Advertisement

ޗާގޯސް މައްސަލަ: އިލްމުވެރިންގެ ގުޅުމުން ރައީސް އަށް ތިން ހުށަހެޅުމެއް

16 މޭ 2023 - 20:07 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އިލްމުވެރިންގެ ގުޅުމުން މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރަނީ. ފޮޓޯ:އިލްމުވެރިންގެ ގުޅުން


ޗާގޯސް މައްސަލަ: އިލްމުވެރިންގެ ގުޅުމުން ރައީސް އަށް ތިން ހުށަހެޅުމެއް

16 މޭ 2023 - 20:07 0

ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން އެ ޖަޒީރާތަކާ ދެމެދު ކަނޑުގެ ސަރަހައްދު ބެހި މައްސަލާގައި ހުރި ކަންބޮޑުވުންތަކެއް އިލްމުވެރިންގެ ގުޅުމުން މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކޮށް، ތިން ހުށަހެޅުމެއް ހުށަހަޅައިފި އެވެ.

އިލްމުވެރިންގެ ގުޅުމުގެ ވަފުދަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް ހުށަހެޅި އެއް ކަމަކީ އިން ކަނޑައެޅުމުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމި ނިންމުން މުރާޖައާކުރަން އެ ޓްރައިބިއުނަލަށް ރާއްޖޭގެ ފަރާތުން ހުށަހެޅުމެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ހުށަހެޅި އަނެއް ކަމަކީ އިލްމުވެރިންގެ ގުޅުމުން، ރައީސަށް ދެންނެވި ވާހަކަތައް، ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވުމެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ކަމަށް ބަލައިގެން ކަނޑުގެ ސަރަހައްދުގެ އިން ކަނޑައަޅަން އިޓްލޮސް އިން ނިންމީ އެކަމުގައި ރާއްޖޭން ކުރިން ގެންގުޅުނު ސިޔާސަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަދަލުކުރުމުން ކަަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެގޮތަށް ކަންތައް ކުރުމުން އިން ކަނޑައެޅި އިރު ރާއްޖޭގެ ކަނޑު ސަރަހައްދުން ބައެއް ގެއްލިފައިވާ ކަަމަށް ވެސް އެގޮތަށް ވާހަކަ ދައްކާ މީހުން ތުހުމަތުކުރެ އެވެ. އެކަމުގައި އިދިކޮޅު އެންމެން ގުޅިގެން ފެށި މަސައްކަތަށް އިލްމުވެރިންގެ ގުޅުމުން ތާއީދު ކުރި އެވެ.

އިލްމުވެރިން ރައީސާ ބައްދަލުކުރައްވައި ހުށަހެޅުއްވި ތިންވަނަ ކަމަކީ އެ ބޭފުޅުން އިސްނަންގަވައިގެން އިންގތިޒާމްކުރާ ބަހުސެއްގައި އިދިކޮޅު މީހުންނާ އެކު ސަރުކާރުން ބައިވެރިވުމެވެ.

ޗާގޯސްއާ ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރައްހައްދު މޮރިޝަޝްއާއި ރާއްޖެއާ ދެމެދު ބަހައިލަން އިޓްލޮސް އިން ނިންމި ނިންމުން ސަރުކާރުން ސިފަކުރަނީ ކާމިޔާބީއެއްގެ ގޮތުގަ އެވެ. އެއީ ސަރަހައްދު ބެހުމުގައި އިޓްލޮސް އިން މިން އެޅީ މޮރިޝަސް އިން ބުނި ނުކުތާގެ ބަދަލުގައި ރާއްޖޭން ބުނި ފާހަގަޖެހި ހިސާބުން ފަށައިގެން ކަމަށް ވާތީ އެވެ.

އެ މައްސަލާގައި އިދިކޮޅުން ތުހުމަތު ކުރަނީ ސަރުކާރުން ގަސްދުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތަށް ތުހުމަތުކޮށް، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ދެކޮޅަށް ވެސް ހަމަ އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅަން އިދިކޮޅުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޒުލުކުރަން ހުށަހަޅާނެ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.