Advertisement

ޓައިވާނަށް ސަފީރަކު ކަނޑައެޅަން ފޮނުވި ސިޓީއާ ގުޅިގެން މައާފަށް އެދެފި

19 މޭ 2023 - 22:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި ޗައިނާގެ ސަފީރު ވެންގް ލިޒިން :ޓައިވާނަށް ސަފީރަކު ކަނޑައެޅުމަށް ސިޓީ ފޮނުވި މައްސަލާގައި ރާއްޖެއިން ވަނީ މައާފަށް އެދިފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޓައިވާނަށް ސަފީރަކު ކަނޑައެޅަން ފޮނުވި ސިޓީއާ ގުޅިގެން މައާފަށް އެދެފި

19 މޭ 2023 - 22:06 0

ދިވެހިރާއްޖެއާ ހާރިޖީ ގުޅުން ނެތް އަދި މިނިވަން ގައުމެއްގެ ގޮތުގައި ނުދެކޭ ޓައިވާނަށް ސަފީރަކު ކަނޑައެޅުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވި މައްސަލާގައި ދިވެހި ސަރުކާރުން ޗައިނާގެ ކިބައިން މާފަށް އެދިއްޖެ އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލިޒިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފުސީލުކޮށްދީ، މައާފަށް އެދިފައިވާ ކަމަށެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ޒަމާނީ ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓައިވާނައަކީ ޗައިނާގެ މައި ސަރުކާރާ ވަކިން އަމިއްލަ ދައުތަލަތެއް ކަމަށް ދައުވާ ކުރާ ގައުމެކެވެ. ރާއްޖެއިން ޒަމާނުއްސުރެ އަންނަނީ ޗައިނާގެ 'ވަން ޗައިނާ ޕޮލިސީ' އަށް ތާއީދުކޮށް ދުނިޔޭގައި އޮންނަނީ އެއް ޗައިނާ ކަމަށް ބުނާ ބުނުމަށް ތާއީދުކުރަމުންނެވެ.

ނަމަވެސް، މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ރާއްޖެއިން 'ރިޕަބްލިކް އޮފް ޗައިނާ' ނުވަތަ ޓައިވާނަށް އަށް ސަފީރަކު އައްޔަނުކުރުމަށް ވަނީ އެދިފަ އެވެ. މި ސިޓީއަކީ ޗައިނާއަށް ނުވަތަ 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން މިހާރު ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖެއްސުމަށް މަޖިލީހަށް ފޮނުއްވި ސިޓީއެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓައިވާނަށް ސަފީރަކު ހަމަޖައްސަން އިއުލާނު ކުރެވުނީ ލިޔުމުގެ ކުށަކުންނެވެ.