Advertisement

ނައީމާގެ މަރުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

28 މޭ 2023 - 21:34 0


ނައީމާގެ މަރުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

28 މޭ 2023 - 21:34 0

ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ ނައީމާ މޫސާ، 62 މަރުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ، ވިނަރެސް، ހަސަން ފަވާޒެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ މާލޭގައި އުޅެމުން ދަނިކޮށް ކޯޓު އަމުރެއްގެ ދަށުން، މިރޭ 9:00 ހާއިރު އެވެ.

މި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މަނަދޫން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެ މީހުން އެ ރަށުތެރޭގައި އުޅުނު ޕްރައިވެޓު ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި މައްސަލައާ ގުޅުން ހުރި އެހެނިހެން ހެކި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

ނައީމާ، އޭނާ ދިރިއުޅެމުންދިޔަ ގޭތެރޭގައި މަރާލާފައި އޮއްވައި ފެނިފައިވަނީ އޭޕްރީލް 7 ވަނަ ދުވަހު އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރުމަށް ފަހު ހުކުރު ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރަކާއި ނައީމާއަށް ހަަމަލާ ދިން ވަގުތު ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ ތަކެތި ހޯދީ ވަޅުލައި، އަންދާލާފައި ހުއްޓަ އެވެ.

"މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުރިބާކާރު، އިންސްޕެކްޓަ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހުރުވެރިކަމާއެކު ފާހަގަކުރަން،" ހަމީދު ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގަށް މަނަދޫން ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލްނެގި އެވެ.