Advertisement

ސަލާހުގެ މުސްތަގުބަލާ މެދު ކްލޮޕްގެ ކަންބޮޑުވުމެއް ނެތް

27 މޭ 2023 - 09:46 0


ސަލާހުގެ މުސްތަގުބަލާ މެދު ކްލޮޕްގެ ކަންބޮޑުވުމެއް ނެތް

27 މޭ 2023 - 09:46 0

ލިވަޕޫލް (މެއި 27) - އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ކޮލިފައިނުވާތީ އެ ޓީމުގެ ތަރި، މުހައްމަދު ސަލާހު ކަންބޮޑުވުން ފާޅުކޮށްފައިވިޔަސް، އޭނާގެ މުސްތަގުބަލާ މެދު ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލް މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުން ނިންމާނީ ފަސް ވަނައިގަ އެވެ. މިއާ އެކު، އެ ޓީމުން ކުޅެން ޖެހޭނީ ޔޫރަޕްގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޔޫރޮޕާ ލީގުގަ އެވެ.

ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމަކީ ލިވަޕޫލްގެ ފެންވަރެއް ނޫން ކަމަށާއި ގިނަ ކަންކަން ކްލަބްގައި ރަނގަޅުކުރަން ބޭނުންވާ ކަހަލަ މޭރުމަކުން ސަލާހު، 30، ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް ޕޯސްޓްކޮށްފަ އެވެ.

އެ ޕޯސްޓަށް އިޝާރާތްކޮށް ނޫސްވެރިއަކު ކްލޮޕަށް ކުރި ސުވާލުގެ ޖަވާބުގައި ބުނީ ސަލާހުގެ މުސްތަގުބަލު އޮތީ ލިވަޕޫލާ އެކު ކަން ޔަގީންވާ ކަމަށެވެ.

ކްލޮޕް ބުނީ ސަލާހު މީޑިއާގައި ޕޯސްޓްކުރި މެސެޖް ނުކިޔާ ކަމަށާއި އެހެން ނަމަވެސް އޭގެ ވާހަކަތައް އެކި ގޮތަށް އަޑުއިވިފައިވާ ކަމަށެވެ. އެހެންކަމުން، ވަކި ގޮތެއް އޭނާ ކަނޑަނާޅާނެ ކަމަށާއި ފެންނަން އޮތް ކަމަކީ ސަލާހު ލިވަޕޫލާ އެކު ކޮންޓްރެކްޓެއްގައި ސޮއިކޮށް، މުސްތަގުބަލާ މެދު ޕޮޒިޓިވްކޮށް ހުރި ކަމަށެވެ.

"މިސާލަކަށް ކުޅުންތެރިއަކު ގާތުގައި ބުނަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވާތީ ޓީމު ދޫކޮށްލަން ބޭނުމޭ. އެހެންވިއްޔާ، އަހަރެން އަމިއްލަ އަށް ކާރުގައި އެ ކުޅުންތެރިއަކު އެހެން ތާކަށް ގެންގޮސްދޭނަން،" ކްލޮޕް ބުންޏެވެ.

"ސަލާހު މި ޓީމުގައި ހުރީ އުފަލުން. އޭނާ މި ޓީމާ އެކު ހާސިލްކުރަން ބޭނުންވާ ގިނަ ކަންކަން އަދިވެސް އެބަހުރި،"

މިދިޔަ އަހަރުގެ ޖުލައި މަހު ސަލާހު ވަނީ ލިވަޕޫލާ އެކު އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ސަލާހު ވަނީ 50 މެޗުން 30 ގޯލު ޖަހައި، 15 ގޯލު ޖަހަން .ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މިއީ، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ކްލޮޕްގެ އިރުޝާދުގެ ދަށުން އެ ޓީމުން ފުލް ސީޒަނެއް ކުޅުނުއިރު، ގަދަ ހަތަރަކުން ބޭރުން އެ ޓީމު ލީގު ނިންމާލި ފުރަތަމަ ފަހަރެވެ.

ލިވަޕޫލަށް ހަތް އަހަރު ކޯޗުކޮށްދިން ކްލޮޕް ބުނީ ޗެމްޕިއަންސް ލީގުގައި އެ ޓީމު ނެތް ކަމުގައި ވިޔަސް ޔޫރޮޕްގައި އެބައޮތް ކަމަށާއި ޕޮޒިޓިވްކޮށް ހުރި ކަންކަމަށް ފޯކަސްކޮށް، ރަނގަޅު ހުރި ކަންތައްތަކަށް ޓީމެއްގެ ގޮތުގައި ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.