Advertisement

އަމާޒަކީ ދީނީ އިލްމު ފަތުރާ އެންމެ ބޮޑު ސަރަހައްދީ މަރުކަޒަށް އައިޔޫއެމް ހެދުން: ރައީސް

26 މޭ 2023 - 13:36 0

އިސްލާމިކް ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް


އަމާޒަކީ ދީނީ އިލްމު ފަތުރާ އެންމެ ބޮޑު ސަރަހައްދީ މަރުކަޒަށް އައިޔޫއެމް ހެދުން: ރައީސް

26 މޭ 2023 - 13:36 0

މި ސަރުކާރުގެ އަމާޒަކީ އިސްލާމީ ޔުނިވާސިޓީއަކީ އިސްލާމްދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރާ މި ސަރަހައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވާސިޓީން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ.

"ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރަމްޒުކޮށްދޭ އެންމެ އުސް އެއް މަލަ، އަދި ރާއްޖޭގައި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ފެތުރުމުގައި، މި ޔުނިވަސިޓީން އަދާކޮށްފައިވަނީ، އަދި އަދާކުރަމުން އަންނަނީ ވަރަށް މަތީ ދައުރެއް،" ރައީސް ވިދާޅުވި އެވެ.

އައިޔޫއެމްގެ ތަރައްގީއާ ލާބައަށް ޓަކައި ކުރަން ޖެހުނު ހުރިހާ ކަމަކަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސީޓީން ދަސްވެނިވުނު ދަރިވަރުން. -- ފޮޓޯ: ރައީސް އޮފީސް


"މިއަދުގެ ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ޔުނިވަރސިޓީއަކީ އިސްލާމްދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރައި، މި ސަރަހައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން،" ރައީސް ވިދާޅުވި އެވެ.

ދަސްވެނިންނަށް މުހާބަތު ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކަށް އަބަދުވެސް ބަލަން ޖެހޭ ކަމަށާއި އޭގެ ތެރެއިން މި ގައުމަށް އެންމެ ފައިދާ ހުރި ކަންކަން ދެނެގަނެ، އެކަންކަމުގެ ބޭނުން ހިފުމަށް ތައްޔާރަށް ތިބެން ޖެހޭ ކަމަށެވެ.

"އެ މިންވަރަށް ތައްޔާރުވެ ތިބެވޭނީ، ޒަމާނީ އިލްމު ހޯދައި، އަޅުގަނޑުމެންގެ ވިސްނުން ތަރައްގީކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވަނީ އެ ޔުނިވާސިޓީން އެކި ދަރަޖައިގައި ދަސްވެނިވި 709 ދަރިވަރުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް ހާސިލް ކުރި ނުވަ ދަރިވަރަކަށް އިނާމާއި ސެޓްފިކެޓު ދީފަ އެވެ.