Advertisement

ބޯޓު މައްސަލާގައި އެފްއެސްއެމްގެ ދެ އޮފިޝަލުން އެރިޓްރިއާއަށް ދަނީ

23 މޭ 2023 - 13:49 1

ނިމާ ހަސަން

ނިމާ ހަސަން

އެރިޓްރިއާގެ ޕޯޓެއް; މޫސުން ގޯސްވެގެން ބަނދަރު ކުރުމުން އެ ގައުމުން ވަނީ ރާއްޖޭގެ ތިން ބޯޓު ހިފަހައްޓާފައި


ބޯޓު މައްސަލާގައި އެފްއެސްއެމްގެ ދެ އޮފިޝަލުން އެރިޓްރިއާއަށް ދަނީ

23 މޭ 2023 - 13:49 1

މޫސުން ގޯސްވެގެން ބަނދަރު ކުރުމުން ހިފެހެއްޓި ބޯޓުތަކުގެ މައްސަލާގައި ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއެކު, އެފްއެސްއެމްގެ މެނޭޖްމަންޓުދެ ދެ އޮފިޝަލުން އެރިޓްރިއާއަށް ދާން ނިންމައިފި އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު 'އަދަދު'އަށް ވިދާޅުވީ, އެރިޓްރިއާގައި އެ ކުންފުނީގެ ދެ ބޯޓު ހިފަހައްޓާފައި އޮތް މައްސަލާގައި ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއެކު މެނޭޖްމަންޓްގެ ދެ ބޭފުޅުން, އެރިޓްރިއާގެ ސަރުކާރާ މަޝްވަރާ ކުރަންދާން ހަމަޖެހިފައިވާ ކަމަށެވެ.

ގަސަމް ވިދާޅުވީ އެރިޓްރިއާ ދަތުރުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށާއި, ދެވޭނެ ތާރީހު އަދި ނޭނގޭ ކަމަށެވެ. އެރިޓްރިއާއަށް ދިއުމުގައި މިހާރު ކުރިއަށް ދަނީ ވިސާގެ ހަމަޖެއްސުމުގެ ކަންކަމެވެ.

"އަޅުގަނޑުމެންގެ ދެ ބޯޓުގައި ތިބޭނީ ޖުމްލަ ހަ ފަޅުވެރިން. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިން. ފަޅުވެރިންގެ ހާލު މިދަނީ ގާތުން ބަލަމުން, ހާލު ރަނގަޅު," ގަސަމް ވިދާޅުވި އެވެ.

އެފްއެސްއެފްގެ ދެ ބޯޓާއި, ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓެއް ހިމެނޭހެން އެރިޓްރިއާއިން ހިފަހައްޓާފައި ވަނީ ރާއްޖޭގެ ތިން ތެޔޮ ބޯޓެވެ.

އެ ބޯޓުތައް އެރިޓްރިއާގައި ހިފެހެއްޓީ، ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެ ގަައުމަށް ބަނދަރު ކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބަލައިފަ އެވެ. އެ ބޯޓުތައް ފަޅުވެރިންނާއެކު ތާށިވެފައި އޮންނަތާ މިހާރު ވަނީ ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެފަ އެވެ.

ނަމަވެސް ފޮރިން މިނިސްޓްރީއަށް އެ ގައުމުގެ ސަރުކާރާ ސީދާ މަޝްވަރާއަށް ދެވޭގޮތް ވަނީ ނުވެފަ އެވެ. އެހެންކަމުން, އެހެން ގައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުން އެ ގައުމުތަކުގައި ހުރި އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާ ސަރުކާރާ މަޝްވަރާ ކުރުމުގެ ކަންކަން ފޮރިން މިނިސްޓްރީން ދަނީ ކުރަމުންނެވެ.

އެރިޓްރިއާއާއި, ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ.