Advertisement

ތަކުރާރުކޮޮށް ވިޕާ ހިލާފުވި ހަތަރު މެމްބަރަކު އެމްޑީޕީގައި ތިބެން ފަހު ފުރުސަތު ދީފި

16 މޭ 2023 - 12:03 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


ތަކުރާރުކޮޮށް ވިޕާ ހިލާފުވި ހަތަރު މެމްބަރަކު އެމްޑީޕީގައި ތިބެން ފަހު ފުރުސަތު ދީފި

16 މޭ 2023 - 12:03 1

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކިއެކި ކަންކަމުގައި ނެރުނު ވިޕްލައިންތަކާ ތަކުރާރުކޮށް ހިލާފުވި ހަތަރު މެމްބަރަކު އެ ގޮތް ދޫކޮށް ޕާޓީގައި ދެމިތިބެން ފަހު ފުރުސަތު ދޭން ނިންމައިފި އެވެ.

ތަކުރާރުކޮށް ވިޕާ ހިލާފުވެވަޑައިގެންފައި ވާތީ ނަސޭހަތް ދިނުމަށް ފަހު، ޕާޓީން ވަކިކުރުމުގެ ކުރިން ދޭ ފަހުގެ އިންޒާރު ދޭން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނިންމީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ލަތީފަށެވެ.

އެ ހަތަރު މެމްބަރުންނަކީ ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުން ފެކްޝަނުގެ މެމްބަރުންނެވެ. އެ ފެކްޝަންގައި އުޅުއްވާ 13 މެމްބަރުންގެ ތެރެއިން، އެތައް މެމްބަރަކަށް މީގެ ކުރިން ވެސް އެމްޑީޕީން ވަނީ ނަސޭހަތާއި އިންޒާރު ދީފަ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުންނަށް ޕާޓީން ދޭ އިނާޔަތްތައް ކަނޑައިލަން ވެސް މީގެ ކުރިން ނިންމި އެވެ.

އެ މެމްބަރުންނަށް ފަހުގެ އިންޒާރުދޭން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ ތަކުރާތުކޮށް ވިޕާ ހިލާފުވާ މައްސަލައިގައި ފިޔަވަޅު އަޅައިދޭން އެދި ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގަ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެޕާޓީން މެމްބަރަކު ވަކިކުރުމުގެ ކުރިން އަޅާ ހަތަރު ފިޔަވަޅެއް އޮވެ އެވެ.

ވަކިކުރުމުގެ ކުރިން އަޅާ ފިޔަވަޅުތައް

  1. ނަސޭހަތް ދިނުން
  2. ނަސޭހަތް ދީ، މާފަށް އެދެން އެންގުން
  3. އިނާޔަތްތައް ކަނޑައިލުން
  4. ޕާޓީގައި އަދާކުރާ މަގާމުން ވަކިކޮށް، އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް މަނާކުރުން

ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުމުގެ މެމްބަރުން ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވުމާއި އެމްޑީޕީ އިސްވެ އޮތް ސަރުކާރަށް ފާޑުކިއުން ފަދަ ކަންތައްތައް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް އެ މެމްބަރުންނާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޒުލުކުރަން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ މައްސަލައަކަށް ފިކުރެއްގެ ދިރުމުން ތާއީދުކުރި ހިސާބުންނެވެ. އެކަމަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކުރަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.