Advertisement

ރިސޯޓު ތަރައްގީ ކުރަން ވ. އަތޮޅުން ފަޅެއް ދޫކުރަން އަތޮޅު ކައުންސިލުން ދެކޮޅު!

19 މޭ 2023 - 16:21 1

އަހުމަދު އާއިދު

އަހުމަދު އާއިދު


ރިސޯޓު ތަރައްގީ ކުރަން ވ. އަތޮޅުން ފަޅެއް ދޫކުރަން އަތޮޅު ކައުންސިލުން ދެކޮޅު!

19 މޭ 2023 - 16:21 1

ހިމާޔަތްކޮށްފައިވާ ތަނެއް ކަމަށް ކަނޑެއެޅުމަށް މަސައްކަތްކުރަމުން އަންނަ ވ. އަތޮޅުގެ ފަޅެއް, ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކުރަން އުޅޭ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފި އެވެ.

ކުއްޔަށް ދޭން އުޅެނީ ވ. އަތޮޅު ފޮއްތެޔޮފަޅުގެ 400 ހެކްޓަރެވެ.

އެ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ "އަދަދު" ނޫހަށް ވިދާޅުވީ އެ ފަޅުގެ ބައެއް ހިއްކައިގެން ރިސޯޓެއް ހެދުމަށް މިނިސްޓްރީން ނިންމީ ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށާއި ކައުންސިލާއެކު އޮންލައިން ބައްދަލުވުމެއް ބާއްވަން ނިންމީ އެ ފަޅު ކުއްޔަށް ދޭން ހުރިހާ ކަމެއް ނިންމުމަށް ފަހު ކަމަށެވެ.

"ކުއްޔަށް ދޭން ނިންމުމުގެ ކުރިން [މިނިސްޓްރީން] ޖެހޭނެ އަތޮޅު ކައުންސިލާ ވާހަކަ ދައްކަން، އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ [ފަޅު ކުއްޔަށް ދިނުމަށް] ހުރިހާ ކަމެއް ނިންމާފަ އޭގެ މަޝްވަރާއަށް ދާން މި ބޭނުންވަނީ، އެއީއެއް ނޫން އެކަން އޮންނަން ވާނެ ގޮތަކީ،" ޝުޖާއު ވިދާޅުވި އެވެ.

ފޮއްތެޔޮފަޅަކީ ހިކި ދިޔައިގައި 12 ވަރަކަށް ފިނޮޅު އޮންނަ ގުދުރަތީ ރީތިކަން ލިބިފައިވާ ސަރަހައްދެކެވެ. އަދި އެހެން ދިރުންތައް ވެސް މުއްސަނދި އެ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން އެންވަޔަރަމަންޓު މިނިސްޓްރީއާއެކު މަޝްވަރާކުރަމުން އަންނަތާ ހަތަރު ވަރަކަށް މަސް ވެއްޖެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.އެހެންވެ ފަޅު ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާ ނިންމުން ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޅު ހިމާޔަތް ކުރުމުގެ މަޝްވަރާތައް ކުރިޔަށް ދިޔަ ނަމަވެސް އެކަން މުޅިން ކަނޑައެޅެނީ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ ލަފައާއެކުގައި ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.