ލިވަޕޫލްގެ ޖޯންސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އެންމެ ފަހުން ހަތަރު މެޗުގައި ޖޯންސް ވަނީ ތިން ގޯލު ޖަހާފައި.
ލެސްޓާ (މެއި 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ ދަނޑުގައި 3-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ލީގުގެ ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 35 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. ލެސްޓާ އަތުން ހޯދި މޮޅާ އެކު ލިވަޕޫލުން ވަނީ 36 މެޗުން 65 ޕޮއިންޓް ހޯދައިފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މީގެ ހަ ހަފްތާ ކުރިން މީހަކު ލިވަޕޫލަށް މި ސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގައި ނިންމޭނެ ކަމަށް ނޫނީ އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅެން ކޮލިފައިވާނެ ކަމަށް ބުނި ނަމަ ގަބޫލުނުކުރާނެ ކަމަށެވެ. އެކަމަކު، ކުރެވުނު މަސައްކަތުން މިހާރު އާދެވިފައި ހުރި ހިސާބާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
"އަހަރެމެން ބޭނުމީ މެޗުތަކުން މޮޅުވާން. ބާކީ ދެން ހުރި ކަންކަން (އެހެން ޓީމުތަކުގެ މެޗުތައް) ވެސް ހިނގާނެ،" ކްލޮޕް ބުންޏެވެ.
ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ވެސް ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. މެޗުގެ 33 ވަނަ މިނިޓްގައި ޖޯންސް ވަނީ މުހައްމަދު ސަލާހު ނެގި ހުރަހަކަށް އަރައި، ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ކޯންސް އިތުރު ގޯލެއް ޖެހީ ސަލާހު ދިން ބޯޅައަކުންނެވެ. މި ލަނޑު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
ލިވަޕޫލަށް ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހައިދޭން ކޯޑީ ގަކްޕޯ ޖެހި ޝޮޓް ލެސްޓާގެ ކީޕަރު، ޑެނިއަލް އައިވާސަން ވަނީ މަތަކޮށްފަ އެވެ.
މެޗުގައި ލިވަޕޫލުން ޖެހި ތިން ވަނަ ލަނޑު ކާމިޔާބުކުރީ 71 ވަނަ މިނިޓްގަ އެވެ. މިއީ ހިލޭ ޖެހުމަކުން ސަލާހު ޖައްސާލި ބޯޅައެއް ހަމަޖެހިލައިފައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ޖެހި ގޯލެކެވެ.
ރޭގެ މެޗުން ބަލިވެ، ލެސްޓާ ރެލިގޭޓްވުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެ ގޮތުން، 2016 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ލެސްޓާ މި ވަގުތު ލީގުގެ 19 ވަނައިގައި އޮތީ 36 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.
Comment