Advertisement

ދޫނި ރޯގާ ފެތުރޭތީ ބްރެޒިލްގެ ޖަނަވާރުތަކަށް ކުއްލި ހާލަތު އިއުލާންކޮށްފި

އެންމެ ގިނައިން ކުކުޅު އެކްސްޕޯޓް ކުރާ ގައުމަކީ ބްރެޒިލް.


ދޫނި ރޯގާ ފެތުރޭތީ ބްރެޒިލްގެ ޖަނަވާރުތަކަށް ކުއްލި ހާލަތު އިއުލާންކޮށްފި

ސައޯ ޕައޯލޯ، ބްރެޒިލް (މޭ 23) - އެންމެ ގިނައިން ކުކުޅު އެކްސްޕޯޓް ކުރާ ބްރެޒިލްގައި ދޫނި ރޯގާގެ އަށް ކޭސް ފެނުމުން ޖަނަވާރުތަކަށް ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ކުއްލި ހާލަތު އިއުލާން ކުރީ 180 ދުވަހަށެވެ. އޭގެ ބޭނުމަކީ ދޫނި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް އިންސާނުންނާއި ޖަނަވާރުން ހިމާޔަތް ކުރުން ކަމަށް ބުންޏެވެ.

އެންމެ ފުރަތަމަ މި ބަލި ފެނުނީ މީގެ ދެ ހަފުތާ ކުރިންނެވެ. ހޯމަ ދުވަހު އިތުރު ތިން ކޭސް ފެނުމާ އެކު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ.

އެ އަށް ކޭސްގައި ވެސް ހިމެނެނީ ވަލު ދޫނިތަކެވެ. ކުއްލި ހާލަތު އިއުލާން ކުރީ ކޮށީގައި ގެންގުޅޭ ދޫނިތައް ބަލިން ހިމާޔަތް ކުރުމުން ގޮތުންނެވެ.

މިދިޔަ އަހަރު ދުނިޔޭގެ މާކެޓަށް ނެރުނު ކުކުޅުގެ 35 ޕަސެންޓު އައީ ބްރެޒިލްއިންނެވެ. މިހާރު ފެތުރެމުންދާ ދޫނި ރޯގާގެ ކޭސްތައް އެންމެ ފުރަތަމަ ފެނުނީ 2021 ގައި ކެނެޑާއިންނެވެ.

އޭގެ ފަހުން އެމެރިކާ އާއި ދެކުނު އެމެރިކާ ބައްރުގެ ގައުމުތަކަށް ވަނީ ފޯރައިފަ އެވެ. ދޫނި ރޯގާއަށް ފަރުވާއެއް ނެތް އިރު، އާއްމު ގޮތެއްގައި އެ ބަލި ޖެހޭ ޖަނަވާރުތައް މަރުވެ އެވެ.

ދޫނި ރޯގާއިން އާއްމުކޮށް އިންސާނުންނަށް އަސަރު ނުކުރި ނަމަވެސް، ބައެއް ހާލަތްތަކުގައި އިންސާނުންނަށް އެ ވައިރަހުގެ އަސަރުކޮށްފައިވެ އެވެ.