Advertisement

އަންޗެލޮޓީ ބުނަނީ ރެއާލްގައި ދެމިހުންނާނެ ކަމަށް

21 މޭ 2023 - 06:24 0


އަންޗެލޮޓީ ބުނަނީ ރެއާލްގައި ދެމިހުންނާނެ ކަމަށް

21 މޭ 2023 - 06:24 0

މެޑްރިޑް (މެއި 21) - ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވަންދެން އެ ކްލަބުގައި ދެމިހުންނާނެ ކަމަށާއި އެ ކްލަބުން ވެސް ބޭނުންވަނީ އެ ގޮތް ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލާ އެކު އަންޗެލޮޓީ، 63، ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ އަންނަ އަހަރެވެ. އަންޗެލޮޓީ، ކޮންޓުރެކްޓް ހަމަވުމުގެ ކުރިން ރެއާލް ދޫކޮށް، ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން އުޅޭ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

އެކަަމަކު، އިޓަލީގެ ތަޖުރިބާކާރު ކޯޗު އަންޗެލޮޓީ ބުނީ ރެއާލާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވަންދެން އޭނާ ހުންނާނީ އެ ކްލަބުގައި ކަމަށެވެ. އަދި މަގާމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އެ ކްލަބުން ވެސް ދީފައިވާ ކަމަށެވެ.

"ކޮންޓުރެކްޓް އެބައޮތް 2024 ވަނަ އަހަރުގެ ނިޔަލަށް. އަހަރެން ބޭނުންވަނީ މި ކްލަބުގައި ދެމިހުންނަން،" އަންޗެލޮޓީ ބުންޏެވެ.

މަޝްހޫރު ގިނަ ކްލަބްތަކެއްގެ ބެންޗުން ފެނިފައިވާ، އަންޗެލޮޓީ ވަނީ މީގެ ކުރިން، 2013 އިން 2015 ވަނަ އަހަރާ ހަމައަށް ރެއާލަށް ކޯޗުކޮށްދީފަ އެވެ. އަދި ދެ ވަނަ ފަހަރަށް އެ ކްލަބުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ.

އަންޗެލޮޓީގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ރެއާލް އިން ވަނީ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.

އެކަމަކު، މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީ އަތުން ތަފާތު ބޮޑުކޮށް ބަލިވެ ރެއާލް ވަނީ މުބާރާތުން ކަޓައިފަ އެވެ. އަދި ސްޕެނިޝް ލީގުގައި އެ ޓީމު އޮތީ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާ އަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ.

މި ސީޒަންގައި އަންޗެލޮޓީ ވެސް އިރުޝާދުގެ ދަށުން ރެއާލް އިން ވަނީ ކޮޕާ ޑެލް ރޭ އާއި ޔުއޭފާ ސުޕަ ކަޕް އަދި ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

މި ސީޒަނާ ގުޅޭގޮތުން އަންޗެލޮޓީ ބުނީ މި ސީޒަން އަކީ ރެއާލަށް "ގޯސް ސީޒަނެއް ނޫން" ކަމަށެވެ. އެކަމަކު މި އަށް ވުރެ ނަތީޖާތައް ރަނގަޅުކުރެވޭނެ ކަމަށެވެ.

"ލަ ލީގާގެ ނަތީޖާތައް ރަނގަޅެއް ނޫން. އެކަމަކު ދެން އޮތް ފަސް މުބާރާތުގައި ރަނގަޅު ވާދައެއްކޮށް، ތިން މުބާރާތް ކާމިޔާބުކުރެވުނު،" އަންޗެލޮޓީ ބުންޏެވެ.

ސްޕެނިޝް ލީގުގައި މިރޭ ރެއާލުން ރަށުންބޭރުގައި ކުޅޭނީ ވެލެންސިއާއާ އެވެ.