Advertisement

37 އަހަރު ފުރުނު ދުވަހު އިނިއެސްޓާ ކޮންޓްރެކްޓް އާކޮށްފި

11 މޭ 2021 - 14:19 0

ވިސެލް ކޯބޭގެ މެޗެއްގެ ތެރެއިން އިނިއެސްޓާ.-- ފޮޓޯ: އޭއެފްޕީ


37 އަހަރު ފުރުނު ދުވަހު އިނިއެސްޓާ ކޮންޓްރެކްޓް އާކޮށްފި

11 މޭ 2021 - 14:19 0

ޓޯކިޔޯ (މެއި 11) - ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އަށް 37 އަހަރު ފުރުނު ދުވަހު އިތުރު ދެ އަހަރަށް އޭނާ މިހާރު ކުޅެމުން އަންނަ ޖަޕާނުގެ ވިސެލް ކޯބޭގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.

ވިހި އަހަރު ބާސެލޯނާ އަށް ކުޅުމަށް ފަހު އިނިއެސްޓާ ވިސެލް ކޯބޭ އަށް ބަދަލުވީ 2018 ވަނަ ދުވަހު އެވެ. އެ ފަހަރު އޭނާ ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުން އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ. މިއަދު އެ ސޮއިކުރި ކޮންޓްރެކްޓް ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އިނިއެސްޓާ ބުނީ ވިސެލްއާ އެކު ކޮންޓްރެކްޓް އާ ކުރީ މިއީ މި ވަގުތަށް ބަލާއިރު އޭނާ އަށް އެންމެ ރަނގަޅު ނިންމުންކަމަށް ފެންނާތީ ކަމަށެވެ.

"ތިން އަހަރު ކުރިން އަހަރެން އާ ޗެލެންޖެއް ބޭނުންވެގެން މި ޓީމާ ގުޅުނީ. އުނދަގޫ ދުވަސްތަކެއް ހޭދަކޮށްފައި މިހާރު އަހަރެން މި ހުރީ އުފަލުން. އަހަރެން ބޭނުންވަނީ މި ޕްރޮޖެކްޓް ކުރިއަށް ގެންދަން. އަހަރެންގެ އެންމެ ބޮޑު އުފަލަކީ ތިން އަހަރު ފަހުން ވެސް މި ކްލަބުން އަަހަންނަށް އޮތް އިތުބާރަށް ބަލަން ނާންނަކަން،" ކޮންޓްރެކްޓް އާ ކުރުމަށް ފަހު އިނިއެސްޓާ ބުންޏެވެ.

ވިސެލްއާ އެކު އިނިއެސްޓާ ވަނީ 2019 ވަނަ އަހަރު ޖަޕާނުގެ އެމްޕަރާ ކަޕާއި މިދިޔަ އަހަރު ޖަޕާނުގެ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

ވަރަށް ފަހުން ވެސް އިނިއެސްޓާ ހޯދަން އާޖެންޓީނާ އާއި ޗައިނާގެ ބައެއް ކްލަބްތަކުން މަސައްކަތްކުރި އެވެ. އެ ގޮތުން އެންމެ ބޮޑަށް އިނިއެސްޓާގެ ސޮއި ހޯދޭތޯ މަސައްކަތްކުރީ އާޖެންޓީނާގެ އެސްޓޫޑިއާންޓެސް އިންނެވެ. އެސްޓޫޑިއާންޓޭސް އަށް ކުޅުމަށް ފަހު މިދިޔަ އަހަރު ފުޓްބޯޅަ އިން ރިޓަޔާކުރި އާޖެންޓީނާގެ މިޑްފީލްޑަރު ހަވިއޭ މަޝެރާނޯ ވަނީ އިނިއެސްޓާ އާޖެންޓީނާ ކްލަބަކަށް ގެންދަން މަސައްކަތްކުރާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. މަޝެރާނޯ ވަނީ އިނިއެސްޓާއާ އެކު ބާސެލޯނާ ޓީމަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ބާސެލޯނާއާ އެކު އިނިއެސްޓާ 32 ތަށި އުފުލާލައިފަ އެވެ. އަދި އިނިއެސްޓާ ވަނީ ސްޕެއިނާ އެކު 2008، 2012 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2010 ވަނަ އަހަރު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.