Advertisement

ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާ އާއި ރޯމާގެ ކުރިމަތިލުމެއް

19 މޭ 2023 - 06:28 0

ސެވިއްޔާ މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު ލަމޭލާ އުފާފާޅުކުރަނީ.


ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާ އާއި ރޯމާގެ ކުރިމަތިލުމެއް

19 މޭ 2023 - 06:28 0

ރޯމް (މެއި 19) - ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ އާއި މިދިޔަ ސީޒަނުގައި ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދި، ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އިން ފުރުސަތު ހޯދައިފި އެވެ.

ޒަބީ އަލޮންސޯ ކޯޗުކަމާ ހަވާލުވެހުރި، ބަޔާ ލެވަކޫސަން ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޯމާ އިން ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެހެންކަމުން، ރޯމާ ފައިނަލަށް ދިޔައީ ދެ ލެގަށް ބަލާއިރު، 1-0 ގެ އެގްރިގޭޓުން ކުރި ލިބިގެންނެވެ.

ޔޫރޮޕާ ލީގުގެ އަނެއް ސެމީ ފައިނަލުގައި ސެވިއްޔާ އާއި ޔުވެންޓަސް ވަނީ 120 މިނިޓް ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ގޯލެއް ޖަހައި، ރޭ ސެވިއްޔާ އިން 2-1 އިން މޮޅުވިއިރު، އެގްރިގޭޓުން ކުރިހޯދީ 3-2 އިންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާ ލެވަކޫސަނުން ރޭގެ މެޗުގައި ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު، ރޯމާގެ ގޯލުގައި ހުރި ރުއީ ޕެޓްރީޝިއޯ ކައިރިން ގޯލެއް ވަންނަ ގޮތެއް ނުވި އެވެ. ބަޔާ ލެވަކޫސަނަށް ކުޅޭ އީރާންގެ ފޯވާޑް، ސަރްދާރް އަޒްމޫން އާއި ޖަރުމަނުގެ ވިންގް، ފްލޯރިއަން ވްރިޓްޒް އަދި ފްރާންސްގެ ފޯވާޑް، މޫސާ ޑިއާބީ އަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހިޔަނުދޭން ރޯމާ ޑިފެންޑަރުން ވެސް މޮޅަށް ކުޅުނެވެ.

ޔުވެންޓަސް އިން ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ޑޫސާން ވްލަހޯވިޗް ޖެހި ގޯލުން ލީޑުނެގި އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ވްލަހޮވިޗަށް ލިބުނު ފުރުސަތުން ގޯލެއް ޖަހައި، ޔުވެންޓަސް އަށް ކުރިހޯދައިދިން ނަމަވެސް އެ ލީޑު އެ ޓީމަށް ދެމެހެއްޓޭ ގޮތެއްނުވި އެވެ. އޭގެ ހަ މިނިޓް ފަހުން، ސެވިއްޔާގެ އެރިކް ލަމޭލާ ދިން ބޯޅައަކުން އެ ޓީމުގެ މިޑްފީލްޑަރު، ސޫސޯ ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފުގައި ސެވިއްޔާ އިން ވަނީ މެޗުން މޮޅުވި ލަނޑު ޖަހައިފަ އެވެ. ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހަތް ވަނަ ފަހަރަށް ހޯދަން މަސައްކަތް ކުރަމުން އަންނަ ސެވިއްޔާ މޮޅުކޮށްދިން ލަނޑު ޖެހީ ލަމޭލާ އެވެ. އެއީ ޒުވާން މިޑްފީލްޑަރު ބްރަޔާން ގިލް ދިން ބޯޅައަކުންނެވެ.

ސެވިއްޔާ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ މާކޯސް އަކޫނިއާ އަށް އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ދެއްކި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ޔުއެފާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދީ އިންގްލެންޑްގެ ވެސްޓް ހޭމް ޔުނައިޓެޑް އާއި އިޓަލީގެ ފިއޮރެންޓީނާ އެވެ.

ސެމީ ފައިނަލް ދެ ވަނަ ލެގުގައި ވެސްޓް ހޭމް އިން ވަނީ ޕަބްލޯ ފޯނާލްސްގެ ގޯލުން، ނެދަލެންޑްސްގެ އޭޒެޑް އަލްްކްމާރް ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ. އެގްރިގޭޓުން ބަލާއިރު، ވެސްޓް ހޭމް މޮޅުވީ 3-1 އިންނެވެ. އަނެއް ސެމީ ފައިނަލްގައި ފިއޮރެންޓީނާ އިން ވަނީ ބަސެލް ދަނޑުގައި ރޭ 3-1 އިން މޮޅުވެ، އެގްރިގޭޓުން 4-3 އިން ކުރިހޯދައިފަ އެވެ.

މި ފަހަރު ޔޫރަޕްގެ ކްލަބް ލެވަލްގެ ތިން ފައިނަލުގައި ވެސް އިޓަލީގެ ކްލަބްތައް ވާދަކުރާނެ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާން ވާދަކުރާއިރު، ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޯމާ އަދި ކޮންފަރެންސް ލީގުގެ ފައިނަލުގައި ފިއޮރެންޓީނާ ކުޅޭނެ އެވެ.