Advertisement

އޭޝިއާގައި 2030 ނޫނީ 2034 ގައި ފީފާ ވޯލްޑް ކަޕެއް ބާއްވަން ބިޑްކުރަނީ

24 މޭ 2023 - 06:41 0

އޭއެފްސީގެ ރައީސް ސަލްމާން (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ.


އޭޝިއާގައި 2030 ނޫނީ 2034 ގައި ފީފާ ވޯލްޑް ކަޕެއް ބާއްވަން ބިޑްކުރަނީ

24 މޭ 2023 - 06:41 0

ބެއިރޫތު، ލެބަނަން (މެއި 24) - އޭޝިއާގައި 2030 ނޫނީ 2034 ވަނަ އަހަރު ފީފާ ވޯލްޑް ކަޕެއް ހޯސްޓް ކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް، އޭއެފްސީގެ ރައީސް ބަހްރޭންގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އެލް ހަލީފާ ވިދާޅުވެއްޖެ އެވެ.

ގިނަ ފާޑުކިޔުންތަކެއް ހުޅަނގުގެ ގައުމުތަކުގެ ފަރާތުން އަމާޒުވި ނަމަވެސް ނިމިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހު ގަތަރުގައި ހޯސްޓް ކުރި ފީފާ ވޯލްޑް ކަޕް ވެގެންދިޔައީ ގިނަ ގޮތްގޮތުން އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ކަމަށް ފީފާ އިން ވެސް ވަނީ ބުނެފަ އެވެ. މިއީ، އަރަބި ގައުމެއްގައި ވޯލްޑް ކަޕެއް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ގަތަރުގެ ކުރިން އޭޝިއާގައި ހޯސްޓްކުރި ހަމައެކަނި ވޯލްޑް ކަޕަކީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާން ގުޅިގެން ހޯސްޓްކުރި ވޯލްޑް ކަޕް އެވެ.

އޭޝިއާ އިން ދެން ވޯލްޑް ކަޕެއް ބާއްވަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ ގައުމަކީ ސައުދީ އަރަބިއްޔާ އެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާގެ ތަރައްގީގެ ބޮޑު ޕްރޮޖެކްޓް، "ވިޝަން 2030" ގެ ތެރެއިން އެ ގައުމުގައި ވޯލްޑް ކަޕް ބޭއްވުމަށް ކުރާ މަސައްކަތަށް އޭއެފްސީން ވެސް އެއްބާރުލުން ދެއްވާނެ ކަމުގެ އިޝާރާތެއް ޝެއިހް ސަލްމާން ވަނީ އެކި އެކި ހަފްލާތަކުގައި ވާހަކަ ދެއްކެވިއިރު ދެއްވައިފަ އެވެ.

"ސައުދީ އަރަބިއްޔާގެ އެބަހުރި ވޯލްޑް ކަޕް ފަދަ މުބާރާތެއް ހޯސްޓްކުރެވޭނެ ފެންވަރު، އޭޝިއާ އިން އަނެއްކާ ވެސް ވޯލްޑް ކަޕެއް ހޯސްޓްކުރަން ޖެހޭ ވަގުތު އަންނާނެ. އެކަމަކު، އަހަރެމެން ޔަގީންކަމާ އެކު އެބަ ނިންމަންޖެހޭ ދެން އޭޝިއާ އިން ވޯލްޑް ކަޕެއް ބޭއްވުން އެންމެ ރަނގަޅުވާނީ 2030 ނޫނީ 2034 ގައި ތޯ،" ލެބަނަން އާއި ސީރިއާ އަށް ޝެއިހް ސަލްމާން ކުރައްވާ ދަތުރުގެ ތެރެއިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސަލްމާން ވިދާޅުވި އެވެ.

"މިސާލަކަށް 2030 ގައި އަހަރެމެން ވޯލްޑް ކަޕް ބާއްވަން ބޭނުންވާ ހާލަތެއް އޮތިއްޔާ ކީއްވެ ނުކުރަންވީ،"

މިހާރު އޮތްގޮތުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އޮތީ ތިން ޖޮއިންޓް ބިޑެއް ތައްޔާރުވެފަ އެވެ. އެ ގޮތުން، އެއް ބިޑަކީ، ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެން ކުރާ ބިޑެކެވެ. އަނެއް ބިޑްގައި ބައިވެރިވަނީ ދެކުނު އެމެެރިކާގެ ހަތަރު ގައުމު ކަމަށްވާ އާޖެންޓީނާ، ޗިލީ، ޕެރަގުއޭ އަދި އުރުގުއޭ އިން ޖޮއިންޓް ކޮށެވެ.

ވޯލްޑް ކަޕް ބާއްވަން ބިޑްކުރަން ސައުދީ އަރަބިއްޔާ އިން ވިސްނުން ގެންގުޅޭ އެއްގޮތަކީ އަމިއްލަ އަށް ސިންގަލް ބިޑެއް ކުރުމެެވެ. އެކަމަކު، ސައުދީ އަރަބިއްޔާ އިން އަންނަނީ މިސްރާއި ގްރީސްއާ ގުޅިގެން ޖޮއިންޓް ބިޑެއް ކުރުމަށް ވެސް ވިސްނަމުންނެވެ.