Advertisement

ސިފައިން ކަޓުވާލައި ވެމްކޯ އިން ފައިނަލުގެ ފަހު ޖާގަހޯދައިފި

19 މޭ 2023 - 06:02 0

ވެމްކޯ ޓީމުގެ ކެޕްޓަން، ހުޒަންޓެ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސިފައިން ކަޓުވާލައި ވެމްކޯ އިން ފައިނަލުގެ ފަހު ޖާގަހޯދައިފި

19 މޭ 2023 - 06:02 0

އިންޓަ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު ތިން ވަނަ ސެމީ ފައިނަލުގައި ސީދާ ތިން ސެޓުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ސިފައިން) ބަލިކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ވެމްކޯ މޮޅުވީ 25-21، 25-15 އަދި 25-21 އިންނެވެ.

ރޭގެ މެޗަށް ނުކުތްއިރު ސިފައިންގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކި އެޓޭކަރު، ހުސެއިން ރައްޒާން ފަޔަށް އަނިޔާވެ، ރޭގެ މެޗުގައި ނުކުޅެވުމެވެ. ރައްޒާން އަށް އަނިޔާވީ ފުރަތަމަ ސެމީ ފައިނަލުގައި އާބަންކޯއާ ދެކޮޅަށް ސިފައިން ކުޅުނު މެޗުގަ އެވެ. ސިފައިންގެ ޓީމުން ރައްޒާންގެ ބަދަލުގައި ރޭގެ މެޗުގައި ގިނަ ވަގުތުތަކެއްގައި ތަޖުރިބާކާރު ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ ބޭނުންވަނީ ހިފައިފަ އެވެ.

ވެމްކޯ ޓީމުގެ ވިނީތު (މ) ޝޮޓެއް ފޮނުވާލަނީ: ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ވިނީތު އަށް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އިންޑިއާގެ ކުޅުންތެރިޔާ، ވިނީތު ކުމާރް އާއި ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގައި ވެމްކޯ އިން ވަނީ ޖުމްލަކޮށް ބަލާއިރު، ތިން ސެޓުގައި ވެސް އަތުން ކޮންޓްރޯލް ނުގެއްލި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސިފައިންގެ ޓީމުން އާދަމް ނަސީމް (އެޑަމް) އާއި ސްރީ ލަންކާގެ ކުޅުންތެރިޔާ، މަދުޝަކާ، ކޮންމެ ވެސް ވަރަކަށް ފުރަތަމަ ސެޓުގައި ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް އެއް ފެންވަރެއްގައި ޓީމަށް ނުކުޅެވި، ޕްރެޝަރުގައި ގޯސްތަކެއް ހެދުނީ އެވެ.

އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ވެމްކޯ އިން ފައިނަލާ ހަމައަށް ކުރި ދަތުރުގައި ހަމައެކަނި ބަލިވެފައިވަނީ ގްރޫޕް ސްޓޭޖުގައި ސިފައިން އަތުންނެވެ. ފައިނަލަށް ވެމްކޯ އިން ދަތުރު މި ކުރީ ސިފައިން ބަލިކުރުމަށް ފަހު އެވެ. ފައިނަލުގައި ވެމްކޯ އިން އާބަންކޯއާ ބައްދަލުކުރާނީ މާދަމާރޭ އެވެ. އާބަންކޯ ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އާބަންކޯ ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ވޮލީ ޓީމަށް ގިނަ ފަހަރުތަކެއް މަތިން ކޯޗުކޮށްދިން މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ފައިނަލް މެޗު ފަށާނީ މާދަމާރޭ 20:30 ގަ އެވެ.