Advertisement

ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އިނިއެސްޓާގެ އަދިއެއް ނެތް

26 މޭ 2023 - 06:16 0


ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އިނިއެސްޓާގެ އަދިއެއް ނެތް

26 މޭ 2023 - 06:16 0

ޓޯކިއޯ، ޖަޕާން (މެއި 26) - ޖަޕާންގެ ވިސެލް ކޯބޭއާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވުމުގެ ކުރިން އެ ކްލަބު ދޫކޮށްލަން ނިންމިޔަސް، ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ސްޕެއިންގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ބުނެފި އެވެ.

ކޯބޭއާ އެކު އިނިއެސްޓާ ،39، ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ މި އަހަރުގެ ނިޔަލަށެވެ. އެކަމަކު، މި އަހަރު މަދު މެޗުތަކެއްގައި ކުޅެފައިވާ އިނިއެސްޓާ ވަނީ ޖުލައި މަހު އެ ކްލަބާ ދުރަށް ދާން ނިންމައިފަ އެވެ.

މި ސީޒަންގައި އިނިއެސްޓާ ތިން މެޗެއްގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ތިން މެޗުން އޭނާ އަށް ކުޅެވުނީ ޖުމްލަ 38 މިނިޓެވެ.

ބާސެލޯނާގައި ގިނަ އަހަރުތަކެއް ހޭދަކުރި އިނިއެސްޓާ ބުނީ ކޯބޭ ދޫކޮށް، އޭނާ ދެން ކުޅޭނެ ޓީމެއް އަދި ނޭނގޭ ކަމަށެވެ.

"އަހަރެން ބޭނުންވަނީ އަހަރެންނަށް ކުޅެން ވެސް ފުރުސަތު ލިބޭ ޓީމެއްގައި ރިޓަޔާކުރަން. މި ވަގުތު މި ކްލަބުގައި އެކަން ކުރުމަކީ އުނދަގޫކަމެއް،" ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްފައިވާ އިނިއެސްޓާ ބުންޏެވެ.

ބާސެލޯނާ ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު އިނިއެސްޓާ ކޯބޭ އަށް ބަދަލުވީ 2018 ވަނަ އަހަރެވެ. އިނިއެސްޓާ ބުނީ ކޯބޭ ދޫކޮށްލުމަކީ އޭނާ އަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

"އަހަރެން އަބަދުވެސް އުންމީދުކުރީ މި ކްލަބުގައި ރިޓަޔާކުރެވޭނެ ކަމަށް. އެކަމަކު އުންމީދުކުރި ގޮތަކަށް ނޫން ކަންތައްތައް މިދިޔައީ،" އިނިއެސްޓާ ބުންޏެވެ.

ބާސެލޯނާއާ އެކު، އިނިއެސްޓާ 32 ތަށި އުފުލާލައިފަ އެވެ. އަދި އިނިއެސްޓާ ވަނީ ސްޕެއިނާ އެކު 2008، 2012 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2010 ވަނަ އަހަރު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.