުރިހާ ކަމެއް ނިމިއްޖެއެވެ. އަހަންނަށް އާދަޔާ ޚިލާފު ކަމެއް ފާހަގަވުމުން ބަނޑުގައި އަތް ޖައްސާލީމެވެ. ދެ ލޯ ބޮޑުވެގެން ދިޔައެވެ. ބަނޑު އޮތީ ހިނދިފައެވެ. އަހަރެން ހަޅޭއްލަވާން ފެށީމެވެ. ދަރިފުޅު ކޮބައިތޯ އަހައި ގޮވާން ފެށީމެވެ. ލިބުނީ އަޑުއަހަން ބޭނުންވި ކަހަލަ ޖަވާބެއް ނޫނެވެ. ދެ ފަރާތަށް ބޯހޫރުވެން ފެށުނެވެ.

ސައިކަލެއްގެ މުއްގަނޑު ބަނޑަށްވަންނަން ޖެހޭ ހެއްޔެވެ؟ ފައި އަރި އަޅައިލުމާއި ސައިކަލުގެ އަލި މޫނަށް އެޅުމާއެކު ބަނޑަށް ތަދުވިކަން ހަނދާންވާންފެށިއެވެ. އޭގެ ފަހުން ދުނިޔެ ބަދަލުވާހެން ހީވާން ފެށިއެވެ. ބާލީސްތައް ބޮޑެތި ޖަނަވާރުތައް ފަދައިން ފެންނާން ފެށިއެވެ. ނަރުހުންނާއި ޑޮކުޓަރުން ވެސް ބޮޑެތި އެތްފަދަ ވަލު ޖަނަވާރުގެ ގޮތުގައި ސިފަވާން ފެށިއެވެ.

އަހަރެން އުޅުނީ ސަލާމަތްވާށެވެ. އެއިން ކޮންމެ އެއްޗެއް އަހަންނަށް ހަމަލާދޭން އުޅޭތީއެވެ. ކުރެވުނު ނުކުރެވުނު ކަމެއް ވެސް ނޭނގެއެވެ. އަމިއްލަ އިސްތަށިގަނޑަށް ދަމައި މޫނުގައި އިނގިލިތަކުން ވަކި އަޅަން ފެށުނެވެ. ގައިމަތީ އޮތް ބެޑުޝީޓު ނަގައި ހޫރައިލީމެވެ. ބާލީސް ފަޅައިލުމަށްފަހު ހުރިހާ ކަފަތަކެއް މޫނަށް އެޅީމެވެ. ގަސްތަކު ނޫނެވެ. އިޚުތިޔާރަކު ވެސް ނޫނެވެ. އޭރު ހުރީ ބުނަން ނޭނގޭ ބާރެއް އަރައިފައެވެ. "ކަލޭގެ ސުންޕާކަން. ކަލޭގެ ނުލަފާކަން." އަހަރެން ދެ ލޯ ބޮޑުކޮށްލައިގެން އިނދެ މަންމައާ ދިމާއަށް ހަޅޭއްލަވާން ފެށީމެވެ.

މަންމައަށް ކެތް ނުވެގެން އެތަނުން ނުކުތެވެ. ނަރުހުންނާއި ޑޮކުޓަރުން އަހަންނާ ދިމާއަށް އައި މަންޒަރު ފެނުނެވެ. ތޫނު އެއްޗެއް ހެރުނުކަން އެނގުނެވެ. ދެން ނިދުނީއެވެ. ގަދައަށް ނިދުނީއެވެ. ނިދައި ނިދައި ގޮސް ވަރުބަލިވީއެވެ.

ލޯ ހުޅުވާލެވުނު އިރު ނަޒީރު ގާތުގައި އިނެވެ. އޭނާ ފެނުމާއެކު އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ. ނަޒީރުގެ މޫނުގައި މޫނު ޖައްސާލެވުނެވެ. އޭނާގެ މޫނަށް ބޮސްދެވުނެވެ. ނަމަވެސް ނަޒީރު ދުރަށް ޖެހިލީއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަންނާ ފެއަށް ދިޔައީއެވެ.

"ކީއްވެ؟ ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ކުރީ ކޮންކަމެއް؟ ކޮންކަމެއް؟" އަހަންނަށް ގިސްލެވެން ފެށުނެވެ.

ނަޒީރު ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ކޮންމެ ވެސް އަނިޔާއެއް ދެވެއެވެ. ގަސްތަކު ނޫނެވެ. ބޭއިޚްތިޔާރުގައެވެ. އަހަރެންގެ ހިތްބުނަނީ ނަޒީރު ބަދަލުވެއްޖެ ކަމެވެ. އޭނާ އަހަރެން މަތީން ފޫހި ވެއްޖެ ކަމެވެ. އެކަން އޭނާގެ ހަރަކާތްތަކުން އަހަންނަށް ވަރަށް ރަނގަޅަށް އެނގެމުން ދިޔައެވެ.

"ބުނަން ވާހަކައެއް. އަހަންނަކީ ފިރިހެނެއް، ލައްކަ ދުވަހު އަހަރެން ކެތްކޮށްފިން. އެ ހާދިސާއަށް މިހާރު އަހަރެއް ވެގެން އެ ދިޔައީ ރާމިޒާ ބަދަލުވާކަށް ބޭނުމެއް ނުވި. ދެން އޮތީ އަހަރެން ބަދަލުވުން." ނަޒީރު އަހަންނާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.

"ދެން ބަދަލުވެބަލަ." އަހަންނަށް އެކަން ވެސް ނެގުނީ މަޖާ ކަމަކަށެވެ.

ހަފުތާއެއްފަހުން ނަޒީރު އައީ އަންހެނަކު ގޮވައިގެންނެވެ. އެއީ ބަލައިލަން ރީތި ދޮން ބަށްޓެކެވެ. ހިމަތޮޅީ ނިޔަނެތި ޒުވާނެކެވެ. އަހަންނަށްވުރެ އޭނާ އެތައް ގުނައެއް ރީއްޗެވެ.

"އަހަރުމެންނަށް އުނދަގޫ ނުކުރާތި!" ނަޒީރު އަހަންނަށް އިންޒާރެއް ދިނެވެ.

އޭނާ ކޮޓަރިއަށް ވަނެވެ. ފަހަތުން އެ އަންހެން މީހާ ވެސް ވަނެވެ. ނަޒީރު ގަމީހުގެ ގޮށުގައި ހިފައިލިއެވެ. އަނެއް އަތުން ދޮރު ލައްޕާލިއެވެ. އަހަންނަށް ހީވީ އަހަރެންގެ ހަޔާތުގެ ދޮރު ވެސް ލައްޕާލިހެންނެވެ. "އިއްޒަތްތެރި ގާޒީ، އަޅުގަނޑު ވަރަށް ކެތްކުރިން. އެކުގައި އުޅެން ވަރަށް މަސައްކަތްކުރިން. އެކަމަކު ރާމިޒާ އެގޮތް ބޭނުން ނުވީ. އެނޫން ގޮތެއް ނެތިގެން އަޅުގަނޑު އެހެން ގޮތެއް ޚިޔާރުކުރީ."

އަހަންނަށް ލޯ ހުޅުވާލެވުނެވެ. އިނދެވުނީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައެވެ. ވާހަކަދައްކަމުން ދިޔައީ ނަޒީރެވެ. "އަޅުގަނޑުގެ ގަޔަށް ބޮލަށް އަރައި، އަނިޔާކޮށް މާރާމާރީ ހިންގި. ބައްލަވާ މިއީ އަނބިމީހާގެ ހަމަލާއެއް،" ނަޒީރުގެ މުލައްދަނޑީގައިވާ ބިޔަ ލަކުނު ދައްކާލިއެވެ. "އެއްވެސް ކަމެއް ނެތި، ވަޅި ހަރައިފަ. ކިހިނެއް މިވަރުން އުޅޭނީ؟"

"ފޯމުގައި އެބައޮތް އަނބިމީހާގެ ކުރިމަތީގައި ހިލޭ އަންހެނުން ގެންގުޅުނުކަން." ގާޒީ ސުވާލުކޮށްލިއެވެ. "ބައްލަވާ! އަނބިމީހާގާތު އަޅުގަނޑު އެތައް ފަހަރަކު ބުނިން ދެވަނަ ކައިވެންޏެއް ކުރި ވާހަކަ. އެކަމަކު ގަބޫލެއް ނުކުރި. އެންމެފަހުން ހަގުއަނބި ގެއަށް ގެނައީމަ ވެސް ގަބޫލެއް ނުކުރި. ދެން އެކަން ސާބިތުކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން." ނަޒީރު އިސްޖަހައިގެން ހުރެ ބުނެލިއެވެ. އަހަންނަށް ކޮންމެ ވެސް ވަރަކަށް ކަންކަން ފަހުމުވާން ފެށިއެވެ. ނަޒީރު ގެނައި އަންހެން ކުއްޖާއެއީ އޭނާގެ ހަގުއަނބިކަމެވެ.

އެހައި ހިސާބުން ބޮލަށް އުނދަގޫވާން ފެށިއެވެ. ހީވަނީ ބޯފަޅައިގެންދާން އުޅޭހެންނެވެ. ޝަރީއަތުގެ މަޖިލީހުގައި ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް ސާފެއް ނުވިއެވެ.

މިއަދު މި ހިނގަނީ އެ މައްސަލައިގެ ހުކުމް އިއްވާނެ މަޖިލީހެވެ. އެކަން ކުރީން އޮތީ އަންގައިފައެވެ. ފަހު ބަހަކަށް ވެސް ނަޒީރު ބުނީ އޭނާ ހިތްވަރު ކުރި ކަމެވެ. އެކުގައި އުޅެން ވަރަށް މަސައްކަތްކުރިކަމެވެ. ނަމަވެސް މިހާރު އެކަން ކުރެވެން ނެތް ވާހަކައެވެ.

"ހަގުއަނބި އިނީ ބަލިވެ ކަން އެނގިއްޖެ ނަމަ އޭނާއަށް އެކަމެއް ހަޖަމެއް ނުވާނެ." ނަޒީރު ލަސްލަހުން ބުނެލިއެވެ.

އަހަންނަށް ބަލައިލެވުނީ ނަޒީރުގެ މޫނަށެވެ. ކުއްތާއެއް ފުންމާގަންނަ ފަދައިން އަހަންނަށް މޭޒު މައްޗަށް ފުންމާގަނެވުނު ކަމުގެ އިހުސާސްކުރެވުނެވެ. ގާޒީގެ މޫނަށް ބަލައިލަމުން ނަޒީރުގެ މޫނަށް ބަލައިލެވުނެވެ. ނަޒީރުގެ ގާތުގައި އިން އޭނާގެ ހަގުއަނބީގެ ބަނޑަށް ބަލައިލެވުނެވެ. ރުޅި ގަދަވިއެވެ. ފުއްޕާލެވުނެވެ. ބޭނުންވަނީ ބަނޑު ކޮނެގެން ދަރިފުޅު ނަގައި އެއްލައިލާށެވެ. ނޮޅައި ކާލާށެވެ.

އަހަންނަށް ލޯހުޅުވާލެވުނެވެ. ވަށައިގެން ބަލައިލެވުނެވެ. ނަޒީރު ކޮބައިތޯއެވެ. ގާޒީ ކޮބައިތޯއެވެ. އެއްވެސް މީހަކު ނެތެވެ. މީހެއްގެ ހިލަމެއް ވެސް ނެތެވެ. މޭމަތީގައި އޮތް ވާހަކަފޮތް އަރިއަޅައިލިއެވެ. ފޮތް ނަގައި ފަތްޖަހައިލެވުނު ގަނޑު ރީތިކޮށްލީމެވެ. ފުރަތަމަ ޖުމުލަ އަނެއްކާ ވެސް ކިޔައިލީމެވެ.

ފުންކޮށް ވިސްނައިލީމެވެ. ވާހަކަ ކިޔަން އޮއްވާ ލޮލަށް ނިދި ސަވާރުވިކަން ކަށަވަރުވިއެވެ. މި ހުރިހާ އިރު މި އުޅެވުނީ ހުވަފެނެއްގައެވެ. ދެވަނަ ސިކުންތުގައި ބިރުގަންނަ ގޮތްވިއެވެ. ނަޒީރު ފުރައިގެން ދިޔައީ މިއަދު ކަމަށްވާތީއެވެ. އޭނާ އެނބުރި އަންނަ އިރު ހުވަފެނުގައި ކަންކަންވީ ގޮތަށް ކަންކަން ބަދަލުވެދާނެތީއެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އަހަރުމެންގެ ދަރިފުޅަށް މިހާރު ދެ އަހަރު ވެއްޖެއެވެ. ނަޒީރު އެ ދިޔައީ ބޭރަކަށް ވެސް ނޫނެވެ. ރާއްޖެތެރެއަށެވެ. އެ ވެސް ދެ ދުވަހަށެވެ. ވާހަކައިގެ ފެށުން ކިޔުނު އިރަށް ނިދިއައުމުން ވާހަކައިގެ ފެށުމާ ގުޅޭ ކަހަލަ ހުވަފެނެއް ފެނުނީއޭ ހިތްބުނެލިއެވެ. މި ވަރަށް ހެއްވާ ކަމަކަށް ވެސް ވެދާނެއެވެ. ޤަބޫލުކުރަން ދަތި ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް، މިއީ ވެސް ބައެއް ފަހަރު ދިމާވާ ކަމެކެވެ. ބައެއް ފަހަރު އަސާސެއް ބިލާހުން އިބިލީސް މަޅީގައި ޖައްސާއެވެ. މިއީ ވެސް ހަމަ އިބިލީސް ދެއްކި ހުވަފެނެކެވެ. އަސާސެއް ނެތް ބިލާހެކެވެ. ގަޑި ބަލައިލީމެވެ. އޭރު ފަތިސް ނަމާދު ބަންގި ގޮވަން މުދިންބެ ކަރު ކެހިލި އަޑު އިވުނެވެ. ހިނިތުންވެލައިގެން ތެދުވެ ފާޚާނާއަށް ދިޔައީމެވެ. (ނިމުނީ)