Advertisement

މި ދައުރު ހުށަހަޅާ ބިލުތަކުގެ ތެރޭގައި ޖޭއެސްސީ ބަދަލު ކުރުމެއް ނެތް

21 މޭ 2023 - 12:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން (ކ)، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (މ)، އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން (ވ)؛ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހަޅާ ބިލުތަކުގެ ލިސްޓުގައި ޖޭއެސްސީ ބަދަލުކުރުމެއް ނެތް - ފޮޓޯ: ރައީސް އޮފީސް


މި ދައުރު ހުށަހަޅާ ބިލުތަކުގެ ތެރޭގައި ޖޭއެސްސީ ބަދަލު ކުރުމެއް ނެތް

21 މޭ 2023 - 12:56 0

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގެ ފަހު އަހަރު ހިނގަމުންދާއިރު، ޖުޑިޝާލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުމުގެ ބިލު ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ފޮނުވަން ގަސްތުކުރާ ބިލުތަކުގެ ލިސްޓު އާންމުކޮށްފި އެވެ.

ޖޭއެސްސީގެ އެކުލެވުން ހިމެނޭ ގޮތަށް ޖުޑިޝަރީއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މި އަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާގައި، ރައީސް ސޯލިހުގެ ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެ ދައުރުގައި ހުށަހަޅުއްވާނެ ކަމަށެވެ.

ނަމަވެސް ފުރަތަމަ ދައުރު ނިންމައި، އޭޕްރީލް 27 ގައި މަޖިލިސް ޗުއްޓީއަށް ދިޔަ އިރު ވެސް މަޖިލީހުގެ ތަޅުމަށް އެ ބިލު ހުށަހަޅާފައެއް ނެތެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މި މަހުގެ ހަތަރުވަނަ ދުވަހު ވިދާޅުވީ ބިލުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މަޖިލިހުގެ ދެވަނަ ދައުރަށް ހުށަހަޅަން ސަރުކާރުން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް ރައީސް އޮފީހުން މިއަދު މީޑިއާތަކާ ހިއްސާކުރި އިރު ލިސްޓުގައި ޖޭއެސްސީގެ އެކުލެވުން ހިމަނާފައެއް ނެތެވެ. ބިލު ނެތުމުން ސުވާލުކުރުމުން މިއުވާން ވިދާޅުވީ އަދި ހުށަހަޅަން އެޖެންޑާގައި ނެތީ ކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ތިން ފަހަރު މަތިން އެ ކޮމިޝަނުގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް ބަދަލު ގެންނަން ބިލެއް ހުށަހަޅައިފަ އެވެ. ނަމަވެސް, އެމްޑީޕީގެ ސުޕަ މެޖޯރިޓީން ވަނީ އެ ތިން ފަހަރު ވެސް ބިލު ތަޅުމަށް ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.

ތިން ފަހަރު ވެސް ބިލު ހުށަހެޅުއްވި މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތިން ފަހަރު މަތިން ވެސް ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން އޭނާ ހުށަހެޅުއްވީ އޭރު ވެސް ވައުދު ފުއްދެވުމުގެ ނިޔަތް ރައީސް ސޯލިހުގެ ނެތް ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

"ސަރުކާރުން ހުށަހަޅާ ބިލުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުން ނެތީ، ރައީސް އިބުރާހީމްގެ އެ ވައުދު ފުއްދި އަވަދިވީމަތޯ،" ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ޓޮމް ލިޔުއްވާފައިވެ އެވެ.

ޖޭއެސްސީގެ އެކުލެވުން ބަޔާން ކޮށްފައި ވަނީ ގާނޫނު އަސާސީގަ އެވެ. އެ އެކުލެވުން ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހެ އެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނެވެނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ މެޖޯރިޓީންނެވެ. އެއީ 66 މެންބަރުންނެވެ.

މަޖިލީހުގައި ތިއްބެވީ ސަރުކާރަށް ތާއީދުކުރައްވާ 55 މެންބަރުންނެވެ. ރައީސް ނަޝީދު ހިމެނޭހެން "ފިކުރެއްގެ ދިރުން" ހަރަކާތަށް ތާއީދުކުރައްވާ 14 މެންބަރުން ތިއްބަވަ އެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އަށް މެންބަރުން، އެމްއެންޕީގެ ތިން މެންބަރުން، ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން، ސަރުކާރަށް ތާއީދުކުރާ އެމްޑީއޭގެ ދެ މެންބަރުން، އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ހަތަރު މެންބަރުން ހިމެނެ އެވެ.

ޖޭއެސްސީގެ އެކުލެވުމާ މެދު އޮތް ކަންބޮޑުވުން؛

ފެހި ގާނޫނު އަސާސީގެ ދަށުން ސެޕްޓެމްބަރު 4، 2008 ގައި އެކުލަވާލި ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވަ އެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.

މިހާރު އެ ކޮމިޝަންގައި ގިނައީ އެމްޑީޕީގެ ބޭފުޅުންނެވެ. ކޮމިޝަންގެ ރައީސަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ނައިބު ރައީސަކީ ރައީސް ސޯލިހުގެ މެންބަރަކަށް ކޮމިޝަންގައި އިންނަވާ މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުރަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވެސް އެ ކޮމިޝަންގައި އިންނަވަ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އެ ކޮމިޝަން މެދުވެރިކޮށް، ޖުޑިޝަރީއާއި ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް އަބަދުވެސް އަމާޒުވެ އެވެ.

ކޮމިޝަންގެ އެކުލެވުން ބަދަލުނުކޮށް އަދިވެސް ކުރިއަށްދާތީ، މިހާރު އޮތް ސަރުކާރަށް ވެސް އެ ތުހުމަތުތައް އަމާޒުވެ އެވެ. ހާއްސަކޮށް، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކަށް އެ ކޮމިޝަން މެދުވެރިކޮށް ނުފޫޒު ފޯރުވާ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.