Advertisement

ވިޔަފާރި ގުޅުން ފުޅާކުރަން މޯދީ އޮސްޓްރޭލިއާއަށް ވަޑައިގެންފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް މަރުހަބާ ކިޔަނީ. -- ފޮޓޯ: އޭއެފްޕީ


ވިޔަފާރި ގުޅުން ފުޅާކުރަން މޯދީ އޮސްޓްރޭލިއާއަށް ވަޑައިގެންފި

ސިޑްނީ، އޮސްޓްރޭލިއާ (މޭ 22) - އިންޑިއާ އާއި އޮސްޓްރޭލިއާގެ ވިޔަފާރި ގުޅުން ވަރުގަދަ ކުރުމަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހޯމަ ދުވަހު އޮސްޓްރޭލިއާއަށް ވަޑައިގެންފި އެވެ.

އޭޝިއާ ޕެސިފިކްގެ ގައުމުތަކަށް މޯދީ ފެއްޓެވި ދަތުރުގެ އެންމެ ފަހު ގައުމެއްގެ ގޮތުގައި ހަމަޖެހިފައި އޮތީ ގިނަ އަދަދެއްގެ އިންޑިއާ މީހުން ދިރިއުޅޭ އޮސްޓްރޭލިއާ އެވެ.

އޮސްޓްރޭލިއާގެ 26 މިލިއަން މީހުންގެ ތެރޭގައި އިންޑިއާގެ 673،000 މީހުން ދިރިއުޅެ އެވެ. ދެ ގައުމުގެ ގުޅުމުގެ އެންމެ މުހިއްމު އަސާސަކީ ވެސް އެ ކޮމިއުނިޓީ އެވެ.

މިދިޔަ އަހަރު ދެ ގައުމުގެ ވިޔަފާރި 31 ބިލިއަން ޑޮލަރަށް އެރި އެވެ. މިދިޔަ ޑިސެމްބަރު މަހު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލު ކުރަން ފެށުމުން މި އަހަރު އެ އަދަދު އިތުރުވާނެ އެވެ.

ދެ ގައުމުގެ އުއްމީދަކީ ވިޔަފާރި ގުޅުން އިތުރަށް ވަރުގަދަ ކުރަން މި އަހަރު އާ އެއްބަސްވުމެއްގައި ސޮއިކުރުމެވެ. މޯދީ އާއި ބޮޑު ވަޒީރު އެންތަނީ އަލްބަނީޒްގެ މަޝްވަރާ އޮންނާނީ ބުދަ ދުވަހު އެވެ.

އޭގެ ކުރިން އަންގާރަ ދުވަހު، އިންޑިއާގެ ކޮމިއުނިޓީއާ ބައްދަލުކުރުމުގެ އިވެންޓެއްގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.