Advertisement

ފްލެޓް ވިއްކުމުގެ އޮޅުވައިލުންތަކަށް ސަރުކާރު ސަމާލުކުރުވަން ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައެއް ނުގަތް

22 މޭ 2023 - 10:43 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ގެދޮރު ސްކޭމް ސަރުކާރުގެ ސަމާލުކަމަށް ގެންނަން އޭނާ ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިނުގެން ވަނީ ބޭރުކޮށްލާފައި. ފޮޓޯ: މަޖިލީހުގެ އިދާރާ


ފްލެޓް ވިއްކުމުގެ އޮޅުވައިލުންތަކަށް ސަރުކާރު ސަމާލުކުރުވަން ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައެއް ނުގަތް

22 މޭ 2023 - 10:43 0

ރިއަލް އެސްޓޭޓް އުސޫލުން ފްލެޓް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށް ފަހު އިމާރާތްކޮށް ނިންމުން ލަސްކުރުމާއި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެފައި ވާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

ތިމަރަފުށި ދާއިރާގެ އެމްއެންޕީ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ ތެރެއިން 26 މެމްބަރަކު ވޯޓް ދެއްވީ އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެމްބަރެކެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް ރިޔާޒް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ ފްލެޓް ވިއްކަން، މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ހިންގަމުން އައި ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ. އެފަދަ ބައެއް އިމާރާތްތައް ނިންމައި މީހުންނަށް ފްލެޓް ދޭނެ ކަމަށް ބުނި ތާރީހުތައް ފަހަނައަަޅައި ގޮސް ލަސްވަމުން ދާތީ ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... އަދި މިގޮތަށް ލަސްވުމުގެ ސަބަބުން މިހާރު އުޅޭ ތަންތަނަށް ކުލިދެއްކުމުގެ ބުރަ ދެގުނަވެ، އާއްމު ރައްޔިތުން ބިކަވެފައި ވާއިރު ވެސް ކަމާ ބެހޭ އިދާރާތަކުން އަދި ބެލެވިވެރި ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާތަނެއް ނުފެނޭ،" ކުއްލި މައްސަލާގައި ރިޔާޒް ވިދާޅުވި އެވެ.

ފައިސާ ނެގުމަށް ފަހު ފްލެޓް ނުނިމި ލަސްވާ މައްސަލަ އަކީ އެފަދަ މަޝްރޫއުތައް ހަވާލުކުރާ އިރު ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ފްލެޓް ވިއްކުމުގެ ނަމުގައި ބައެއް ކުންފުނިތަކުން ނެގުމުގެ ސަބަބުން ބަންދުވެފައިވާ ފައިސާ އަކީ ރިޔާޒް ވިދާޅުވި ގޮތުގައި ބައެއް މީހުން އުމުރު ދުވަހު ކުރި މަސައްކަތުން އެއްކޮށްފައިވާ ފައިސާ އެވެ. އެގޮތަށް ދައްކާފައިވާ ފައިސާގެ ތެރޭގައި މީހުން ބޮޑެތި ލޯނުތައް ނަގައިގެން ދެއްކި ފައިސާ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިޔަފާރި އުސޫލުން ފްލެޓް ވިއްކަން ހުޅުމާލޭގައި އަޅާ ބަައެއް އިމާރާތްތަކުން އެއް ފްލެޓެއް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނެގި ކަަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން މިހާރު ވެސް އަންނަނީ ބަލަމުންނެވެ.